ތިރީގައި މިވަނީ ރޯދަ ބާޠިލުވުމާއި ބެހޭގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ދަރުސެއްގެ ލިޔުމެވެ. މި މއަުލޫމާތަކީ ހަމަ ކޮންމެ މީހަކަށް ވެސް ކޮންމެ ހެން އެނގެން ޖެހޭނެ މައުލޫމާތު ކަމުގައި ފާހަގަކުރެވެއެވެ!
ޑރ. އިޔާޟްގެ ދަރުސް:
އާދެ! މިއަދު އަޅުގަނޑު ތިބޭފުޅުންނާއި ބައްދަލުކޮށްލައި ހިއްސާކޮށްލަން ގަސްދުކުރަނީ ރޯދަ ބާޠިލްވާ ކަންތައްތަކާއިބެހޭގޮތުން.
އާދެ! ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރޯދަ ބާޠިލްވުމަށް ތަފާތު ކަންތައްތަކެއްވޭ. އޭގެ ތެރެއިން އެއްކަމަކީ ރޯދައަށްހުރެ ޖިމާޢުވުން. ނުވަތަ ދެމަފިރިކަމުގެ ގުޅުން ހިންގުން. އާދެ ސުންނަތް ރޯދައަށްކަމުގައި ވީނަމަވެސް އަދި ފަރުޟު ރޯދައެއްކަމުގައި ވީނަމަވެސް ރޯދައަށް ހުރެ އެފަދަ ކަމެއް ކޮށްފިކަމަށްވާނަމަ އެމީހެއްގެ ރޯދަ ބާޠިލްވާނެ.
ވަކިން ޚާއްސަގޮތެއްގައި ރަމަޟާންމަހު ރޯދައަށް ހުންނަ ވަގުތު އެފަދަ ކަންތައްތަކުން ދުރުހެލިވާން މަސައްކަތްކުރަންޖެހޭ. ސަބަބަކީ ރަމަޟާންމަހު ދުވާލުގަޑީގައި އެފަދަކަމެއް ކުރެވިއްޖެކަމަށްވަނީނަމަ ނުވަތަ ކޮށްފިކަމަށްވަނީނަމަ އެމީހަކު ވަރަށް ހަރުކަށި ކައްފާރާއެއް އެބަދޭންޖެހޭ. އެއީ ވިދިވިދިގެން ދެމަސްދުވަހު އޭނާ ރޯދައަށް ހުންނަންޖެހޭ އެފަދަ ކަމެއް ކުރެވިއްޖެކަމުގައިވަނީނަމަ ނުވަތަ ކޮށްފިކަމުގައިވަނީނަމަ.
އަދި ހަމައެއާއެކުގައި ތަޢުބާވެ އެގެއްލުވާލި ރޯދަ އަނބުރާ ހިފާ ގަޟާކުރަންވެސް ޖެހޭ. އަދި ސުންނަތް ރޯދައަކަށްހުރެވެސް ރޯދައަށް ހުންނަވަގުތުގައި އެފަދަ ކަމެއް ހިންގައިފިކަމުގައި ވަނީނަމަ އެމީހެއްގެ ރޯދަ އެހިސާބުން ބާޠިލްވެގެންދާނެ. އެހެންކަމުން ރޯދައަށް ހުންނަ ވަގުތުގައި އެފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވާންޖެހޭ.
ދެވަނަ ކަމެއްގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވަނީ މަނި ބޭރުކުރުން. އާދެ! މަނި ބޭރުކުރުމާއި ބޭއިޚްތިޔާރުގައި ބޭރުވުމާ ތަފާތު. މިސާލަކަށް މީހަކު ނިދާފައި އޮއްވާ އޭނައަށް ފެންނަ ހުވަފެނެއްގެ ސަބަބުން ނުވަތަ ކޮންމެވެސް އެހެން ކަމެއްގެ ސަބަބުން އޭނާގެ ބޭއިޚްތިޔާރުގައި އޭނާގެ މަނި ބޭރުވެގެންދަނީ. އެހެންވެއްޖެކަމަށްވަނީނަމަ އޭނާގެ ރޯދަ ބާޠިލެއް ނުވާނެ.
އެހެންނަމަވެސް އޭނާ ކުރާކަމެއްގެ ސަބަބުން، އަނބިމީހާއާ ލޯބިކުރުމުގެ ސަބަބުން ނުވަތަ މަންޒަރެއް ބެލުމުގެ ސަބަބުން ނުވަތަ މަންޒަރެއް ހިތަށް ތަޞައްވަރު ކުރުމުގެ ސަބަބުން އޭނާ ގަސްދުގައި މަނި ބޭރުކޮށްފިކަމުގައިވަނީނަމަ އޭނާގެ ރޯދަ ބާޠިލްވެގެންދާނެ. އަދި އޭނާ ތަޢުބާވާންވެސް ޖެހޭނެ. އެއާއެކުގައި އޭނަ އެރޯދަ ޤަޟާކުރަންވެސް ޖެހޭނެ.
އާދެ މިހާލަތުގައި ޖިމާޢުނުވާކަމުގައިވަނީނަމަ ކައްފާރާ ދޭކަށެއް ނުއެއްޖެހޭނެ. އެހެންނަމަވެސް ރޯދައަށް ހުންނަ ވަގުތުގައި އަނބިމީހާއާ ލޯބިކުރުމުގެ ސަބަބުން ނުވަތަ އަނބިމީހާއަށް ބޮސްދިނުމުގެ ސަބަބުން އެމީހަކަށް އޭނާގެ ޝަހުވަތް ކޮންޓްރޯލްކުރެވޭނެކަމުގަ ޔަޤީންކަން އޮންނަކަމުގައިވަނީނަމަ އަނބިމީހާއަށް ބޮސްދިންކަމުގައި ވީނަމަވެސް އަދި އަނބިމީހާއަށް ލޯބިކުރިކަމުގައިވީނަމަވެސް މައްސަލައެއްނެތް.
ސަބަބަކީ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ރޯދައަށް ހުންނަވައިގެން އެކަލޭގެފާނުގެ އަނބި އަނބިކަނބަލުންނަށް ބޮސް ދެއްވައި އަދި އަނބިކަނބަލުންނާ ލޯބިކުރައްވާފައި އެބަހުރި.
އާދެ! ތިންވަނަ ކަމެއްގެ ގޮތުގައި އިލްމުވެރިން ފާހަގަކުރައްވާފައިވަނީ ކެއުމާއި ބުއިން.
އާދެ! ރޯދައަށް ހުރުމަކީ އެއީ ފަޖުރުލީންސުރެންގޮސް އިރުއޮއްސުމަށްދާންދެން ހަށިގަނޑަށް އެއްވެސް ކާއެއްޗެއް އަދި ބޯއެއްޗެއްވެސް ނުފޮނުވާ ހުރުން. އެހެންވީމާ ރޯދައަށް ހުރެގެން ކާއެއްޗެއް ކައިފިކަމުގައިވަނީނަމަ ނުވަތަ ބޯއެއްޗެއްބޮއެފިކަމަށް ވަނީނަމަ އެހިސާބުން އެމީހެއްގެ ރޯދަ ބާޠިލްވެގެންދާނެ. އެއީ ރަމަޟާން މަހުގެ ރޯދަ ނުވަތަ ފަރުޟު ރޯދައެއްކަމަށްވަނީނަމަ އޭނާ އެގެއްލުވާލި ރޯދަ އަލުން އަނބުރާ ގަޟާކުރަންޖެހޭނެ.
އާދެ! ރޯދަ ބާޠިލްވާ އަނެއްކަމަކީ އެއީ ގަދަކަމުން ހޮޑުލުން. އާދެ! ގަދަކަމުން ހޮޑުލުމާއި ބޭއިޚްތިޔާރުގައި ނުވަތަ ބައްޔެއްޖެހުމުގެ ސަބަބުން އޭނައަށް ހޮޑުލެވުމާއި އެއީ ތަފާތު ކަމެއް. އެހެންވެގެން ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ "މީހަކު ބޭއިޚްތިޔާރުގައި ނުވަތަ ބައްޔެއް ޖެހުމުގެ ސަބަބުން އޭނާއަށް ހޮޑުލެވުނީ ކަމަށް ވެއްޖެ ނަމަ އޭނާގެ އެރޯދަ ޤަޟާކުރާކަށް ނުޖެހޭނެ" ކަމަށް. މާނައަކީ އޭނާގެ ރޯދަ ބާޠިލެއް ނުވެއޭ! އޭނާ ރޯދަ ކުރިއަށް ގެންދަންވީއޭ!
"އެހެންނަމަވެސް މީހަކު ގަސްދުގައި ގަދަކަމުން ހޮޑުލައިފިކަމަށްވަނީނަމަ އެމީހަކު އެރޯދަ އަލުން ޤަޟާކުރާށޭ." މާނައަކީ އޭނާގެ ރޯދަ އެހިސާބުން ގެއްލިގެން ދިޔައީއޭ. ރޯދަ ބާޠިލްވީއޭ. ގަދަކަމުން ހޮޑުލުމުގެ ސަބަބުން އޭނާ ޖެހޭނީ ދެން ފަހުން އަނެއްކާ އެހެން ދުވަހަކުން އެރޯދަ ގަޟާކުރަން.
ރޯދަ ބާޠިލްވާ އަނެއްކަމަކީ ހައިޟު ނުވަތަ ނިފާސްކަން ކުރިމަތިވުން. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ކިބައިން ވާރިދުވެފައިވަނީ އަންހެން ކަނބަލުންނާ ބެހޭގޮތުން "އެކަނބަލުން ހައިޟުވެއްޖެކަމުގައި ވަނީނަމަ ރޯދައެއްވެސް ނުހިފާނެއޭ އަދި ނަމާދެއްވެސް ނުކުރާނެއޭ." މާނައަކީ އެދުވަސްވަރުގައި އެކަނބަލުން ރޯދަ ހިފުމަކީ އަދި ނަމާދުކުރުމަކީވެސް އެއީ ކޮށްގެންވާނެކަމެއްނޫންކަން.
ރޯދަމަހު ގެއްލޭ ރޯދަތައް އެކަނބަލުން ހައިޟުވުމުގެ ސަބަބުން ނުވަތަ ނިފާސްކަމާ ކުރިމަތިލުމުގެ ސަބަބުން ގެއްލޭ ރޯދަތައް އެކަނބަލުން އެހެން ދުވަސްތަކެއްގައި ޤަޟާކުރަންޖެހޭ. އެހެންނަމަވެސް އެދުވަސްތަކުގައި ގެއްލޭ ނަމާދު އަލުން ޤަޟާ ކުރާކަށް ނުޖެހޭ.
އުންމުލް މުޢުމިނީނަ އައިޝާ ރަޟިއަﷲ ތަޢާލާ އަންހާއަށް މިކަމާއިމެދުގައި ސުވާލުކުރެވުމުން އެކަމަނާ ޖަވާބުގައި ވިދާޅުވެފައިވަނީ ތިމަންމެންނަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިވަސައްލަމް ދުނިޔޭގައި ހުންނަވަނިކޮށް ތިކަންތައްތައް ލައިގަތީ. އެބަހީ ހައިޟުގެ ކަންތައްތަކާއި ދިމާވެގެން ރޯދަ ނުހިފި އަދި ނަމާދު ނުކުރެވިވެސްދެޔޭ . އެހެންނަމަވެސް ތިމަންމެންނަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިވަސައްލަމް އަމުރު ކުރައްވާފައިވަނީ ހައިޟު ނުވަތަ ނިފާސްކަމުގެ ސަބަބުން އެގެއްލޭ ރޯދަތައް ގަޟާކުރުމަށޭ އެހެންނަމަވެސް އެދުވަސްވަރު އެގެއްލޭ ނަމާދު ޤަޟާކުރުމަކަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިވަސައްލަމް އަމުރުކުރައްވާފައެއް ނުވެއޭ.
އާދެ! ރޯދަ ބާޠިލްވާ އަނެއްކަމެއްގެ ގޮތުގައި ބައެއް އިލްމުވެރިން ފާހަގަކުރައްވާފައި ކަވާ ޖެހުން. އެހެންނަމަވެސް ކަވާ ޖެހުމާއި ބެހޭގޮތުން އޭގެ އެންމެ ރަނގަޅު ގޮތަކީ ކަވާ ޖެހުމުގެ ސަބަބުން އެމީހަކަށް އަމިއްލަ ނަފްސަށް އޭގެ ގެއްލުންނުވެ، ބައެއް ފަރާތްތަކުން ކަވާ ޖެހީމާ އެލޭ ބޭރުކުރީމާ ބައެއްފަހަރަށް ހަށިގަނޑު ދެރަވެގެން އެމީހުންނަށް ރޯދައަށް ނުހުރެވޭވަރު ވެދާނެ. އެހެންވެއްޖެކަމުގައިވަނީނަމަ އެފަދަ މީހުން ރޯދައަށް ހުރެގެން ކަވާ ނުޖެހުމަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިވަސައްލަމް އިރުޝާދު ދެއްވާފައިވަނީ.
އެހެންނަމަވެސް އެގޮތަށް އެކަހަލަ ވަރުބަލިކަމެއް ނާންނާނެ މީހަކު އެފަދަ މީހުން ރޯދައަށް ހުރެގެން ކަވާ ޖެހިކަމުގައި ވިޔަސް އެމީހުންގެ ރޯދަ ބާޠިލެއްނުވާނެ. ސަބަބަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިވަސައްލަމްގެ ބައެއް އަސްޙާބް ބޭކަލުންވެސް ރޯދައަށް ހުންނަވައިގެން ކަވާ ޖައްސަވާފައި އެބަހުރި. އެހެންވީމާ މިއަށް އަޅުގަނޑަށް ދެންނެވޭނީ މިސާލަކަށް މީހަކަށް ލޭހަދިޔާ ކުރަންޖެހިގެން ލޭ ހަދިޔާ ކުރިކަމުގައިވީނަމަވެސް އެމީހެއްގެ ރޯދަ އިން ޝާ ﷲ ބާޠިލެއްނުވާނެ.
އެހެންނަމަވެސް އޭނާގެ ހަށިގަނޑުގެ ބަލިކަށިކަމާ ހުރެ އޭނައަށް ރޯދައަށް ހުރެގެން ލޭ ނުދެވޭނެކަމަށްވަނީނަމަ އެންމެ ރަނގަޅު ގޮތަކީ ރޯދަ ވިއްލައިގެން އެކަންކުރުން. އެހެންވީމާ މިކަމާއިބެހޭގޮތުން ތިބޭފުޅުންނަށް ފައިދާކުރަނިވި މަޢުލޫމާތުތަކެއް ގެނެސްދެވިއްޖެކަމަށް ހީކުރަމުން އަޅުގަނޑުގެ މިއަދުގެ ވާހަކަކޮޅު ނިންމާލާނަން.
- މިއަދުނޫހަށް ޚާއްޞަކުރައްވައިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ދަރުސަކުން
ދަރުސްގެ ވީޑިއޯ: