1000 މައްސަރަސްވުރެ އެ ރެއެއްގެ ފައިދާ އިތުރުވެގެންވާ ލައިލަތުލްޤަދްރް ވިލޭ ހިމެނިގެންވާ ބަރަކާތްތެރި ރޭތައް މިއަހަރުވެސް ފެށުނީއެވެ. މިރެއަކީ އޮނަހިރި ރެއެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކަލަންޑަރު ދިމާނުވެދާނެ ކަމަށާއި ވަކި ރެއަކީ އޮނަހިރި ރެއެއް ކަމަށް ނުބަލައި ފަހު ދިހައިގެ ހުރިހާ ރޭތަކެއްގައިވެސް ލައިލަތުލްޤަދްރް ވިލޭރޭ ޙާޞިލުކުރަން ގަދައަޅައި މަސައްކަތް ކުރުމަށެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެރެއަކީ ކޮންމެ އަހަރަކު އެއް ރެއެއް ކަމަށްވެސް ނުވެދާނެ ކަމަށެވެ.
ކޮންމެއަކަސް މިރެއިން ފެށިގެން ކުރިއަށް އޮތް ރޭތަކުގައި ހިތްވަރު ކުރައްވައިފިނަމަ ލައިލަތުލްޤަދްރް ވިލޭރޭ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިއެކު ޙާޞިލުކުރެވޭނެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދްރް ވިލޭރޭގައެވެ.
އަދި ލައިލަތުލްޤަދްރް ވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ލައިލަތުލްޤަދްރު ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛްނަފުޅާއެކު، ހުރިހާ އަމުރު ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
އެއީ ފަޖުރު ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."
(އަލްޤަދްރް: 1،2،3،4،5)