ދަތުރުވެރިޔާ ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމުގައި އަމަލުކުރަން ސުންނަތުގަ އައިސްފައިވާ ގޮތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 58ސ
ދަތުރުވެރިޔާ ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމުގައި އަމަލުކުރަން ސުންނަތުގަ އައިސްފައިވާ ގޮތް!: ޑރ. އިޔާޟް

ދަތުރުގެ ސަބަބުން އެމީހަކަށް ތަކްލީފް ލިބިގެންވާ މީހާ ދަތުރުމަތީގައި ރޯދައަށް ހުރުމެއް ނެތެވެ. އޮތީ އެދވަސްތަކުގައި ރޯދަ ދޫކޮށްލައި އެހެން ދުވަސްތަކެއްގައި އެ ރޯދަތައް ހިފައި ޤަޟާ ކުރުމެވެ. އެަން އެގޮތަށް ކުރައްވަވައި ރަސޫލް (ޞޢވ) ވަނީ އެކަމުގައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. 

ދަތުރުމަތީގައި ނަމަވެސް އެމީހަކަށް ގެއްލުމެއް ނުވެ، ތަކްލީފަކަށް ނުވެ ރޯދަ ހިފޭނަމަ ހިފުމާއި ނުހިފުން ވަނީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅު: 

އަޅުގަނޑުވާނީ ދަތުރު މަތީގައި ރޯދަހިފުމާއި ބެހެގޭތުން ވާހަކަ ދައްކާފައި. އާދެ! އަޅުގަނޑުވާނީ ދަތުރުވެރިޔާ ރޯދަ ހިފުމާއި ނުހިފުން އޭނާގެ މައްޗަށް ހަމަ ދެގޮތްވެސް ހުއްދަވެގެންވާކަން. އޭގެ އިތުރު ދަލީލްތަކެއް އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ގެނެސްދޭނަން. 

އަބޫދަރުދާ ރަޟިއަﷲ އަންހު ތަޢާލާ ވިދާޅުވަނީ " ތިމަންނަމެން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައާ އެކުގައި ދަތުރަށް ނުކުންނެވީމޭ ރަމަޟާން މަހެއްގައި ވަރަށް ހޫނު ގަދަ ދުވަސްވަރެގައި. ހޫނު ގަދަކަމުން ގޮސް ތިމަންމެންގެ ބައެއް މީހުން ބޯމަތީގައި އަތް އަޅައިގެންވެސް ތިބެއެވެ. ތިމަންމެންގެ ތެރޭގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައާއި އަބްދުﷲ ބިން ރަޢުއާހާ ފިޔަވައި ރޯދައަށް ތިއްބެވި ބޭކަލުންނެއް ނުވޭ." 

އެހެންވީމާ މިހަދީޘުންވެސް އެނގެނީ ކުޅަދާނަކަން ހުރެއްޖެކަމަށްވަނީނަމަ ދަތުރުވެރިޔާ ރޯދަ ހިފަންވީއޭ އަދި ކުޅަދާނަކަން ނެތްކަމަށްވަނީނަމަ އެފަދަ މީހަކު ރޯދަ ދޫކޮށްލަންވީއޭ. އާދެ! އެހެން ހަދީޘެއް ޖާބިރު ރަޟިއަﷲ ތަޢާލާ އަންހު ރިވާކުރެއްވި ހަދީޘެއް ވިދާޅުވަނީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް މައްކާ ފަތަހަކުރުމަށްޓަކައި ނުކުމެ ވަޑައިގަންނަވަނީ ރަމަޟާން މަހެއްގައި. ދެން ކުރާޢަލް ޤަމީން ކިޔޭ ތަނަކަށް ވަޑައިގެންނެވި ހިނދުގައި އެކަލޭގެފާނުވެސް އަދި އެކަލޭގެފާނާ އެއްކޮށް ތިއްބެވި ޞަހާބީންވެސް ތިއްބެވީ ރޯދައަށް ކުރާއަލް ޤަމީމްއޭ ކިޔުނު ސަރަހައްދާ ހަމައަށް ދަތުރުކޮށްފައި ވަޑައިގެންނެވުމަށްދާންދެން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްވެސް އަދި އެކަލޭގެފާނުގެ އަޞްހާބް ބޭކަލުންވެސް ތިއްބެވީ ރޯދައަށް. ދެން އެހިސާބަށް ދެވުނު ހިނދުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ އަސްހާބް ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވަޑައިގެން  ދަންނަވަނީ "އޭﷲ ގެ ރަސޫލާއޭ! މީސްތަކުންނަށް ރޯދަ ހިފުން ވަރަށް ބޮޑު ބުރަކަމަކަށް ވެއްޖެއޭ އެހިނދުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ފެންއާރެއް ގެނެސްދެއްވުމަށް ގޮވާލައްވަނީ. ނުވަތަ އެދިވަޑައިގަންނަވަނީ. ދެން އެފެންއާރު ނުވަތަ ފެންއެއްޗެއް ގެނެސްދިނުމަށް އެދިލައްވަނީ. އެފެން ގެނެސްދިނީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް މީސްތަކުން ބަލަންތިއްބާ! ޞަހާބީން އެކަލޭގެފާނުގެ އަމަލުފުޅު ބައްލަވަން ތިއްބަވަނިކޮށް އެކަލޭގެފާނު ފެން ހިއްޕެވިއޭ. އޭގެ މާނައަކީ އުނދަގޫ ހިސާބަކަށް ދިޔައީމާ ރޯދަވިއްލުން ހުއްދަކަމެއްކަން ޞަހާބީ ބޭކަލުންނަށް ދަސްކޮށްދެއްވުމުގެ ގޮތުން އެކަލޭގެފާނު ސަހާބީ ބޭކަލުން ބައްލަވައިގެން ތިއްބަވަނިކޮށް އެފެން ހިއްޕަވަނީ! ދެން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ރޯދަ ދޫކުރެއްވެވީމާވެސް ބައެއް ޞަހާބީން ރޯދަ ދޫކޮށްލެއްވި. އެހެންނަމަވެސް ބައެއް އެހެން ޞަހާބީން ރޯދަ ދޫކޮށްނުލައްވަވާ ތިއްބެވި. 

ދެން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް ޚަބަރު ލިބިވަޑައިގަންނަވަނީ ބައެއް އަސްހާބް ބޭކަލުން ރޯދަ ދޫނުކުރައްވާ ރޯދަ ހިއްޕަވައިގެން ތިއްބެވި ކަމަށް. އެހިނދު ހަދީޘްކުރައްވަވަނީ "އެމީހުންނަކީ އެއީ އުރެދުނު މީހުންނޭ. ސަބަބަކީ އެ ދަތި އުނދަގޫ ހާލަތް ދިމާވީމާވެސް އެމީހުންގެ ހަށިގަނޑަށް ގެއްލުންވާއިރުގައިވެސް ރޯދަ ހިފައިގެން ތިބުން. 

އާދެ! ހަށިގަނޑަށް ގެއްލުންވާ ހިސާބަށް ގޮސްފިކަމަށްވަނީނަމަ ރޯދަ ހިފައިގެން ނުވާނެ. އެފަދަ މީހަކު ޖެހޭނީ ރޯދަ ދޫކޮށްލަން. ރާބިރު ރަޟިއަﷲ އަންހު ތަޢާލާ ރިވާކުރެއްވި އެހެން ހަދީޘެއްގައިވަނީ "ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް ފެނިވަޑައިގަންނަވަނީ މީހަކު, މީސްތަކުން އޭނައަށް ހިޔާ އަޅައިގެން މިތިބެނީ. އޭނާ މިހުންނަނީ ރޯދައަށް. ރޯދައަށް ހޫނު ގަދަދުވަހެއްގައި. ހޫނު ގަދަކަމުން އޭނާއަށް ރޯދަ ނުހިފިގެން މިއުޅެނީ. ދަތުރު މަތީގައި މިއުޅެނީ. ކޮންމެއަކަސް މީސްތަކުން އޭނާއަށް ހިޔާ އަޅައިގެން މިއުޅެނީ. އެއީ ސަބަބަކީ އޭނާ ރޯދައަށް ހުރީމާ އޭނާގެ ރޯދަ ގެއްލުނަ ނުދޭންވެގެން. ކޮންމެއަކަސް މިތަން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަށް ފެނިވަޑައިގެންނެވި ހިނދުގައި ހަދީޘްކުރައްވަނީ "ދަތުރު މަތީގައި ރޯދަ ހިފުން އެއީކީ ރަނގަޅު ކަމެއްނޫނޭ. މާނައަކީ އެއުނދަގުލާއެކުގައި ރޯދަ ހިފުން އެއީ އެމީހަކަށް ބުރައަކަށް، ދަތުރުމަތީގައި ބުރައަކަށްވާ ހިނދުގައިވެސް އޭނަ ރޯދަ ހިފުން އެއީ އޭނާއަކަށް ރަނގަޅު ގޮތެއްނޫނޭ." 

އެހެންނަމަވެސް ކުރިންވެސް ދެންނެވި އެއްކަލަ ހަމްޒާގެ ހަދީޘްގައި އައިގޮތަށް އޭނާއަކީ ޒުވާނެއް، އޭނާގެ ކިބައިގައި ކުޅަދާނަކަން އެބަހުރި. އެހެންވެއްޖެކަމަށްވަނީނަމަ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވަވާފައި. ރޯދަހިފުމާއި ރޯދަ ނުހިފުމާ ދެކަންތައްވެސް އެއީ ހަމަ އެއްގޮތް ކަންތައްތަކުގެ ގޮތުގައި ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރަށް އެކަން ދޫކޮށްލައްވާފައި. 

އެހެންނަމަވެސް ބަލިކަށިވުމުގެ ސަބަބުން ނުވަތަ ހަށިގަނޑަށް ގެއްލުންލިބޭ އިރުގައިވެސް ނުވަތަ ހިފަން ހިއްވަރުކޮށްފައި ގަދައަޅާ ހިތްވަރުކޮށްފައި އުޅޭ މީހުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ އެގޮތަށް ރޯދަ ހިފުމަކީ އެއީ ހެޔޮކަމެއްނޫނޭ! އޭގައި ހެޔޮކަމަކީ އޭނާގެ ހަށިގަނޑަށް ގެއްލުން ނުދީ ރޯދަ ދޫކޮށްލުން. ރޯދަ ދޫކޮށްލާފައި އެހެން ދުވަސްތަކެއްގައި އޭނާގެ އެރޯދަ ޤަޟާކުރުން. އެހެންވީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ހިފައިގެން އެކަލޭގެފާނު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ނަމޫނާގައި އަޅުގަނޑުމެންގެ ކަންތައްތައް ބެހެއްޓީމާ އެއީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅުގޮތް!  

ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ހެޔޮގޮތް މެދުވެރިކުރައްވާށި! އާމިން. ވައްސަލާމް އަލައިކުމް ވަރަހުމަތުﷲ ވަބަރަކާތް. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން