ފުރުޞަތުގެ ބޭނުން ހިފައި ކުރެވިފައިވާ ފާފަތަކާއި ކުރެވެން ހުރި ފާފަތައް ވެސް ފުހެލައްވާ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ފުރުޞަތުގެ ބޭނުން ހިފައި ކުރެވިފައިވާ ފާފަތަކާއި ކުރެވެން ހުރި ފާފަތައް ވެސް ފުހެލައްވާ!: ޑރ. އިޔާޟް

އަޅުގަނޑުމެން މިހާރު ގުނަމުން މިގެންދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. ރަމަޟާން މަހުގެ ރޭތަކަކީ އެންމެހައި ރޭތަކުގެ ތެރެއިންވެސް އެންމެ އިތުރުކަން ބޮޑުވެގެންވާ ރޭތަކެވެ. ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރޭތަކެވެ. 

ޢައިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި އަޅުކަންކުރެއްވެވުމުގައި ރަސޫލް (ޞޢވ) އެހެން ދުވަސްތަކުގައި މަސައްކަތް ނުކުރައްވަވާ މިންވަރަށް މަސައްކަތް ކުރައްވަވައެވެ. 

މާނައަކީ ރަސޫލް (ޞޢވ) އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދެވީ ކުރައްވަމުން ގެންދަވާ އަޅުކަން އިތުރުކުރައްވަވަން ނަމަވެސް ފަހު ދިހައިގައި އެ މަސައްކަތް އިތުރުކުރައްވަވައެވެ. 

އަދިވެސް ޢައިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. "ރަމަމާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ބައްދަލުވެވަޑައިގެން ކަމުގައި ވަނީ ނަމަ، ރަސޫލް (ޞޢވ) ކަންތައްތައް ކުރައްވަވާ ގޮތަކީ، އެކަލޭގެފާނުގެ އިޒާރުކޮޅު ބާރުކުރައްވަވައެވެ. އަދި މުޅި ރޭ އެކުގައި އަޅުކަމުގައި ހޭދަކުރައްވަވައެވެ! އަދި އިތުރު އެކަލޭގެފާނު (ޞޢވ)ގެ އަހުލުވެރިންވެސް ނަގައި (ޖޭފުޅުލައްވުވައި) އަލޫކަމުގައި ބައިވެރިކުރައްވަވައެވެ! 

އަދިވެސް ޢައިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. "ރަސޫލް (ޞޢވ) ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު އަވަހާރަފުޅު ލެއްޕެވުމާއި އަޅުކަން ކުރެއްވެވުމާއި ދެބައި އެއްކުރައްވަވައެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހަ އާއި ބައްދަލުވެވަޑައިގަތުމުން ރޭގަނޑު އެއްގޮތަކަށްވެސް އަވަހާރަފުޅު ނުލައްޕަވަތެވެ! އަދި އެކަލޭގެފާނުގެ އިޒާރުކޮޅު ބާރުކުރައްވަވައެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަން ކުރުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަންވީ ރަސޫލް (ޞޢވ) ދައްކަވައި ދެއްވަވާފައިވާ މަގުގައި ސާބިތުވުމަށެވެ. ކޮންމެ ފަދަ މަސައްކަތަކުން ނަމަވެސްފަހުދިހައިގައި ހިމެނޭ 1000 މައްސަރަށްވުރެ މަޓްކުރެއްވެވިގެންވާ ރޭގެ މަތިވެރިކަން ލިބިގަތުމަށެވެ. 

ރަސޫލް (ޞޢވ) ގެ އަރިއަހުން އައިސްފައިވެއެވެ. "މީހަކު ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަމުން ގޮސް އެރެއާއި ބައްދަލުވެއްޖެ ކަމުގައި ވަނީނަމަ އެމީހަކަށް ކުރެވިފައި ހުރި ފާފަތަކާއި ފަހުން ކުރެވެން ހުރި ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެއެވެ!" 

އެހެންކަމުން ލައިލަތުލްޤަދްރް ވިލޭރޭ ހޯދަން މަސައްކަތްކުރަމުން ދަނިކޮށް އެމީހަކާއި ބައްދަލުވެއްޖެނަމަ އެމީހެއްގެ ހުރިހާ ހާފާތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެކަން ރަސޫލް (ޞޢވ) މިވަނީ ބަޔާންކުރައްވަވައި ދެއްވަވައިފައެވެ! 

މިތަނުގައި ހުރިހާ ފަފަތައް ކަމުގައި ބަޔާންވެގްންވާ ބަސްފުޅުގެ މާނައަކީ މީސްތަކުންގެ ޙައްޤުތަކާއި ގުޅިފައި ނުވާ ފާފަތަކެވެ. މީހެއްގެ ހައްޤަކާއި ގުޅިފައިވާ ފާފައެއް ނަމަ އެމީހަކު (ޙައްޤު ލިބެން ޖެހޭ މީހާ) އެކަން މަޢާފް ނުކުރަނީސް ﷲ ތަޢާލާ އެމީހަކަށް އެކަން މާފުކޮށް ނުދެއްވަވާނެތެވެ! 

ވީމާ އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަނެ އުޅެވޭތޯ ކކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ! އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.! ދުޢާއަކީ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައި ދެއްވެވުމެވެ! އާމީން

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

- ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން