މި ރަމަޟާން މަހު މިސްކިތަށް ނުދެވުމާއި ގޭގައި ތިބެގެން އެމީހަކު ކުރަން ބޭނުންވާ ވަރަށް އަޅުކަން ނުކުރެވިގެން ދެރަވެ މާޔޫސްވެ އުންމީދު ދޫކޮށްނުލާށެވެ! އެމީހަކަށް ހުންނަން ޖެހިފައިވާ ޙާލަތެއްގައި ހުރެގެންވެސް ކުރެވެން އޮތް ވަރަކަށް އަޅުކަން ކުރަމުން ގެންދާށެވެ!
ތިބާއަށް ކުރެވެން އޮތް ވަރަށް މަސައްކަތްކުރަމުން ގެންދާށެވެ! ތިބާގެ ޙާލަތު ތަޢާލާ ހަމަ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ!
އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ ރޫޙާނީ ގޮތުން ބަލިކަށިވުމެވެ! މާޔޫސްވުމެވެ! ވީމާ ހަމަ އެއްގޮތަކަށްވެސް މާޔޫސްނުވާށެވެ! އަޅުކަން ކުރެވޭ މިންވަރު މަދުވެގެން ދެރަ ނުވާށެވެ! ނަމަވެސް ކުރެވެން އޮތް އެންމެ ގިނައިން ކުރުމުގައި ފަރުވާކުޑަނުކުރާށެވެ!
މި ރަމަމާން މަހު އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނެ އެއް ކަމަކީ ހަމަ އެއްވެސް ވަރަކަށް ރުޅި ނައުމެވެ. އެހެނީ ގޭގެ ކުޑަތަންކޮޅެއްގެ ތެރޭގައި އެންމެން އެކުގައި އަބަދު ތިބެންޖެހޭއިރު އަބަދުވެސް ކޮންމެވެސް އެކަކު ރުޅި އައިސްގެން އުޅެން ވެއްޖެ ނަމަ އެގެއަކަށް ލިބޭނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟ އަބަދުވެސް ތިބެންޖެހޭނީ ހާސްވުމާއި ކަންބޮޑުވުމުގައި ނޫން ހެއްޔެވެ؟ ވީމާ ރުޅިވެރިކަމާއި ނަފްރަތު މުޅިން ދޫކޮށްލާށެވެ!
ގޭގެ މާހައުލުގައި އުފާވެރިކަން ދެމިއޮންނާނީވެސް އަދި އަޅުކަން ކުރެވޭނީ ވެސް އެއިރުންނެވެ! މިކަމަށްވެސް އެންމެ ބޮޑަށް މަގުފަހިވާނެ އެއްކަމަކީ އަޅުކަން ކުރުމުގައި ގިނަ ވަގުތުތައް ހޭދަކުރުމެވެ. ޖާގަ އޮތް ނަމަ ޖަމާއަތުގައި ފަރުޟު ނަމާދާއި ތަރާވީޙް ކުރަމުން ގެންދިއުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން