އިންސާނުންނަކީ ބަލިކަށިބައެކެވެ! ޞަޢީފް ނިކަމެތި ބައެކެވެ. އެހެންކަމުން ފާފަކުރެވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އަދި ބައެއް ފާފަތައް ކުރެވެން ފެށުމުން އެކަންކަން ކުރަން ދެވި ވެސް ހިފައެވެ.
އެހެން އެވަނީ ޝައިޠޯނާ އޭނާގެ މުޅި ވިސްނުން ހިޞޯރުކޮށް އަޅުވެތިކޮށްފައިވާތީއެވެ! ފާފަކުރަން އާދަވެވިފައި ތިބޭ ބައެއް މީހުންގެ ލޮލަށް އެމީހުން ފާފަ ނުކުރަނީސް ނިދިއަޔަނުދީ އެބަހިފަހައްޓައެވެ. މިހައި މިންވަރަށް ޝައިޠޯނާ އެމީހުން އަޅުވެތިކުރުވައެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ލޮކްޑައުންގެ ޙާލަތާއި އަދި މިފަދަ ވަގުތެއްގައި ރަމަމާން ަމސް އަޅުގަނޑުމެންނާއި ބައްދަލުކުރުން މިއީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި އެނމެ ބޮޑު އެއްއ ނިޢްމަތެވެ!
އެންމެ ގިނަ ބައަކު ދެވިހިފާފައިވަނީ ބަނގުރާބުއިމަށާއި ޒިނޭ ކުރުމަށެވެ. ހިތާމަ އާއިއެކު ބުންނަ ޖެހެނީ މުސްލިމުންގެ މެދުގައި ވެސް މި ނުބައި ޢަމަލުތައް ޢާންމުވެފައިވާ ކަމަށެވެ. ކޮންމެއަކަސް މިއަދު ވިސްނަންވީ ތައުބާ ވުމަށެވެ! އިޞްލާޙްވުމަށެވެ! ނައިޓް ކްލަބަތަކާއި ބާރތައް ބަންދެވެ. ހަށިވިއްކާ ތަންތަން ވެސް ބަންދެވެ. ހަށިވިއްކާ އަންހެނުންނަކަށް ވެސް ބޭރަށް ނުކުމެ އެމީހުންގެ ވިޔަފާރިއެއްވެސް ނުކުރެވެއެވެ.
މިކަންކަން މިފަދައިން ވަނިކޮށް ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. ވީމާ ﷲ ތައާލާއަށް ބިރުވެތިވެ ތައުބާވުމަށް އެދޭ މީހާއަށް މިހައި ރަނގަޅު ފުރުޞަތެއް ލިބޭނެ ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ހަމަ ހަޤީޤތުގައިވެސް ނެތީއެވެ. މިހެން ބުނަންވެގެން ވަރަށް ބޮޑަށް ވިސްނީމެވެ. ވަރަށް ގިނަ ކަންކަމަށް ވިސްނީމެވެ. ނަތީޖާގައި ވަރަށް ސާފުކޮށް ފެންނަން އޮތީ ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން ބޭނުންވާ މީހާއަށް އެކަން ކުރަން މިއަށްވުރެ ފަސޭހަ ދުވަސްތަކެއް ނުފެނިދާނެ ކަމަށެވެ!
ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރުން ހުއްޓާލައިފ ތައުބާވެއްޖެނަމަ އެމީހަކަށް ﷲ ތާޢާލާގެ ރަޙްމަތްފުޅު އޮހެންފަށާނެއެވެ. އެމީހަކަށް ނުވެސް އެނގޭހައި ގޮތްގޮތަށް އެމީހަކަށް ނިޢްމަތްތައް ލިބެންފަށާނެއެވެ. ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ!
މިއަދު ފާފަކުރަނީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ! އަންހެނުންވެސް ކުރެއެވެ. ވީމާ އެކަނބަލުންވެސް މިފަދަ ކަންކަމަށް ވިސްނާށެވެ! ތައުބާ ވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން