ކީރިތި ޤުރްއާން ކިޔެވުމުގައި ދެގޮތެއްވެއެވެ. އެތަނުން ފުރަތަމަ ގޮތަކީ ކީރިތި ޤުރްއާނުގެ ދެލިގަނޑު ކިޔުމެވެ. އެކަމަށް ޢާންމު ގޮތެއްގައި މިކިޔަނީ (މާނަކިޔުމެއްނެތި) ޚަތިމްގައިވާ އާޔަތްތައް ކިޔުމެވެ. ދެވަނަ ގޮތަކީ އާޔަތްތަކުގެ މާނަ އާއިއެކުގައި ކިޔަވައި މާނަ ދަސްކުރުމެވެ. މާނަ އާއިމެދުގައި ވިސްނައި އަދި ޙުކުމްފުޅުތަކާއިމެދު ވިސްނައި ޙުކުމްފުޅުތައް ދަސްކުރުމެވެ.
އަޅުގަނޑުމެންގެ މައްޗަށް އޮތީ އަމިއްލައަށް ނުއެނގޭކަމުގައި ވާނަމަ ފޮތްތަކާއި ވެބްސައިޓުތައްވެސް ބަލައި އަދި ޢިލްމްވެރިންގެ އަރިހުގައި އަހައި އޮޅުންފިލުވައި ދަސްކުރުމެވެ. އެހެނީ ކީރިތި ޤުރްއާން ﷲ ތައާލާ ބާވައިލައްވަވާފައިވަނީ އެއާއިމެދު ވިސްނައި ފިކުރުކުރުމަށެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ "އެފޮތަކީ ތިމަން ﷲ ކަލޭގެފާނުގެ މައްޗަސް ބާވައިލެއްވެވި ފޮތެކެވެ. އެއީ ބަރަކާތް ލެއްވެވިގެންވާ ފޮތެކެވެ. އެފޮތުގައިވާ އާޔަތްތަކާއިމެދުގައި ވިސްނައި ފިކުރުކުރުމަށްޓަކައެވެ. އަދި ބުއްދިވެރިން ހަނދާންކުރުމަށްޓަކައެވެ. މާނައަކީ ކީރިތި ޤުރްއާނާއިމެދު ވިސްނައި ފިކުރުކުރާ މީހަކަށް އެފޮތުގައި (ކީރިތި ޤުރްއާނުގައި) ހަނދާންކުރުންތަކެއްވެއެވެ. އެމީހަކަށް ފައިދާކުރާނެ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ގޮތްތައް ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވެއެވެ.
ސަލަފުން ޞާލިޙޫން، ރަސޫލް (ޞޢވ) ގެ އަޞްޙާބު ބޭކަލުން ކީރިތި ޤުރްއާން ދަސްފުޅުކުރެއްވެވި ގޮތަށް ބަލައިލަމާ ހިންގަވާށެވެ! ޢުޘްމާންގެފާނާއި ޢަބްދުﷲ ބިން މަސްއޫދުގެ އަރިހުން ރިވޭވެގެން އައިސްފައިވެއެވެ. "ތިމަންމެން ބޭކަލުން ރަސޫލް (ޞޢވ)ގެ އަރިއަހުން 10 އާޔަތްކިޔެވުމަށްފަހުގައި ދެން އެ އާޔަތްތަކުގެ މާނައާއި އެ އާޔަތް ބާވައިލެއްވެވި ސަބަބާއި އެ އާޔަތްތަކުގައި ހިމެނޭ ޙުކުމްތަކަކީ ކޮބައިތޯ ބަލައި ދަސްކޮށްފައި މެނުވީ ދެން ކުރިއަކަށް ނުދަމެވެ."
މާނައަކީ އާޔަތުގައިވާ ޢަރަބިބަހުގެ މާނައާއި ﷲ ތަޢާލާ އިރާދަކުރއްވަވާފަިވާ މާނަ ތަފާތުވެދާނެކަމަށްޓަކައި ރަސޫލް (ޞޢވ)ގެ އަރިއަހުން އައްސަވައި އޮޅުން ފިލުއްވަވައި އިތުރު ކަންކަން ދަސްފުޅުކުރައްވަވާކަމެވެ.
ވީމާ މިކަންކަން ދަސްކުރުމަކީ އަޅުގަނޑުމެންވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް މިބަރަކާތްތެރި ރަމަމާން މަހުގައި ވަކިން ޚާއްޞަކޮށް ގޭގައި ބަންދުވެގެން ތިބެންޖެހިފައިވާ މިފަދަ ވަގުތަކު މިކަންކަން ދަސްކުރަން މަސައްކަތްކުރުމަކީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.
އިންސާނާގެ ޙަޔާތް ބާއްޖަވެރިވުމާއި އަބާއްޖަވެރިވުން ބިނާވެފައިވަނީ މި ޤުރްއާނަށް އަޅުގަނޑުމެން ޢަމަލުކުރި މިންވަރަކަށެވެ. އެކަންކަމަށް ބަލައި އަމަލުކުރި މިންވަރަކުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ. ޤުރްއާނާއި ދުރަށް ދިއަވަރަކަށް ދެދުނިޔޭގެ ކަންކަން އަބާއްޖަވެރިވެގެން ހިނގައިދާނެއެވެ.
"ތިމަންﷲގެ ޙަޟްރަތުން ތިއަބައިމީހުންނަސް ހިދާޔަތުގެ މަގު އަތުވެއްޖެ ކަމުގައި ވަނީ ނަމަ ދަންނާށެވެ! ތިމަން ﷲ ގެ ހިދާޔަތަށް ތަބަޢަވެއްޖެ މީހާ އެމީހަކު ގެއްލެނިވެގެން ނުދާނެއެވެ! އަދި އެމީހަކު އަބާއްޖަވެރިވެގެންވެސް ނުދާނެއެވެ. ތިމަން ﷲ ހަނދުމަކުރުމުން ފުރަގަސްދީފި މީހާ ދަންނައެ އޭނާއަށް ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ. އެފަދަ މީހުން ޤިޔާމަތް ދުވަހު ތިމަން ﷲ މަހްޝަރުކުރައްވަވާނީ ލޮލަށް ނުފެންނަ ބައެއްގެ ގޮތުގައެވެ. (ކަނުބައެއްގެ ގޮތުގަ ތިމަން ﷲ އެމީހުން މަޙްޝަރުކުރައްވަވާނަމެވެ. ދެން އޭނާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވަވާ އިލާހްއެވެ. ލޮލަސް ނުފެންނަ މީހެއްގެ ގޮތުގައި ތިމަންނާ މަޙްޝަރުކުރެއްވެވީ ކީއްވެގެންތޯއެވެ؟ ދުނިޔޭގައި ތިމަންނާއަކީ ލޮލަށް ފެންނަ މީހަކީމެވެ. ﷲ ތަޢާލާ އޭނާއަށް ޖަވާބު ދެއްވަވާނެތެވެ. ތިމަން ﷲ ގެ އާޔަތްތައް ތިބާ އާއި ހަމައަށް އައެވެ. ތިބާވަނީ އެ އާޔަތްތައް ހަނދާން ނައްތާލައިފައެވެ. ތިމަން ﷲ ގެ އާޔަތްތަކުގައި ތިއަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކާއި ނަހީކުރައްވަވާފައިވާ ކަންތައްތައް ތިއަބައިމީހުން ވަނީ ހަނދާން ނައްތާލައިފައެވެ. ފުރަގަސްދީފައެވެ. އެހެންކަމުން ތިބާވެސް ވަނީ ހަނދާން ނައްތައިލެވިގެންވާ މީހުންގެ ތެރެއިންނެވެ. އެފަދައިން ފާފަކުރުމުގައި އިސްރާފްކޮށްފައިވާ މީހުންނަސް ތިމަން ﷲ ޖަޒާ ދެއްވަވަނީ އެފަދައިންނެވެ. އަދި އެބައިމީހުން ހައްދަވައި ގެންގުޅުއްވަވާ ﷲ ގެ ޢާޔަތްތަކަސް އީމާންނުވާ މީހުންނަށް ތިމަން ﷲ ޖަޒާ ދެއްވަވަނީ އެފަދައިންނެވެ. އާދި އާޚިރތަތުގެ ޢަޛާބަކީ މާގަދަފަދަވެފައި ދެމިހުންނަ ޢަޛާބެކެވެ."
ވީމާ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދަން ބޭނުން ނަމަ މި ޤުރްއާން ކިޔަވަން އެބަޖެހެއެވެ. މާނަ ދަސްކޮށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ޝަރުޢުކުރައްވަވާފައިވާ ކަންތައްތައް ރަނގަޅަށް އުނގެނި ދަސްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. މާތް ﷲ ވާގިފުޅާއިއެކު އެއިރުން އަޅުގަނޑުމެންނަކީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ވެގެންދާނެއެވެ.
- މިއަދުނޫހަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޚާއްބަ ދަރުސަކުން
ދުރުސްގެ ވީޑިއޯ: