ވަގުތުން ރޯދަ ގެއްލޭނެ ބައެއް ކަންކަން!

ކިޔުމަށް ހޭދަވާނީ 2މ 32ސ
ވަގުތުން ރޯދަ ގެއްލޭނެ ބައެއް ކަންކަން!

ރޯދަ ގެއްލިދާނެ ކަންކަމާއިމެދު އެތައް ސުވާލުތަކެއް ލިބެމުންދެއެވެ. 

އެގޮތުން މިއީ ވަގުތުން ރޯދަ ގެއްލޭނެ ބައެއް ކަންކަމެވެ.

▪︎ ދެމަފިރިކަމުގެ ގުޅުން ހިންގުން

އެއީ ކައިވެނި ކޮށްގެން އުޅޭ ދެމަފިރިއަކު ކަމުގައިވިޔަސް، ރޯދައަށްހުރެ ދެމަފިރިކަމުގެ ގުޅުން/ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވާން ޖެހެއެވެ. ރޯދައަށްހުރެ ދެމަފިރިކަމުގެ ގުޅުން ހިންގަން ނުވާނެކަން ނޭނގިހުރެ އެކަން ކުރެވިއްޖެ މީހާ ވީއެންމެ އަވަހަކަށް މާތް ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން އެދި ދުޢާކޮށް އެދުވަހެއްގެ އިރުއޮއްސުމާއި ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއެ ހުރުމަށް ދީނީ ޢިލްމުވެެރިން ބުނެފައިވެއެވެ.

▪︎ ޙިޖާމާ ޖެހުން

އެކިއެކި ބަލިތަކުން ޝިފާ ހޯދުމަށް ޙިޖާމާ ޖަހައެވެ. ހަށިގަނޑުގައި ހުންނަ ވިހަލޭތައް ބޭރުކުރުމުގެ ގޮތުން ކުރާ މިކަމަކީ ވެސް ރޯދަ ހިފައިގެން ހުރެ ކުރެވޭނެކަމެއް ނޫނެވެ. ރޯދައަށް ހުރެ ހިޖާމާ ޖަހައިފިނަމަ ރޯދަ ގެއްލެއެވެ.

▪︎ ލޭ އެޅުން

ރޯދައަށް ހުރެ ހަށިގަނޑު ތެރެއަށް ލޭ އަޅައިފި ނަމަވެސް ރޯދަ ގެއްލެއެވެ. އެއީ ހަށިގަނޑަށް ބޭނުންވާ މައުދަންތައް ދައުރު ކުރަނީ ލެއިން ކަމަށްވާތީ، ލޭ އަޅައިފިނަމަ ހަށިގަނޑަށް އިތުރު އާރާއިބާރު ލިއްބައިދޭތީއެވެ. ލޭ އެޅުމުގެ އިތުރުން ވެސް ގައިގާ ވަރުޖެއްސުމަށް ރޯދައަށްހުރެ އައިވީ ފަދަ ތަކެތި ގުޅައިފިނަމަ ވެސް ރޯދަ ގެއްލެއެވެ.

▪︎ ކެއިން ބުއިން

ރޯދައަށް ހުރެ ގަސްތުގައި އެއްވެސް އެއްޗެއް ކައިބޮއެފިނަމަ ވެސް ރޯދަ ގެއްލެއެވެ. ރޯދައަށް ހުރުމުގެ މާނައަކީ ވެސް އެކަލާނގެއަށް ކުރެވޭ އަޅުކަމެއްގެ ގޮތުގައި ފަތިސް ނަމާދު ވަގުތުން ފެށިގެން އިރުއޮއްސެންދެން އެއްވެސް ނުކައި ނުބޮއެ ހުރެ، އެކަލާނގެއަށް އަޅުކަން ކުރުމެވެ. ނަމަވެސް މިބުނި ވަގުތުގައި ތިމާ ހުރީ ރޯދައަށްކަން ހަނދާން ނެތިގެން އެއްޗެއް ކެވުނަސް ނުވަތަ ބޮވުނަސް ރޯދައެއް ނުގެއްލޭނެއެވެ.

▪︎ ހޮޑުލުން

ގަސްތުގައި ހޮޑު ލައިފި މީހެއްގެ ރޯދަ ގެއްލޭނެއެވެ. ނަމަވެސް އެނޫން ގޮތަކަށް ހޮޑުލެވުނަސް ރޯދަ ނުގެއްލޭނެ ކަމަށާއި ރޯދައާއިގެން ކުރިއަށް ދެވިދާނެކަމަށް ޢިލްމުވެރިން ވެސް ވިދާޅުވެފައިވެއެވެ.

▪︎ ދޮގުހެދުން، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން، ނޭދެވޭ ގޮތްގޮތަށް އުޅުން އަދި މިޔުޒިކް އަޑުއެހުން

މިކަންކަން ކުރުމުން ރޯދަ ނުގެއްލުނު ކަމުގައިވިޔަސް، މިއީ އެކަމެއް ކުރުމުން ތިމާއަށް ލިބެންވާ ސަވާބާއި ދަތުމަ ލިބުމުން މަޙްރޫމްވާ ކަންކަމެވެ. ދީނީ ޢިލްމުވެރިޔެއް ކަމަށްވާ އަހްމަދު މުފްތީ ވިދާޅުވެފައިވެއެވެ.

"މިކަންކަން ކުރުމުން ރޯދައެއް ނުގެއްލެއެވެ. ނަމަވެސް މިފަދަ ކަންކަމަކީ އެކަމެއް ކޮށްފިނަމަ ތިމާއަށް ލިބެންވާ ސަވާބާއި ދަތުމަ ފުރިހަމައަށް ނުލިބޭނެ އަދި މާތް ﷲ އާއި ތިމާ ދުރުކުރާނެފަދަ ކަންކަމެވެ. ރޯދަ ހިފުމަކީ ހަމައެކަނި ނުކައިނުބޮއެ ހުރުމެއް ނޫނެވެ."

▪︎ ނޭފަތަށާއި، ކަންފަތައް އަދި ލޮލަށް ބޭސް އެޅުން

ޚަލީޤް އަހްމަދު މުފްތީ ވިދާޅުވެފައިވާ ގޮތުގައި މިފަދައިން ކަންފަތަށް ބޭސް އަޅައިފިނަމަ ރޯދަ ގެއްލޭނެއެވެ. އެއީ ބޭހުގެ އަސަރު ގޮހޮރާއި ހަމައަށް ފޯރާނެ ތީއެވެ. ލޮލާއި ނޭފަތައް ބޭސް އެޅުމާއި ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އެހެންކަމުން އެކަމުން ވެސް ދުރުހެލިވުން ބުއްދިވެރިކަމުގައި އެފަރާތްތަކުން ދެކެއެވެ.

މަސްދަރު: އިސްލާމިކް އިންފޯ ޕޭޖް

މިއަދު އޮންލައިން