މީސްތަކުންގެ ކިބައިގައި ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް އަންގަވާފައިވާ ސިފައަކީ ކެތްތެރިކަމެވެ. ނަމަވެސް މީސްތަކުންގެ ތެރޭގައި މިއަދު އެންމެ ބޮޑަށް ނެތިގެން ގޮސްފައިވަނީ ކެތްތެރިކަމެވެ. އަދި ކީއްހެއްޔެވެ؟ މީސްތަކުންގެ ކެތްތެރިކަން މިހައިވަރަށް ކޮޅުންލައިގެން މިއުޅެނީ ﷲ ތައާލާ، ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއި އެކުގައި ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އޮތް އިރުގައިވެސް މެއެވެ!
ޙާލަތު ބަދަލުކޮށްދެއްވެވޭނީވެސް، ތިމާ އެދޭކަންކަން ހިންމަވައި ދެއްވެވޭނީ ވެސް ހަމައެކަނި ﷲ ތަޢާލާއަށްކަންވެސް އަހަރެމެން އެބަ ޤަބޫލުކުރަމުއެވެ. އެހެންކަމާއިއެކުގައިވެސް މިހައި ވަރަށް ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ﷲ ތައާލާގެ ވަހީ ބަސްފުޅު ޤަބޫލުކުރެވޭ މިންވަރާއިމެދުގައިވެސް ސުވާލުއުފެދެއެވެ.
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލްބަޤަރާ: 153)
އާދޭސްކޮށްފައި ބުނަމެވެ! ﷲ ތައާލާގެ އެންގެވުމަށް ޢަމަލުކުރާށެވެ! ކެތްތެރިކަން އިސްކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރާށެވެ! އިސްތިޣްފާރުކުރުން ގިނަކުރާށެވެ! ކުރިމަތިވެފައި މިވާ މުޞީބާތްތަކުން އަރައިގަނެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. އެދޭކަންތައް އެދޭ ގޮތަށް ޙާޞިލުވުމަށް އޮތް މަގަކީވެސް ހަމަ އެއީއެވެ.
ޖެހގެން މިއުޅެނީ ހަމަ އެންމެ މައްސަލައެވެ!
"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (އަލްބަޤަރާ: 45)
ކުރީ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ " ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ!" ނަމަވެސް މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ " ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ!"
މިފަދައިން ވަޙީ ކުރެއްވެވުމަށްފަހު ދެން ވަޙީ ކުރައްވަވާފައި އެވަނީ "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)"
ވީމާ ޖެހިގެން މިއުޅޭ މައްސަލަ ނުވަތަ ސަބަބުވެސް މިވަނީ ބަޔާން ކުރައްވަވައިފައެވެ. ކެތްތެރިކަމާއިއެކު ނަމާދުން ވާގިހޯދާ ބައަކު ކަމުގައި ނުވެވިގެން މިއުޅެނީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރި ނުވެވޭތީއެވެ. އެކަން ހާޞިލުކުރެވިއްޖެ ނަމަ ހުރިހާ ކަމެއްވެސް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން