މިރޭ ދަންނަވައިމިލަނީ ޢުމްރުގެފާނު ޚާރިސިއްޔާ ހަނގުރާމައިގައި މުސްލިމުންގެ ލީޑަރަކަށް ހުންނެވި ސާދް ބިން އަބީ ވައްޤާސް (ރޢ) އަށް ފޮނުއްވެވި ޚާއްޞަ ސިޓީފުޅުގެ ވާހަކައެވެ. އެ ސިޓީފުޅަކީ ޢިބްރަތުން ފުރިގެންވާ ސިޓީފުޅެކެވެ. އެ ސިޓީފުޅުގައިވަނީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އެސިޓީފުޅުގައިވާ ކަންކަމާއިމެދު ވިސްނައި ފިކުރުކުރަން ޖެހޭނެ ކަންކަމެވެ!
ސިޓީފުޅުގައިވަނީ:
"ދެންފަހެ ދަންނައެ! ކަލޭގެފާނަށާއި ކަލޭގެފާނުގެ ލަޝްކަރުގައިވާ އެންމެންނަށް ތިމަން ކަލޭގެފާނު ޢަމުރު ކުރައްވަމެވެ. ކޮންމެ ޙާލަތެއްގައި ވެސް (ހަނގުރާމައިން ނަޞްރުލިބޭ ޙާލަތުގައިވެސް އަދި ނަޞްރު ނުލިބޭ ޙާލަތުގައިވެސް) ﷲ ތަޢާލާއަށް ތަޤްވާވެރިވެވަޑައިގަންނަވާށެވެ!"
އެކަމުގެ ސަބަބު ބަޔާންކޮށްދެއްވަވައި ސިޓީފުޅުގައި ލިޔުއްވަވާފައިވެއެވެ!
"ހަމަކަށަވަރުން ﷲ ތަޢާލާއަށް ތަގްވާވެރިވުމަކީ އެއީ ޢަދާވާތްތެރިންނާއި ދެކޮޅަށް ތައްޔާރުކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ! ޢަދާވާތްތެރިންނާއި ދެކޮޅަށް އެންމެ ފުރިހަމަގޮތުގައި ތައްޔާރުވުމަށް ކުރެވޭނެ ކަމަކީ ﷲ ތަޢާލާއަށް ތަޤްވާވެރިވުމެވެ. އަދި ހަނގުރާމައިގައި ހެދޭނެ އެންމެ މޮޅު، އެންމެ ވަރުގަދަ އުކުޅަކީވެސް، ﷲ ތައާލާއަށް ތަޤްވާވެރިވުމެވެ."
އަދިވެސް ލިޔުއްވަވާފައިވެއެވެ.
"ތިމަން ކަލޭގެފާނު، ކަލޭގެފާނަށާއި ކަލޭގެފާނާއިއެކުގައިވާ މީހުންނަށް އަމުރުކުރައްވަވަމެވެ. ތިއަބައި މީހުންގެ ޢަދާވާތްތެރިންގެ ފާފަކުރުމަށްވުރެ ތިއަބައިމީހުންގެ ފާފަކުރުން މަދުކުރުމަށް ކޮންމެވެސް ކޮންމެވެސް ސަމާލުވެލައްވައްޗެވެ!"
އާދެ! އިންސާނުންނަށްވީތީވެ ކުށްފާފަ ކުރެވޭނެއެވެ! ޢުމަރުގެފާނު ވިދާޅުވެފައިވަނީ ތިއަބައި މީހުންގެ ޢަދާވާތްތެރިންގެ ފާފަކުރުމަށްވުރެ ތިއަބައިމީހުންގެ ފާފަކުރުން މަދުކުރުމަށެވެ. ކުރެވޭ ފާފައިގެ ދަރަޖަ ދަށްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ލަޝްކަރުގައި ހިމެނޭ މީހުންގެ ކުށްފާފަތައް އެއީ ޢަދާވާތްތެރިންގެ ކުށްފާފަތަކަށްވުރެ މާބޮޑަށް ނުރއްކައުތެރި ކަމެއް ކަމެވެ.
ދެން ލިޔުއްވަވާފައިވެއެވެ!
"ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވަވަނީ އެބައިމީހުންގެ ޢަދާވާތްތެރިން ﷲ ތަޢާލާއަށް އުރެދުމުގެ ސަބަބުންނެވެ. އެހެންކަމުގައި ނުވާނަމަ މުސްލިމުންނަށް ޢަދާވާތްތެރިންގެ މައްޗަށް ގަދަވެގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ."
ސަބަބަކީ ދުޝަމިނުންގެ ލަޝްކަރު މާބޮޑެވެ! ތައްޔާރުވެފައި އޮންނަ މިންވަރުވެސް މާބޮޑެވެ! ހަތިޔާރުވެސް މާގިނައެވެ!
އެހެންވެ ޢުމަރުގެފާނު ވިދާޅުވެފައިވަނީ ފާފަކުރުމުގައި ދެބައިމީހުން އެއްވަރުވެއްޖެނަމަ މުސްލިމުންގެ މައްޗަށް ގަދަވެގަންނަން ޢަދާވާތްތެރިންނަށް ފުރުޞަތު ލިބުނީ ކަމަށެވެ! ސަބަބަކީ ދުޝަމިނުންގެ ލަޝްކަރު މާބޮޑޑުވެފައި ތައްޔާރުވެފައި އޮންނަ މިންވަރުވެސް މާބޮޑުވެފައި ހަތިޔާރުވެސް މާގިނަވުމުން ދުޝްމިނުންގެ މައްޗަށް ނަޞްރު ލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތުން ކަމަށެވެ. އެހެންކަމުން މުސްލިމުންނަށް ނަޞްރު ލިބޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާގެ މަގުގައި ފައިތިލަ ސާބިތުކުރުން ކަމަށެވެ. އަހަރެމެންގެ ބާރުގަދަކަމަކުން އަހަރެމެންނަކަށް ކުރިއެއް ނުލިބޭނެއެވެ.
އަދިވެސް ވިދާޅުވެފައިވެއެވެ!
ތިއަބައިމީހުން ދަންނާށެވެ! ތިއަބައިމީހުން ދަތުރުކުރާއިރު އަބަދުވެސް ﷲ ތަޢާލާ ފޮނުއްވެވި މަލާއިކަތް ބޭކަލުންތަކެއް ތިއަބައިމީހުންނާއިއެކު ވާކަން ތިއަބައިމީހުން ހަނދާނުގައި ބަހައްޓާށެވެ! ތިއަބައިމީހުން ކުރާ ހުރިހާ ކަމެއް އެ މަލާއިކަތް ބޭކަލުންނަށް ވަރަށް ރަނގަޅަށް ސާފުވެގެންވެއެވެ. އެއްވެސް ކަމެއް އެބޭކަލުންނަސް ވަންހަނާވެގެން، ފޮރުވިގެނެއް ނުވެއެވެ. އެހެންވީމާ އެ މަލާއިކަތް ބޭކަލުންނަށް ތިއަބައިމީހުން ލަދުވެތިވާށެވެ! ތިއަބައިމީހުންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންކަންވެސް އެ މަލާއިކަތް ބޭކަލުންނަށް އެނގިވަޑައިގަންނަވާ ކަމަށްޓަކައި ލަދުވެތިވާށެވެ!
ޚާއްޞަގޮތެއްގައި ތިއަބައިމީހުން ﷲ ތައާލާގެ މަގުގައި ޖިހާދަށް ނުކުމެއުޅޭއިރުގައި ﷲ ތައާލާއަށް އުރެދޭ ފަދަ ކަންތައްތައް ނުކުރާށެވެ! ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ! ތިއަބައިމީހުން ނަޞްރު އެދި ﷲ ތަޢާލާގެ ޙަޟްރަތުން ދުޢާ ދަންނަވާ ފަދައިން އަމިއްލަ ނަފުސުން ކުރެވިދާނެ ނުބައި ކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުން ވާގި އެދޭށެވެ! އެހެންކަމަސްވަނީ ނަމަ ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ!
ޚާއްޞަކޮށް ޤައުމުގެ ހުންގާނުގައި ތިއްބަވާ ބޭފުޅުން މިކަންކަމާއިމެދުގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ! ޤައުމުގެ ހުންގާނު ދިވެހި ރައްޔިތުން މިވަނީ އެބޭފުޅުންނާއި ޙަވާލުކޮށްފައެވެ. އެހެންކަމުން އެބޭފުޅުންނަކީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ކުރައްވަވައި، ހަރާމްކުރެއްވެވި ތަކެތި ހިއްޕަވައި ޙަރާމްކުރެއްވެވި ކަންކަން ކޮށް އުޅޭ ބައަކުކަމުގައި ވެއްޖެ ނަމަ ދެން ޤައުމުގެ މިޞްރާބު ދާނީ ކޮން ގޮތަކަށްތޯ؟
އެހެންކަމުން ޤައުމުގެ ހުންގާނުގައި ތިއްބެވި ބޭފުޅުންނަށް ކޮރަޕްޝަނާއި ފަސާދައިން ދުރުހެލިވެވަޑައިގަތުމަށް ނަބޭޙަތްތެރިވަމެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެތި ބޭނުންކުރުމާއި އެތަކެތިން ފައިދާ ހޯދުން ހުއްޓައިލާށެވެ! އެއިރުން އަޅުގަނޑުމެންނަށް ކޮރޯނާ ވައިރަސްގެ ވަބާ އާއި ހުރިހާ ވަބާ ތަކުން ވެސް މާތް ﷲ ގެ ވާގިފުޅާއިއެކު ސަލާމަތްވެވޭނެއެވެ. ހުރިހާ ގޮތަކުންވެސް ނަބްރާ ކާމިޔާބު ލިބޭނެއެވެ! އިން ޝާ ﷲ
- މިއަދުނޫހަށް ޑރ. މުޙައްމަދު އިޔާޟް ދެއްވި ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ: