ކުރިމަތީގަ އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ބަލައި ދަރަނިތަކުން ސަލާމަތް ކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ކުރިމަތީގަ އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ބަލައި ދަރަނިތަކުން ސަލާމަތް ކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

ތަހްޒީބުގެ ނަމުގައި އަހަރެމެންގެ ތެރޭގައި އުފެދިފައި މިވަނީ ރިބާ އާއި ދަރަނީގެ ނުރައްކައުތެރި ކޮޅިގަނޑެކެވެ. އެކޮޅިގަނޑުގެ ޝިކާރައަކަށް ވާން ގިނަ ބައަކަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. 

ބޭންކުތަކުން ތަފާތު ނަންނަމުގައި ލޯނުތައް ދިނުމުން އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި މީސްތަކުން އައީ ލޯނު ނަގަމުންނެވެ. ފަހުން އަގުދައްކާގޮތަށް ނުވަތަ ދިގު މުއްދަތަކަށް ބަހާލައިގެން އަގުދައްކައި ނިންމާ ގޮތަށް ހަމައަގަށްވުރެ އެތައް ގުނައެއް ބޮޑުގައި ގިނަ ބައަކު ވަނީ ތަކެތި ގެންފައެވެ. ނުވަތަ ދަރަންޏަށް ތަކެތި ހޯދައިފައެވެ.

ކުއްލިއަކަށް އައިސް ބައްދަލު މިކުރީ ހީވެސް ނުކުރެވި އޮތް ކަންތައްތަކެކެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދިއައީއެވެ. ވަޒީފާ ނުގެއްލި ސަލާމަތްވި މީހުންނަށް މިހާރު ލިބެނީ ކިރިޔާ ބަނޑުފުރާނަ މުއްތިކޮށްލެވޭވަރުގެ މަދު ފައިސާކޮޅެކެވެ. ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެގެން ދިއައީއެވެ. 

މިދުވަސްކޮޅު އެންމެން ލޮކްދައުންގެ ޙާލަތުގައި ތިބުމުން ލުއިތަކެއް ލިބިދާނެއެވެ. މާދަމާވެސް ޢާންމު ޙާލަތަކަށްދާއިރަށް ދަރަނި ހޯދަން ފަހަތުން ދުވަން ފަށާނެއެވެ. ޝަރީޢަތަށްވެސް ދާނެއެވެ. އެގްރިމަންޓަށް ޢަމަލުކުރަން ޙުކުމްވެސް ކުރާނެއެވެ. އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދެއްކިގެން އިތުރުވާ ފައިސާ ހޯދަންވެސް ވަކާލާތުކުރާނެއެވެ! 

ލިބިގެން މިދިއަ ފިލާވަޅުން ދެންވެސް ޢިބްރަތް ޙާޞިލުކުރާށެވެ! އަދި ކުރިއާލައި ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދާށެވެ! 

)للّهُـمَّ اكْفِـني بِحَلالِـكَ عَنْ حَـرامِـك، وَأَغْنِـني بِفَضْـلِكِ عَمَّـنْ سِـواك(

(މާނައީ: "ޔާ ﷲ! އިނބަ ﷲ ޙަރާމްކުރެއްވެވި ކަންތަކުގެ ބަދަލުގައި އިނބަ ﷲ ޙަލާލްކުރެއްވެވި ކަންތަކުން މިއަޅާ ފުދުންތެރިކުރައްވަވާނދޭވެ! އަދި އިނބަ ﷲ ފަޟްލްވަންތަވެރިކަމުން މިއަޅާ އިނބަ ﷲ ފިޔަވައި އެހެންފަރާތްތަކުން ފުދުންތެރިކުރައްވަވާނދޭވެ!") 

މިހާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން