ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރިމަތިވެފައިމިވާ ދަތި، ނިކަމެތި ޙާލަތުގެ ސަބަބުން އެކަމުގެ އަސަރު ނުކުރާ ހަމައެކަކުވެސް ނެތްކަމަށް ބުނެވިދާނެއެވެ. ކުރިމަތިވެފައި މިވަނީ ކުރިމަތިވެދާނެ ކަމަށް އެއްވެސް މީހަކު ހުވަފެނުން ވެސް ދެކެފައިވާ ކަންކަމެއް ނޫނެވެ.
މިޙާލަތުގައި ފިކުރު ބޮޑުވެ އެއްވެސް މީހަކު ރުޅި އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް އެކަމުން ކުރާނީ ވެސް ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ރުޅި އައުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟
ހަމަކަށަވަރުން ކުރިމަތިކުރައްވަވާފައި މިވަނީ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ކެތްތެރިކަން އިސްކުރާށެވެ! ކިތަންމެ ދަތި ޙާލެއްގައި އުޅެން ޖެހުނު ނަމަވެސް ރިވެތި އަޚްލާޤީ ސިފަތަކުގައި ސާބިތުވާށެވެ! އެހެނީ ﷲ ތައާލާ ކުރިމަތި ކުރެއްވެވި ޙާލަތެއް މެނުވީ އެއްވެސް މީހަކާއި ބައްދަލެއް ނުކުރާނެއެވެ. މާނައަކީ ދަތި، ނިކަމެތި ޙާލަތުވެސް އަދި ފާގަތި އުފާވެރި ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ. ދެ ޙާލަތަށްވެސް އީމާންވެގެން ނޫނީ އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ކަންބޮޑުވާންވީ މިއަދުގެ ޙާލަތަކަށް ނޫނެވެ! ކަންބޮޑުވާންވީ ވެސް ބިރުވެތިވާންވީވެސް އާޚިރަތް ދުވަހަށެވެ! މިއަދުގެ ޙާލަތުން މާތް ﷲ ވާގިފުޅާއިއެކު އަރައިގަނެވޭނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އޮންނާނީ ދެގޮތެވެ! މީހާގެ މަންޒިލަކަށްވާނީ ސުވަރުގެ ނުވަތަ ނަރަކައެވެ.
މިފަދަ ދަތި ހާލަތުގައި ވަނިކޮށްވެސް މީހަކު ތިބާ ރުޅި އަންނަ ފަދަ ބަހެއް ބުނެފާނެއެވެ! ކަމެއްވެސް ކޮށްފާނެއެވެ! ރުޅި ނާންނާށެވެ! ކެތްތެރިކަން އިސްކުރާށެވެ! އަޅައިވެސް ނުލައި ދޫކޮށްލާށެވެ! ދުލުން ވިޔަސް އަމަލުންވިޔަސް އެމީހަކު ކުޅަ ކޮންމެ ޢަމަލަކަށް އެމީހަކު ޤިޔާމަތްދުވަހު ޖަވާބުދާރީވާން ޖެހޭނެއެވެ! އެ ފުރުޞަތަށް އިންތިޒާރުކުރާށެވެ!
ކިތަންމެ ދަތިހާލުގައި ހުންނަން ޖެހުނު ނަމަވެސް ރުޅި އިސް ނުކުރާށެވެ! ކެތްތެރިކަން އިސްކުރާށެވެ! ރުޅީގެ ސަބަބުން ދެ ދުނިޔެ ގެއްލިގެން ހިނގައިދާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން