ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު އެންމެ މުހިންމު ކަމަކީ ނަރަކައިން ދިންނެވުން އެދިގެން މަސައްކަތްކުރުމެވެ. ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރެއް ޞަދަޤާތްކޮށްގެން ވެސް ނަރަކައިން ސަލާމަތްވުމަށެވެ.
ކުރިންވެސް ބުނަމުން އަންނަ ފަދައިން ލޮކްޑައުންގެ މިޙާލަތުގައި ޞަދަޤާތް ބަހަން ގެއިން ބޭރަށް ނުދެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މައިން ބަފައިންނަށާއި ޢާއިލާގެ މީހުންނަށް ބަދަޤާތްކުރާށެވެ! އަނބިދަރިންނަށްވެސް ޞަދަޤާތްކުރާށެވެ! ޔަޤންކުރަންވީ ކަމަކީ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރެވޭ ކަމެވެ.
އަހަރެމެން މީހަކަށް 10 ޑޮލަރު ނުވަތަ އެމީހަކު ބޭނުން ވަރަކަށް ޞަދަޤާތް ކުރުމުން ﷲ ތަޢާލާއަށް ކުރާނެ އެއްވެސް މަންފާއެއް އޮންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ﷲ ތައާލާ ވަނީ ހުރިހާ ކަމަކުން ފުދިވޮޑިގެންނެވެ. އެއްވެސް އެހެން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އިޚްލާޞް ސޫރަތުގެ 2 ވަނަ އާޔަތް ކިޔައިބަލާށެވެ. "ﷲއީ، އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނެގެ އެވެ." އޮތުމުން ވެސް މިކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟
މީސްތަކުންނޭވެ! އެމީހަކަށް ކުރެވެން އޮތްވަރަކުން ގިނަގިނައިން ޞަދަޤާތް ކުރަންވީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށްޓަކައެވެ. އާޚިރަތް ދުވަހުން ސަލާމަތްކަން ލިބިގަތުމަށެވެ. ތިމާއަށް ކުރެވޭ ހެޔޮ އަމަލުތައް ގިނަކޮށް ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށްޓަކައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން