އަންނަން ހުރި އަހަރުތަކުގެ ޒަކާތް ކުރިއަށް ނެރެގެންވެސް ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދެއްވާ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
އަންނަން ހުރި އަހަރުތަކުގެ ޒަކާތް ކުރިއަށް ނެރެގެންވެސް ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދެއްވާ!: ޑރ. އިޔާޟް

ޒަކާތުން ފައިސާ ލިބުން ޙައްޤުވާ މީހުން އަމިއްލައަށްވެސް ހޯދައި ފައިސާ ދެވިދާނެއެވެ. މި ދުވަސްވަރަކީ ވަރަށް ގިނަ ބައަކު ވަރަށް ނިކަމެތިވެފައިވާ ދުވަސްވަރެކެވެ. ގިނަބައެއްގެ ވަޒީފާ ގެއްލި ނިކަމެތިވެފައިވާ ދުވަސްވަރެކެވެ. ވަރަށް ގިނަ ބައަކަށް މުސާރަވެސް ނުލިބި ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ ވަގުތެކެވެ. 

ޢިލްމްވެރިން ވިދާޅުވަނީ ތަނަވަސްކަން ހުރިނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދައްކަން ޖެހޭ ޒަކާތްވެސް ނެރެ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދެވިދާނެ ކަމަށެވެ. ވީމާ އެކަން ކުރުމަށް އަމިއްލަ ނަފްސަށާއި ހުރިހާ އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ. 

"ހަމަކަށަވަރުން، ޞަދަޤާތު ގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމް ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަޚީމް ވަންތަ ރަސްކަލާނގެއެވެ." (އައްތައުބާ: 60) 

ޒަކާތް ބެހުން އޮތީ މިއާޔަތުގައި ބަޔާން ކުރައްވަވާފައިވާ 8 ބައިގެ މައްޗަށެވެ! މީގެތެރެއިން  ފުރަތަމަ ދެބައިގައި ހިމެނެނީ ފަޤީރުންނާއި މިސްކީނުންނެވެ. އެއީ އެމީހުން ކުރާ މަސައްކަތުން ނުވަތަ ލިބޭ އެއްޗަކުން އެމީހުން ބަލަހައްޓަން ޖެހޭ ޢާއިލާ އާއި އެމީހުންގެ އަމިއްލަ ޚަރަދު ބަރަދު ދެކޮޅު ނުޖެއްސޭ މީހުންނެވެ! އެފަދަ މީހުންނަށް ޒަކާތުގެ ފައިސާއިން ދެވިދާނެއެވެ. 

އެމީހުންނަށް ލިބޭ އާމްދަނީން އިސްރާފުކުރުމުގެ ސަބަބުން ލިބޭ އާމްދަނީން ދެކޮޅު ނުޖުއްސޭ މީހުން މީގެ ތެރެއަކު ނުހިމެނެއެވެ. 

3 ވަނަބައަކަށް ހުއްދަކުރައްވާފައި މިވަނީ ޒަކާތް ނަގައި ޒަކާތް ބެހުމުގެ މަސައްކަތް ވަލިއްޔުލްއަމުރު ޙަވާލުކުރައްވާފައިވާ މީހުންނެވެ! 4 ވަނައީ އަލަށް އިސްލާމްވާ މީޙުންނެވެ. އެމީހުންނަކީ އެމީހުންނާއިމެދު ވަރަށް ބޮޑަށް އޯގާތެރިވާން ޖެހޭނެ މީހުންނެވެ. އެމީހުންނާއި މެދު ޚާއްޞަ ކުލުނެއް ބަހައްޓައިގެން ވަރަށް ރަނގަޅަށް މުޢާމަލާތުކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. 

5 ވަނަ ބައަކީ އަޅުންނެވެ. މިހާރަކު އަޅުންނެއް ނެތެވެ. ނަމަވެސް އެއިރު އަޅުން ތިބުމުން އެމީހުންނަށް ބައެއް ހުއްދަކުރައްވާފައިވަނީއެވެ. 

6 ވަނަ ބައަކީ ދަރަނިވެރިންނެވެ. ދަރަނިވެރިން ދެ ބައަކަށް ބެހިގެންވެއެވެ. ފުރަތަމަ ބައަކީ ދަރަނީގެ ސަބަބުން މުސްލިމް 2 އަޚުންގެ މެދުގައި މައްސަލަ އުފެދިފައިވާތީ އެދެމީހުންގެ މައްސަލަ ޙައްލުކުރަން ޙަވާލުވާ މީހާއެވެ. މުސްލިމުންނަކީ ޖެހޭ މައްސަލަތައް ހަލުކުރަން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ބައެކެވެ. 

ދަރަނިވެރިންގެ ތެރެއިން 2 ވަނަ ބާވަތުގެ މީހުންނަކީ ކޮންމެވެސް މަސައްކަތެއް ކުރުން ފަދަ ކަމަކަށް މީހެއްގެ އަތުނަ ފައިސާ ނަގައި، ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެ ދަރަނި ނުދެއްކިފައިވާ މީހާއެވެ. އެފަދަ މީހުންގެ ދަރަނި އެކުގައިވެސް އަދާކޮށްދެވިދާނެއެވެ. ނުވަތަ އޭނާއަށް ހަމަޖެހިލެވިދާނެ މިންވަރެއް ބަލައި އެވަރަށްވެސް ދެވިދާނެއެވެ. 

ދެން މިއަންނަނީ ދަތުވެރިންގެ ބައެއްވެ. އެއީ އަމިއްލަ ރަށް ނޫން އެހެން ރަށްތަކަށް ގޮސް އުޅޭ މީޙުންނެވެ. އޭނާ ގެންދިއަ ކޮއްތާއި ފައިސާ ހުސްވުމުން އިތުރަށް ޚަރަދުކުރެވެން ނެތް، ރަށުން ލާރި ގެނެވޭނެ ގޮތެއް ނެތް މީހުންނަށްވެސް ޒަކާތުން ބައެއް އެޅިދާނެއެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަސް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

 

މިއަދު އޮންލައިން