ލިބިފައިވާ ފުރުޞަތުގަ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުހެލަން އެންމެ ފަސޭހަ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ލިބިފައިވާ ފުރުޞަތުގަ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުހެލަން އެންމެ ފަސޭހަ މަގު!

ރޭގަނޑު ކުރެވޭ ފާފަތަކަށް ތައުބާއަށް އެދޭ މީހާގެ ފާފަތައް ދުވާލުވުމުން ފުއްސަވައި ދެއްވަވައެވެ. ދުވާލުކުރެވޭ ފާފަތަކަށް  ތައުބާވުމުން ރޭގަނޑުވުމުން އެބަ ފުއްސަވައި ދެއްވަވައެވެ. ނުވަތަ އިރާދަކުރައްވަވައިފި އަޅަކަށް ވަގުތުން ވެސް ފުއްސަވައި ދެއްވަވައެވެ. 

ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާ މިހައިވަރަށް ދީލަތިވެވޮޑުގެންވާއިރު އަހަރެމެންގެ ޖާހިލުކަން ބޮޑުކަމުން މިއުޅެނީ 24 ގަޑިއިރުތެރޭ އެންމެ 100 ފަހަރު (އަސްތަޣްފިރުﷲ) ކިޔައި ނުލެވިގެންނެވެ. މިކަމަށް 5 މިނިޓްވެސް ނުނަގާނެއެވެ. އެވަރުންވެސް އެވަރު ވެސް ކޮށެއް ނުލެވެއެވެ. އަހަރެމެންގެ ބިޒީކަން ބޮޑުވެގެންގޮސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލުމަށްޓަކައި އެވަރުގެ ވަގުތުކޮޅެއްވެސް ހުސްކޮށްލެވެން ނުއޮންނަނީއެވެ. 

އަހަރެމެން ކޮންމެ މީހަކީވެސް މަދުވެގެން ދުވާލަކު 100 ފަހަރު ﷲ ތަޢާލާއަށް ދަންނަވަން ޖެހޭ މީހެކެވެ. ކޮންކަމަކަށް އެދިހެއްޔެވެ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. މިމޭރުމުން މިބުނީ ދުވާލަކު އިސްތިޣްފާރުކުރަންވީ ޢަދަދު ސީދާ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ނުވި ނަމަވެސް އިތިރު އެކަލޭގެފާނު (ޞޢވ) ކޮންމެ ދުވަހަކު 70، 100 ފަހަރު އިސްތިޣްފާރުކުރައްވަވާފައިވާތީއެވެ. 

މީސްތަކުންނޭވެ! (އަސްތަޣްފިރުﷲ) ކިޔުން މިއަދު މިވަނީ ގެއްލިގެން ގޮސްފައެވެ. ނަމަވެސް އެއީ ރަސޫލް (ޞޢވ) ކޮންމެ ދުވަހަކު ކުރެއްވެވި ކަމެކެވެ. ބައެއް ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މަދުވެގެން ދުވާލަކު 70 ފަހަރުއެވެ. އަނެއްބައި ބޭކަލުންގެ އަރިއަހުން ދުވާލަކު މަދުވެގެން 100 ފަހަރު ކަމަށްވެސް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން ބަހުސް ކުރަންވީ 100 ފަހަރުތޯ ނުވަތަ 70 ފަހަރުތޯއެއް ނޫނެވެ. ކުރަންވީ ކަމަކީ ގިނަ އަދަދަށް ބުރަވެ މަދުވެގެން ދުވާލަކު 100 ފަހަރު (އަސްތަޣްފިރުﷲ) ކިޔައި ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދެންވީއެވެ. 

އަހަރެމެން ދުވާލަކު 1 މިލިއަން ފަހަރު ކިޔުމަކުން އަދި އެންމެ ފަހަރަކު ނުކިޔުމަކުން ﷲ ތަޢާލާއަށް އެއްވެސް ތަފާތުކަމެއް، އުނި އިތުރެއް ނުވެއެވެ. ގިނައިން ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުނުވަރަކުން އެކަމުގެ ފައިދާކުރާނީ ހަމަ އެކަން ކުރި މީހަކަށެވެ. 

ލޮބުވެތި އަޚުތުންނާއި އުޚުޔުންނޭވެ! އަހަރެމެން ކޮންމެ މީހަކީވެސް ފާފަތައް ކުރެވޭނެ މީހެކެވެ. އޮތީ ތައުބާވުމެވެ. އިސްތިޣްފާރުކުރުމެވެ. ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުމަށް އޮތް އެންމެ ފަސޭހަމަގަކީ ވެސް އިސްތިޣްފާރުކުރުން ގިނަކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން