ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަސް ފެށި ދެބައިވެ ފަހުބައި ކުޑަވަން މިވަނީ ފަށައިފައެވެ. ފުރަތަމަ 15 ނިމި ފަހު 15 މިވަނީ ފެށިފައެވެ. އިޙްޞާޞްވެސް ނުވެ ތިއްބާ އިސާހިތަކު ރަމަޟާން މަސް މިއަހަރުވެސް އަޅުގަނޑުމެންނާއި ވަކިވެ އަލްވިދާޢު ކިޔައިފާނެއެވެ!
ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރަން އަހަރެމެން ކަމެއް ކުރޭތޯ ބަލަން އެ ދުވަސްތަކާއި ރޭތައް މަޑެއް ނުކުރާނެއެވެ. ހަމަ ދާ ސްޕީޑްގައި ކުރިއަށް ދާނެއެވެ. ވަކި މީހަކު ދަމުނަމާދުކުރޭތޯ ފަތިސް ނަމާދުކުރޭތޯ އދި ޤުރްއާން ކިޔަވާތޯއެއް ނުބަލާނެއެވެ.
މީސްތަކުންނޭވެ! ބަލި ޙާލުގައި އުޅެން ޖެހިފައިވާ މީހުންވެސް ތިބޭނެއެވެ. އެމީހުންނަކީ ލުއިފަސޭހަކަން ލިބިގެންވާ ބައެކެވެ. ކޮންމެ ސުންނަތް އަޅުކަމެއް ވެސް ކުރަންވީ އެމީހަކަށް ކުރެވެން އޮތް ވަރަކަށެވެ.
ރަސޫލް (ޞޢވ)ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. "ތިއަބައިމީހުން (ސުންނަތް) އަޅުކަން ކުރަންވީ، ތިއަބައިމީޙުންނަށް އެކަމަށް ކުޅަދާނަ ވަރަށެވެ! ފަހެ ހަމަކަށަވަރުން، ތިއަބައިމީހުންނަށް އެކަން ނުވެވިގެން ހުއްޓައިލުމަށް ދާންދެން، ތިއަބައިމީހުންގެ ޢަމަލުތަކަށް ޘަވާބާއި ދަރުމަ ދެއްވެވުން، ﷲ ތައާލާ މެދުކަނޑުއްވަވައެއް2 ނުލައްވަވަތެވެ. އަޅުކަމުގެ ކަންކަމުގެ ތެރެއިން، އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަމަކީ، އެމީހަކު އެކަން ހުއްޓައިނުލައި ކުރުމުގައި ދެމިހުންނަ ކަމެކެވެ." (ރިޔާޟުއްޞާލިޙީން: 142)
ވީމާ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން ރޭއަޅުކަންކުރާށެވެ! ކިރިޔާވެސް ކެރޭނަމަ، ކުޅަދާނަކަން ހުރި ނަމަ، ތަރާވީޙް ނަމާދު ނުވަތަ ތަހައްޖުދު ނަމާދުގެ ދެ ރަކްޢަތް ނަމަވެސް ކޮށްލާށެވެ! ނަމާދު ދިގުކުރަން ޢުޒުރުވެރިވާނަމަ ކުރެވޭ ވަރަކަށް ކުރުކޮށްލާށެވެ! އަލްކައުޘަރު ސޫރަތާއި އިޚްލާޞް ސޫރަތް ކިޔަވާލައިގެން ނަމަވެސް 2 ރަކްޢަތް ވިޔަސް ކޮށްލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
ލޮބުވެތި ޒުވާނުންނޭވެ! ގޭގައި ތަރާވީޙް ކުރަން ޖެހުމުން ބުރަކަމެއް ކަމަށް ނުދެކޭށެވެ! ރަވާތިބު ސުންނަތުގެ 2 ރަކްޢަތް ވެސް، 4 ރަކްއަތްވެސް ކުރަނީ ނޫންހެއްޔެވެ؟ ތަރާވީޙްގެ ނުވަތަ ތަހައްޖުދު ނަމާދުގެ މިސާލަކީވެސް ހަމަ އެއީއެވެ. ހަމައެކަނި ބަދަލުކުރަން ޖެހޭނީ ނިޔަތެވެ. ކުރު ސޫރަތް ކިޔަވަމުން 2 ރަކްޢަތުން ސަލާމް ދެމުން ހަމަ ކުރަމުން ގެންދަންވީއެވެ.
ޤުރްއާން ކިޔަވަންވީ އެމީހަކަށް އެނގޭ މިންވަރަކަށެވެ. ފޯނު ނުވަތަ މުޞްޙަފްބަލަިގެންވެސް ކިޔެވިދާނެއެވެ. އެކަންކަން ކުރަން އުނދަގޫވާނަމަ ހަމަ ކުރީ ދަރުސެއްގައި ވެސް ބުނި ފަދައިން އަލްކައުޘަރު ސޫރަތުން ތިރިއަށް އޮތް 4 ސޫރަތްކިޔަވާލައިގެންވެސް ތަރާވީޙްގެ 8 ރަކްޢަތްކޮށްލެވޭނެއެވެ! އެއީ ދެވަނަ ރަކްޢަތުގައި އިޚްލާޞް ސޫރަތް ކިޔަވަމުންނެވެ.
ފަށަމުން ބުނި ފަދައިން މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސްތައް މިދަނީ ގުނެމުންނެވެ. ގެއްލިއްޖެ ރެއެއް އަނބުރައެއް ނުހޯދޭނެއެވެ. ވީމާ ރޭއަޅުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ! ރަމަޟާން މަހުގެ ފައިދާ ޙާޞިލުކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން