މަލާމާތް ކުރަން ދޫކޮށްލާ! - ޙައްޤުބަސް ބުނުމަށް ފަސް ޖެހޭނަމަ ލައްނަތް ލައްވަވައިފާނެ ކަމަމުގެ ބިރު މާބޮޑު!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
މަލާމާތް ކުރަން ދޫކޮށްލާ! - ޙައްޤުބަސް ބުނުމަށް ފަސް ޖެހޭނަމަ ލައްނަތް ލައްވަވައިފާނެ ކަމަމުގެ ބިރު މާބޮޑު!: ޑރ. އިޔާޟް

މާތް ﷲ މުއުމިނުންނަށް ނަޞްރު ދެއްވަވާނެ ކަމާއި މުއުމިނުންގެ ސިފަތައް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. 

"އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ ، ހެޔޮކަންތަކަށް އަމުރު ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ އަށެވެ." (އަލްޙައްޖު: 41) 

ބިންމަތީގައި ބާރުވެރިވުމެވެ ބުނެވޭ ބަހުގެ މާނައަކީ އެބިންމަތީގައި ﷲ ތައާލާއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަން އަދާކުރުމެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. 

"ތިއަބައިމީހުންގެ ތެރެއިން އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް އުޅުނުމީހުންނަށް، އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެއުރެން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން، ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި ތަންކީން ކުރައްވަވާނެ ކަމަށާއި، އެއުރެންގެ ބިރުވެރިކަމަށްފަހު، ހަމަކަށަވަރުން، އަމާން ކަމަކަށް އެއުރެން ބަދަލުކުރައްވާނެކަމަށް، ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެއުރެން ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކް ނުކޮށް، ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ. އެއަށްފަހު ކާފިރު ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ ފާސިޤުންނެވެ." (އަންނޫރު: 55) 

ވީމާ ފުރަތަމަ ކަމަކަށް އޮތީ ތަޤްވާވެރިވެ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ދެވަނަ ކަމަކަށް އޮތީ ނަމާދު ޤާއިމުކުރުމެވެ. ﷲ ތަޢާލާ ބާރުވެރިކަން ދެއްވެވުމުން މުއިމިނުން އެނާދެއްގެ ވަގުތައި ރަސޫލް (ޞޢވ) ދަސްފުޅުކޮށް ދެއްވެވި ގޮތަށް ނަމާދު ޤާއިމުކުރެއެވެ. ބަންގީގެ އަދު އިވިއްޖެ ނަމަ ބަންގިއަށް އިޖާބަދީ ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރެއެވެ. 

އަދި އެބައި މީހުންނަކީ ބިންމަތީގައި ބާރުވެރިކުރުވައިފިނަމަ ޒަކާތްދެއެވެ. 

ޒަކާތަކީ ތަނަވަސްކަމުގެ އަހުލުވެރިން ފަޤީރުންނަށް ދޭންޖެހޭ އެއްޗެކެވެ. އެމީހުންގެ ނިކަމެތިކަމުން އަރައިގަތުމަށެވެ. ފައިސާ އާއި މުދަލަކީ އަޅުގަނޑުމެންގެ އަތުގައި ހުރިނަމަވެސް ﷲ ތައާލާ އަޅުގަނޑުމެންނާއި ޙަވާލުކުރައްވަވާފައިވާ އަމާނާތެކެވެ. 

އެއަށްފަހު ވަޙީކުރައްވަވާފައިވަނީ އެމީހުންނަކީ ހެޔޮކަންކަމަށް އަމުރުކުރާ މީހުން ކަމަށެވެ. މިއުންމަތުގެ އެންމެ މުހިންމު އެއް ސިފައަކީ ހެޔޮކަންތައްތައް ކުރަން އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. 

މިއުންމަތުގެ މާތްކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ "އެންމެ ހެޔޮ އުންމަތެއްކަމުގައި މުޙައްމަދު ރަސޫލް (ޞޢވ)ގެ އުންމަތް ލެއްވެވީމެވެ!" މިފަދައިންނެވެ.  ސަބަބަކީ މިއުންމަތުގެ މީހުންނަކީ ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް، އަދި ﷲ ތައާލާއަށް އީމާންވާ ބައަކު ކަމުގައިވާތީއެވެ.

މީހުން ކުރާ ނުބައި ކަންކަމުގެ ވާހަކަދައްކައި ރަނގަޅު މަގަށް މަގުދައްކަން މަސައްކަތްކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. އެހެން ނޫން ނަމަ ކުރީގެ އުންމަތްތަކަށް ލެއްވެވި ފަދައިން ލައްނަތް ލައްވަވައިފާނެ ކަމަށްޓަކައެވެ. ކުރީގެ އުންމަތްތަކުގެ ބޮޑުން ނުބައިކަންކަން ކުރުމުން އެކަމުގެ ވާހަކަ އެމީހުން ނުދައްކައެވެ! 

ވީމާ ނުބައިކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަމެއް އަތުން، ދުލުން އަދި ހިތުން ވިޔަސް މަނާކުރަން ޖެހޭނެއެވެ. އެކަން ކުރާމީހުންނަށް މަލާމާތާއި ފުރައްސާރަކުރާ މީހުން އެކަން ކުރަން ދޫކޮށްލާށެވެ! ކޮންމެ ބައަކާއި ދެކޮޅަށް ނަމަވެސް ޙައްޤު ބަސް ބުނަން ކެރޭ ބއަކަށް ވާންޖެހޭނެއެވެ. 

ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް ސާބިތުކަން ދެއްވަވާށި! އާމީން 

- ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަސް ދެއްވި ޚާއްބަ ދަރުސަކުން 

- ދަރުސްގެ ވީޑިއޯ:  

 

 

 

 

މިއަދު އޮންލައިން