މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިއަދު އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުން ދުނިޔޭގައި ކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެންނެވެ. ހިންގަން ބޭނުންވާ މަޝްރޫޢުތައް ނުހިންގިގެންނެވެ. ބުރިބުރިއަށް ގެދޮރު ނުއުފުއްލިގެންނެވެ. ވިޔަފާރިތައް ފުޅައު ނުކުރެވިގެންނެވެ. މަތީ މަޤާމުތަކަށް ނުދެވިގެންނެވެ.
ތިމާ އާއި މަރު ކޮންމެ ވަގުތަކުވެސް ބައްދަލުވެދާނެ ކަމާއިމެދު ވިސްނައި އާޚިރަތް ދުވަހަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ވަމުންދަނީ ވަރަށް މަދު މީހެކެވެ. ތެދަށް ބުނާކަމަށްވާނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ވިސްނައި އާޚިރަތް ގެއްލިދާނެ ކަމަށް ބިރުގަންނަނީ ވަރަށް މަދު މީހެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަރަކާތްތެރި ރަމަޟާން މަހަކީ މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރުން އިތުރުކޮށް އާޚިރަތް ދުވަސް ކާމިޔާބުކުރުމުގެ މަސައްކަތް އިތުރުކުރަންވީ މަހެވެ. ޝައިޠޯނުންގެ ތެރެއިން ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާފައިވުމުން ތަޤްވާވެރިވާން ކުރާ މަސައްކަތް އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ރަމަމާން މަސް ނިމިގެންދާއިރު މީހާއަށް ވާނީ އެކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއްވެސް ޙާޞިލުކުރެވިފައެވެ.
ވީމާ ރަމަޟާން މަހަކީ ﷲ ތައާލާ އާއި ކުއްތަންވުން އިތުރުކޮށް ތަޤްވާވެރިކަން އިތުރުކުރަން ބޭނުންވާ މީހާއަށް އެކަން ކުރަން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! ރަމަޟާންމަހުން ދެން ބާކީ އޮތީ 14 ވަރަކަށް ދުވަހެވެ. އެދުވަސްކޮޅުގެ ބޭނުންވެސް އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތައާލާއަށް ބިރުވެތިވާށެވެ! ކޮންމެ ވަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. ތައުބާވުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން