ރޯދަ ގެއްލޭ ޢަމަލެއް ކުރެވުނު ނަމަވެސް ރޯދަ ނުގެއްލޭނެ 3 ޙާލަތެއްވެއެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 24ސ
ރޯދަ ގެއްލޭ ޢަމަލެއް ކުރެވުނު ނަމަވެސް ރޯދަ ނުގެއްލޭނެ 3 ޙާލަތެއްވެއެވެ!: ޑރ. އިޔާޟް

ތިރީގައި މިވަނީ ރޯދަ ގެއްލޭ ކަމެއް ކުރެވުނު ނަމަވެސް ރޯދަ ނުގެއްލޭނެ 3 ޙާލަތު ބަޔާންކުރައްވަވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ދަރުސެއްގެ ލިޔުމެވެ. 

ޑރ. އިޔާޟް ދަރުސް: 

އާދެ! އިއްޔެގެ ބައްދަލުވުމުގައި އަޅުގަނޑުވާނީ ތިބޭފުޅުންނަށް ރޯދަ ގެއްލޭ ކަންތައްތައް އަދި ރޯދަ ބާޠިލްވާ ކަންތައްތައް އަދި ރޯދަވެރިޔާ އެކަމެއް ކުރުމުން މީހެއްގެ ރޯދަ ބާޠިލްވެގެންދާ ކަންތައްތަކުގެ ވާހަކަ ކިޔައިދީފައި. އެހެންކަމަށްވީނަމަވެސް މިކަމުގެ ތެރޭގައި އެބައޮވޭ ރޯދަވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ހުންނަ ކަންތައްތަކާއި އިޚްތިޔާރުން ބޭރުގާ ކަންތައްތައް. 

މިސާލަކަށް ހައިޟު ނިފާސްގެ ކަންތައްތައް. އެއީއަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައިވާ ކަންތައްތަކެއްނޫން. އެހެންވީމާ އެފަދަ ކަމެއް ދިމާވިކަމުގައިވިޔަސް އެކަންތައްތައް ފިޔަވައި ދެންހުރި ކަންތައްތައް ރޯދަ ބާޠިލްވާ ކަންތައް މިސާލަކަށް، ކެއުން ބުއިން ކަމުގައިވީނަމަވެސް ނުވަތަ ގަސްދުގައި ހޮޑުލުންކަމުގައިވީނަމަވެސް މިކަންތައްތަކުން ރޯދަ ގެއްލުމުގައި ތިން ޝަރުތެއް އިލްމުވެރިން ކަނޑައަޅުއްވާފައިވޭ. 

ފުރަތަމަ ކަމަކީ އެއީ އެކަމެއް ކުރުމުން އެއީ ރޯދަ ގެއްލޭ ކަންތައްތައްކަން އޭނާއަށް އެނގިގެން ކުރާ ކަމެއްކަމުގައި ވާންޖެހޭނެ. މިސާލަކަށް ގަސްދުގައި ހޮޑުލައިފިކަމުގައިވަނީނަމަ އޭގެ ސަބަބުން ރޯދަ ގެއްލޭނެކަން ނުވަތަ ރޯދަ ބާޠިލްވާނެކަން އޭނާއަށް އެނގިގެން ކުރެވޭ ކަމެއް ކަމުގައި އެކަން ވާންޖެހޭނެ. ނޭނގި އެކަން ކުރިކަމުގައިވީނަމަވެސް އޭނާގެ ރޯދަ ބާޠިލެއް ނުވާނެ. އޭގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގައި ވަހީކުރައްވަނީ "ހައްދަވާ ގެންގުޅުއްވާ އިލާޙްއޭ އަޅަމެންނަށް ނޭނގި ކުރެވިފައިވާ ކަންތައްތަކާއި އަދި އަޅަމެންނަށް ހަނދާންނެތިގެން ކުރެވިފައިވާ ކަންތައްތަކާއި އަޅަމެއްނަށް ފާފައެއް ނުދެއްވާފާންދޭއެވެ. ނުވަތަ އެކަމުން އަޅަމެންނަށް މުޢާހަޒާ ނުކުރައްވާފާންދޭވެ. އެހެން އާޔަތެއްގައި ﷲ ވަހީކުރައްވަނީ "ތިޔަބައިމީހުންނަށް ނޭނގި ކުރެވޭ ކަންތައްތަކާއި އެކަމުގެ ޙުކުމް ނޭނގި ތިޔަބައިމީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންނުވާ ކަމެއް ކުރެވުނުކަމުގައި ވީނަމަވެސް ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތޭ. އެއީ ތިޔަބައިމީހުންނަށް ނޭނގި ކުރެވޭކަމަކަށް ވީތީއޭ." އެހެންނަމަވެސް ތިޔަބައިމީހުންނަށް އެކަމަކީ އެއީ ﷲ ރުހިވޮޑިގެންނުވާކަމެއްކަން ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަރާމްކުރައްވާފައިވާ ކަމެއްކަން އެނގިހުރެ އެކަމެއް ކުރީމާ އެއީއޭ ﷲ ސުބްޙާނަހޫ ވަޠައާލާ އެކަމަކަށް މީހެއްގެ ފަރާތުން އެމީހަކަށް އަދަބު ދެއްވާނެ ކަމަކީ. 

އާދެ! އަނެއްކަމަކީ މިސާލަކަށް ހަނދާންނެތިގެން ރޯދަވެރިޔާ ރޯދައަށް ހުރެގެން ހަނދާން ނެތިގެން އެފަދަ ކަމެއް ކުރެވިދާނެ. ހަނދާންނެތިގެން މިސާލަކަށް އެއްޗެއް ކެވުނީ ނުވަތަ އެއްޗެއް ބޮވުނީ. އެހެންވެއްޖެކަމަށްވަނީނަމަ އޭނާގެ ރޯދަ ބާޠިލެއްނުވާނެ. ހަނދާންހުރެ އެފަދަ ކަމެއް ކުރި މީހަކަށް އޭނާ ވާންޖޭހެނެ. އެއީ ދެވަނަ ޝަރުޠަކީ. މިސާލަކަށް އޭނާ ހުރީ ރޯދައަށްކަން އޭނާ ހަނދާނުގައި ހުރެ އެހެންނަމަވެސް ރޯދައަށް ހުރެގެން އޭނާ އެއްޗެއް ކެއީ ނުވަތަ އެއްޗެއް ބުއީ އެހެންވެއްޖެކަމަށްވަނީނަމަ ނުވަތަ އޭނާ ރޯދައަށް ހުރިކަން އޭނައަށް އެނގިހުރެ އަދި ރޯދައަށްހުރެ ހޮޑުލައިފިކަމަށްވަނީނަމަ ރޯދަގެއްލޭނެކަންވެސް އޭނައަށް އެނގިހުރެ އޭނާ ހޮޑުލީ. އެހެންވެއްޖެކަމުގައިވަނީނަމަ އޭނާގެ ރޯދަ ގެއްލޭނެ. 

އާދެ! ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވަނީ "ހަނދާންނެތިގެން ކައިފިމީހާ، ރޯދައަށްހުރެ ހަނދާންނެތިގެން އެއްޗެއް ކައިފިމީހާ، އޭނާގެ ރޯދަ ފުރިހަމަކުރާށޭ.  ހަމަކަށަވަރުން އޭނާއަށް ކާންދެއްވީވެސް އަދި ބޯންދެއްވީވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއޭ." 

އެހެންވީމާ އޭނައަށް ނޭނގި ހަނދާންނެތިގެން ރޯދައަށް ހުރިކަން ހަނދާންނެތިގެން އޭނާއަށް ކެވުނީ ނުވަތަ އެއްޗެއް ބޮވުނީ ކަމަށްވަނީނަމަ އޭނާގެ ރޯދަ ނުއެއް ގެއްލޭނެ. 

އާދެ! ތިންވަނަ ޝަރުޠެއްގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވަނީ އިޚްތިޔާރު ލިބިގެން އޭނާ ކުރާކަމެއްކަމުގައިވާންޖެހޭނެ. މިސާލަކަށް މީހަކު އޭނައަށް މަޖުބޫރުކޮށްގެން ގަދަކަމުން ކާންދެން އޭނާއަށް މަޖުބޫރުކޮށްގެން އޭނާ ނުކައިފިކަމަށްވަނީނަމަ. މިސާލަކަށް އޭނާގެ ފުރާނަ ދުއްވާލަފާނެކަމަށް ބިރުދައްކައިގެން އޭނާ ލައްވާ އެކަން ކުރުވީ. އެހެންވެއްޖެކަމަށްވަނީނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެ. އެފަދަ ހާލަތެއްގައި އޭނާ އެއްޗެއް ބޭނުންކޮށްގެން. 

އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަޠައާލާ ކީރިތި ޤުރުޢާންގައި ވަހީކުރައްވަނީ "ﷲ ސުބްޙާނަހޫ ވަޠައާލާއަށް އީމާންވުމަށްފަހު އެކަލާނގެއަށް ކާފަރުވެއްޖެ މީހާ މަޖުބޫރުކުރެވިގެން ނޫނީ، މަޖުބޫރުކުރެވިގެން އޭނާގެ ދުލުން ކުފުރުގެ ބަސްބުނާއިރުގައި އެހެންނަމަވެސް އޭނާގެ ހިތުގައި އީމާންކަން ފުރިހަމައަށް އެބައޮތް. އޭނާގެ ހިތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރޭ. އެހެންނަމަވެސް އޭނާއަށް މަޖުބޫރުވެގެން އޭނާ ކުފުގެ ބަސް އޭނާ ދުލުން ބުނަނީ. 

ﷲ ވަހީކުރައްވަނީ އެހެންނަމަވެސް އެމީހަކު އަމިއްލަ އިޚްތިޔާރުގައި އަމިއްލަ ރުހުމުގައި ކުފުރުގެ ބަސް ބުނެފިކަމަށްވަނީނަމަ އެފަދަ މީހުންނަށް ﷲ ސުބްޙާނަހޫ ވަޠައާލާގެ ކޯފާއާ ވޭންދެނިވި އަޒާބު ހުއްޓޭ. އެހެންވީމާ މިއާޔަތުން ދޭހަވަނީ މީހަކު މަޖުބޫރުވެގެން ކުފުރުގެ ބަސް ބުނިކަމުގައިވީނަމަވެސް އޭނާގެ މައްޗަކަށް ﷲ ސުބްޙާނަހޫ ވަޠައާލާ ކުފުރުގެ އަދަބެއް ނުދެއްވާނެކަން. އަދި އޭނާއަށް ﷲ މަޢާފްކޮށްދެއްވާނެކަން. އޭނާ މަޖުބޫރުވެގެން ކުފުރުގެ ބަސް ބުނުމަކުން އޭނާ ކާފިރުވެގެނެއްވެސް ނުދާނެކަން. 

އެހެންވީމާ މިއަށް ރިއާޔަތްކޮށް ޢިލްމުވެރިން ވިދާޅުވަނީ މިސާލަކަށް މީހަކު ރޯދަވެރިޔާއަށް މަޖުބޫރުކުރުވީ ރޯދަ ވިއްލަން. ނުވިއްލައިފިކަމުގައިވަނީނަމަ އޭނާގެ ފުރާނައަށް ގެއްލުންދީފާނެ ފަދަ ކަމެއްގައި ބިރު ދައްކަނީ. އެހެންވެއްޖެކަމަށްވަނީނަމަ އޭނާއަށް ބިރުން އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނުވަތަ މަޖުބޫރީ ހާލަތުގައި އޭނާ ރޯދަ ދޫކޮށްލިކަމުގައިވީނަމަވެސް އޭނާގެ ރޯދަ ބާޠިލެއްނުވާނެކަމުގައި އިލްމުވެރިން ވިދާޅުވަނީ. 

ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވަނީ "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަޠައާލާ ތިމަންކަލޭގެ ފާނުގެ އުންމަތުގެ މީހުން ލުއި ދެއްވާފައޭ. އެމީހުންނަށް ނޭނގި ކުރެވޭ ކަންތައްތަކަށް. އެކަމުގެ ޙުކުމަކީ ކޮބައިކަން އެމީހުންނަށް ނޭނގި ކުރެވޭ ކަންތައް  އަދި ހަނދާންނެތިގެން ކުރެވޭ ކަންތައްތައް. އަދި އެމީހުންނަށް މަޖުބޫރުކުރެވިގެން ކުރެވޭ ކަންތައްތައް، އެކަންތައްތަކަށް ﷲ ސުބްޙާނަހޫ ވަޠައާލާވަނީ މަޢާފްކޮށްދެއްވާފައޭ." 

އެހެންވީމާ ހަނދާންނެތިގެން ނުވަތަ އެކަމުގެ ޙުކުމް ނޭނގިގެން ނުވަތަ މީހަކު މަޖުބޫރުކުރުވައިގެން ރޯދަވެރިޔާ ރޯދަ ދޫކޮށްލިކަމުގައިވީނަމަވެސް އެމީހެއްގެ ރޯދަ އިންޝާﷲ ތަޢާލާ ނުގެއްލޭނެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއްކަމުގައި ލައްވާށި! އާމިން! 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

 

މިއަދު އޮންލައިން