ރަމަޟާންމަހާ ބައްދަލުކުރީ ޙަޔާތަށް ހެޔޮ ބަދަލުތަކެއް ގެންނަން ކަމުގައިވާނަމަ މި 5 އާޔަތަށް އަމަލުކުރާށެވެ! ނަތީޖާ ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ރަމަޟާންމަހާ ބައްދަލުކުރީ ޙަޔާތަށް ހެޔޮ ބަދަލުތަކެއް ގެންނަން ކަމުގައިވާނަމަ މި 5 އާޔަތަށް އަމަލުކުރާށެވެ! ނަތީޖާ ފެންނާނެ! އިން ޝާ ﷲ

ރަމަޟާން މަހާއި ކުރިމަތިލާއިރު ކޮންމެ މުސްލިމްކުވެސް ބޭނުންވާނެ އެއްކަމަކީ ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެހެންކަމުން އެފަދަ ބަދަލެއް ގެންނަން ބޭނުން މީހާ މި 5 އާޔަތާއިމެދު ފުންކޮށް ވިސްނައިލާށެވެ. ވިސްނައި ފިކުރުކޮށްފިނަމަ ގިނަ ކަންތައްތަކެއް އެނގިގެންދާނެއެވެ. އެކަމުގެ ސަބަބުން ޙަޔާތަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެއެވެ. 

"މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟' (އަލްޢަންކަބޫތު: 2)

މިއާޔަތުން އެނގިގެންދަނީ ހަމަ އެކަނި އީމާން ވެއްޖައިން ކަމަށް ދުލުކުރިން ބުނެލުމަކުން ނުފުދޭނެ ކަމެވެ. އީމާން ކަމާއި އިސްލާމް ކަމުގެ ރުކުންތަކަށް އަމަލުކުރަން ޖެހޭނެ ކަމެވެ. އެ މަގުގައި ސާބިތުވެ ތިބެން ޖެހޭނެ ކަމެވެ. އެމީހެއްގެ ކިބައިގައި އީމާންތެރިކަން ހުރި މިންވަރު އިމްތިޙާން ކުރައްވަވާނެކަމެވެ. ނިޢްމަތްތައް ދެއްވަވައިގެންނާއި ނިޢްމަތްތައް މިންވަރުކުރެއްވެވުމަށްފަހު އަނބުރައި ގެންދަވައިގެންވެސް އިމްތިޙާން ކުރައްވަވާނެކަމެވެ! ފާގަތި ދުވަސްތަކާއި ދަތި އުނދަގޫ ދުވަސްތައް ކުރިމަތި ކުރައްވަވައިގެންވެސް އިމްތިޙާންކުރައްވަވާނެ ކަމެވެ. 

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤްދެއްވާނެތެވެ. އަދި ﷲ އަށް ވަކީލް ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އައްޠަލާޤް: 3)

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢަލާއަށް ވަކީލުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ. ރިޒްޤު ދެއްވަވާނެ ކަމެވެ. ﷲ ތަޢަލާ ނޫން އެއްވެސް ފަރާތަކުން އެއްވެސް  އެހީތެރިކަމަކަށް ބޭނުން ނުވާނެ ކަމެވެ. އަހަރެމެންނަށް ދެއްވަވާނީ ﷲ ތަޢާލާ  ކަނޑައަޅުއްވަވާފައިވާ މިންވަރެއް ކަމެވެ. އެ މިންވަރަށް ވަކީލުކޮށް ޝުކުރުވެރިވާން ޖެހޭނެ ކަމެވެ. ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ އިންތަކުން ކަންކަން ލިބިގަތުމަށް މަސައްކަތް ކުރުމެއް ނެތްކަމެވެ. 

"އެ ޞަދަޤާތަކާއި ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫ ކުރުން، ހެޔޮކަން މާބޮޑެވެ. ﷲ އީ، ފުދިވޮޑިގެންވާ، ޙަލީމް ވަންތަ ރަސްކަލާނގެއެވެ." (އަލްބަޤރާ: 263)

އަހަރެމެން މުސްލިމުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެ ބައެކެވެ. ޞަދަޤާތްކުރުމާއިއެކު ދުލުން ހެޔޮ ބަސްތައް ބުނެ އެހެން މީހުންނަށް އެހީތެރިވެދޭ ބައަކަށްވާނެ ޖެހެއެވެ. މީސްތަކުންގެ ބޭނުންތައް ދެނެގަނެ އެ ބޭނުންތައް ފުއްދައިދޭ ބައަކަށްވެސް ވާން ޖެހެއެވެ. މިކަންކަން ފުރިހަމަ ނުކޮށް ހަމަ އެކަނި އަޅުކަން ކުރުމަކުން ނުފުދެއެވެ. އަޅުކަން ކުރުމާއިއެކު މިކަންކަންވެސް ފުރިހަމަކުރަން ޖެހެއެވެ. 

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ  ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ" (އަލްބަޤަރާ: 186)

ﷲ ތަޢާލާ ވަނީ އަހަރެމެންނާއިއެކު ކުއްތަންވެވޮޑިގެނެވެ. އަހަރެމެން ދުޢާ ކުރުމުން އެ ދުޢާ އިޖާބަ ކުރައްވަވަތެވެ. ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އަޅުކަން ކުރުމުން ފުދުނީ ކަމަށެވެ. ފާފައަކަށް އަރައި ނުގަނެ ހުރުމުން ފުދުނީ ކަމަށެވެ. ﷲ ތަޢާލާއަށް ދުޢާ ނުކުރި ނަމަވެސް އެމީހަކު އެދޭހައި ކަންކަމެއް ދާނީ ފުރިހަމަވަމުން ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަހަރެމެންނަކީ ގިނަގިނައިން ދުޢާކުރާ ބައަކަށް ވާން ޖެހެއެވެ. ކަންކަމަށް އެދި އާދޭސް ދަންނަވާ ބައަކަށް ވާން ޖެހެއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވަވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލްޙޫޖްރާތު: 12)

ޣީބަ ބުނުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދެ މީހަކު ބައްދަލުވެ ވާހަކައެއް ދައްކާނަމަ ދެމީހުންގެ އަމިއްލަ ވާހަކަތަކަށްވުރެ ގިނައިން ދައްކާނީ އެހެން ކޮންމެވެސް މީހެއްގެ ވާހަކަތަކެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. ހަމަ އެއާއިއެކު މީސްމީހުންނަށް ޝައްކުކޮށް ފާރަ ނުލާށެވެ. ބައެއް ހީތަކަކީ ފާފައެކެވެ. ޖާސޫސްކޮށްގެން ކަންކަން ހޯދަން މަސައްކަތް ނުކުރާށެވެ. އަހަރެމެންނަށް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. ފާފަފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދެނެނެވުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭ މީހުންގެ ފާފަތައް ގިނަގިނައިން ފުއްސަވައި ދެއްވަވާ ރަޙީމްވަންތަ ﷲ އެވެ. ދީލަތިވަންތަ އަދި އޯގާތެރިވަންތަ ރަސްކަލާނގެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކީރިތި ޤްރުއާނުގެ މި 5 އާޔަތުގައި ބަޔާންކުރައްވަވާފައި އެވަނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ވަރަށް ގިނަ އިރުޝާދުތަކެވެ. ވީމާ މިފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކޮށްފި މީހަކަށް ރަނގަޅު މަގު ފެނިގެންދާނެއެވެ. އިން ޝާ ﷲ! ޢިބްރަތް ޙާޞިލުކުރުމަކީ އާޔަތްތަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކަންކަން ކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން