"އާޚިރަތް ދުވަހު ވާނެ ކަންތައްތައް އެނގިވަޑައިގަންނަވާނަމަ އަޅުކަމާއިގެން މިއަށްވުރެވެސް ބޮޑަށް ހީވާގިވެވަޑައިގަތީމުހެވެ!": ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
"އާޚިރަތް ދުވަހު ވާނެ ކަންތައްތައް އެނގިވަޑައިގަންނަވާނަމަ އަޅުކަމާއިގެން މިއަށްވުރެވެސް ބޮޑަށް ހީވާގިވެވަޑައިގަތީމުހެވެ!": ޙަދީޘް

ރަސޫލް (ޞޢވ) ރަމަޟާން މަހުގެ ރޭތަކުގައި ރޭއަޅުކަން ކުރައްވަވާ މިންވަރު އިތުރުވުމުން ހަށިކޮޅަށް ލިބިވަޑައިގެންފާނެ ގެއްލުމަކަށްޓަކައި ޢައިޝަތުގެފާނު ކަންބޮޑުވެވަޑައި ގެން "ކަލޭގެފާނަކީ ހުރިހާ ފާތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާ ބޭކަލެއް ނޫންތޯ؟" ސުވާލުކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅަށް ވިސްނަވާށެވެ! 

"ޝުކުރުވެރިވާ އަޅަކުކަމުގައި ތިމަން ނުވަންހޭ! އާޚިރަތް ދުވަހު ވާނެ ކަންތައްތައް އެނގިވަޑައިގަންނަވާނަމަ އަޅުކަމާއިގެން މިއަށްވުރެވެސް ބޮޑަށް ހީވާގިވެވަޑައިގަތީމުހެވެ!" 

(ވިސްނަވައިލައްވަވާށެވެ! އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ އެތައް ބައިވަރު، ގިނަ ގުނަ ނިޢްމަތްތައް މިންވަރުކޮށްދެއްވަވައިފައެވެ. ޝުކުރުވެރިވެވޭ ހެއްޔެވެ؟ ޝުކުރުވެރިވާން މިފަދަ ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ 

"އާޚިރަތް ދުވަހު ވާނެ ކަންތައްތައް އެނގިވަޑައިގަންނަވާނަމަ އަޅުކަމާއިގެން މިއަށްވުރެވެސް ބޮޑަށް ހީވާގިވެވަޑައިގަތީމުހެވެ!" ރަސޫލް (ޞޢވ) މިފަދައިން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އާޚިރަތް ދުވަހު މީސްތަކުންނަށް ކުރިމަތިލާންޖެހޭނެ އެތައް ކަންތައްތަކެއް އެނގިވަޑައިގެން ހުންނެވުމާއިވެސް އެކުގައެވެ. ވީއިރު އެއްވެސް ކަމެއް ނުއެނގޭ އަޅުގަނޑުމެން ބިރުވެތިވެ އަޅުކަންކުރުން އިތުރުކުރަން މަސައްކަތްކުރަންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ!) 

މިއީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި ވަރަށް ބޮޑު އިމްތިޙާނެއް ކުރިމަތިކުރައްވަވާފައިވާ ވަގުތެކެވެ. ނަމަވެސް ހަނދާނަށް ގެންނަންވީ ﷲ ތައާލާގެ ރަޙްމަތަކީ ތަނަވަސްވެގެންވާ އެއްޗެއް ކަމެވެ. 

ރަމަޟާން މަހުގެ ފަހު ދިހައިގައި ރަސޫލް (ޞޢވ) އިޢްތިކާފަށް އިންނެވިއެވެ. ޢާއިލާގެ ބޭފުޅުން އަވަހާރަފުޅުން ހޭފުޅުލައްވަވައި އަޅުކަން ކުރެއްވެވުން އިތުރު ކުރެއްވެވުމަށް ޚާއްޞަ ސަމާޅުކަމެއް ދެއްވެވިއެވެ. 

މިއަހަރު ކުރިމަތިވެފައި މިވާ ކޮރޯނާ ވައިރަސްގެ ވަބާގެ ސަބަބުން އަޅުގަނޑުމެންނަކަށް އިޢްތިކާފަކަށް ނުތިބެވޭނެއެވެ. ނަމަވެސް ވީވަރަކުން ގޭގައި ޖަމާއަތް ހަދައި އަޅުކަން ކުރެވިދާނެއެވެ. ލައިލަތުލްޤަދްރި ވިލޭރޭ ހޯދަން މަސައްކަތްކުރެވިދާނެއެވެ. 

ޙަދީޘްފުޅުގައި އޮތީ އެރޭގެ މަތިވެރި ޘަވާބު ލިބިއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ފުއްސެވުމާއި ދިންނެވުން އަބަދުވެސް އިންތިހާއަށް ބޭނުންވެއެވެ. 

ރަމަޟާން މަހަކީ އެމަހެއްގެ ކޮންމެ ރެއެއްގައިވެސް އެތައް ބައަކު ނަރަކައިން ސަލާމަތްކުރައްވަވާ މައްސަރެވެ! އަދި ފަހު ދިހައިގައި މިވަނީ އެރެއެއައްގައި ކީރިތި ޤުރްޢާން ބާވައިލެއްވެވުނު މަތިވެރި ރެއެވެ. 

ވީމާ ކީރިތި ޤުރްޢާން ކިޔެވުން އިތުރުކުރާށެވެ! ހަމައެކަނި ދެލިގަނޑު ކިޔެވުމެއް ނޫނެވެ. މާނައަށް ވިސްނައި ފިކުރުކުރަން ވެސް ޖެހެއެވެ. ހަމައެއާއިއެކު ކީރިތި ކިޔަވައި މާނަ އުނގެނި ދިރާސާ ކުރުމަކީ ކަންބޮޑުވުމާއި ހާސްކަން ފިލުވައިލަދޭ ކަމެކެވެ. އެހެނީ ކީރިތި ޤުރްއާނަކީ ހިތްތަކަށް އޮތް ޝިފާއެކެވެ. 

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް އަކީ ﷲ ތަޢާލާ ކުރިމަތި ކުރައްވަވާފައިވާ ވަބާއެކެވެ. ކުރިމަތިކުރައްވަވާފައިވާ އިމްތިޙާނެކެވެ! 

އަޅުގަނޑުމެންގެ ޢުމުރަކީ ވަރަށް ކުރު އެއްޗެކެވެ. ވީމާ ދުނިޔޭގައި ހުންނަން ލިބި ބައްދަލުކޮށްފައިވާ ރަމަމާން މަހުގެ ބޭނުން އެންމެ  ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! 

ދުޢާއަކީ ލައިލަތުލްޤަދްރް ވިލޭރޭގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވެވުން. ކޮރޯނާ ވައިރަސްގެ ވަބާއިން ސަލާމަތްކޮށް ދެއްވެވުން! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އަޅުކަން ކުރުމުގެ ތައުފީޤް މިންވަރުކޮށްދެއްވެވުން! އާމީން

- ޝައިޚް ޢިއްޒުއްދީން ޢަދްނާން މިއަދުނޫހަށް ދެއްވި ދަރުސަކުން 

- ދަރުސްގެ ވީޑިއޯ!

މިއަދު އޮންލައިން