އަޅުގަނޑުމެން މިހާރު ހޭދަކުރަމުން މިގެންދާ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި! ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ވަރަށް ބަރަކާތްތެރި ރެއެއް ލައްވާފައި. އާދެ.! އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއްކަމުގައިވާ ލައިލަތުލްޤަދްރި ވިލޭރޭ، މިރޭތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ލައްވާފައި.
އެރޭގެ މާތްކަމާއިބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގެ ސޫރަތުލް ދުޚާންގެ ތިނަކުން އަށަކަށް ވަހީކުރައްވާފައިވޭ "ހަމަކަށަވަރުން ތިމަން ﷲ އެޤުރުޢާން ބާއްވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައޭ. ހަމަކަށަވަރުން އިންޛާރުކުރައްވާ ކަލަކުކަމުގައި ތިމަން ﷲ ވޮޑިގެންވަމޭ. އެރޭ ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައޭ. ތިމަން ﷲ ގެ ހަޟުރަތުން ފޮނުއްވާ އަމުރެއްގެ ގޮތުގައޭ. ހަމަކަށަވަރުން ރަސޫލު ބޭކަލުން ފޮނުއްވަނީ ތިމަންﷲ އޭ. އަދި އެރަސޫލުބޭކަލުން ތިމަންﷲ ފޮނުންވަނީ ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޟްރަތުން ހުރި ރަހުމަތެއްގެ ގޮތުގައޭ. ހަމަކަށަވަރުން އެއިލާހީ އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެއިލާހަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ. އަދި އެދެމެދުގައިވާހާ ތަކެތިވެސް އުފެއްދެވޭ އެއިލާހެވެ.. ތިޔަބައިމީހުންނަކީ ޔަޤީންކުރާ ބައެއްކަމުގައި ވަނީނަމަ ތިޔަބައިމީހުންނަށް އެކަމުގައި ފާޅުވެގެންވާ ހެކިތަކެއް ވެއޭ. ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް އެއިލާހު މެނުވީ ނުވެއޭ. މަރުގެންދަވަނީވެސް އަދި އެއަށްފަހު ތިޔަބައިމީހުންގެ ފުރާނަ އަލުން، ތިޔަބައިމީހުން ދިރުއްވައި އަދި ތިޔަބައިމީހުންގެ ފުރާނަ ގެންދަވަނީވެސް، އަދި މަރުވުމަށްފަހު އަލުން ތިޔަބައިމީހުން ދިރުއްވަނީވެސް ހަމަ އެއިލާހޭ. އަދި ތިޔަބައިމީހުންގެ ކާބަފައިގެން ރައްބަކީވެސް އެއިލާހެވެ.
އަދި އެހެން ސޫރަތެއްގައި، ސޫރަތުލް ޤަދްރުގައި ﷲ ވަހީކުރައްވާފައިވަނީ - ހަމަކަށަވަރުން ތިމަން ﷲ އެގުރުޢާން ބާއްވާލައްވާފައިވަނީ ލައިލަތުލް ޤަދްރި ވިލޭރޭގައޭ. އާދެ ޤަދްރުގެ މާނައަކީ ޝަރަފްވެރި ރެއެކޭ. އެރެއަކީ އެއީ ޝަރަފްވެރި ރެއެއްގެ ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ސަބަބަކީ އެއީ ޤުރުޢާން ބާއްވާލައްވަން ފެއްޓުނު ރޭކަމަށްވާތީވެ. އެހެންވެގެން އެރޭ އެވަނީ ޝަރަފްވެރި ކޮށްދެއްވާފައި. ލައިލަތުލްޤަދުރިވިލޭރޭއަކީ ކިހާ މަތިވެރި ރެއެއްކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއޭ. އެއްހާސްމައްސަރަށް ވުރެން ހެޔޮކަންބޮޑު ރެއެކޭ އެރެއަކީ.
އާދެ. އެރޭ އަޅުކަންކޮށްފި މީހާގެ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިޚްލާސްތެރިކަމާއެކުގައި އެރޭ ހޯދުމުގެ ނިޔަތުގައި އަޅުކަންކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާ ދެއްވަވާނެކަމަށް ރަސޫލުﷲ ސައްލަﷲ އަލަތްހި ވަސައްލަމް ވަނީ ބަޔާންކުރައްވާފައި.
އެރޭގެ މާތްކަން ބަޔާންކުރައްވަމުން އިތުރަށް މާތްﷲ ވަހީކުރައްވަނީ އެރޭ މަލާއިކަތް ބޭކަލުންނާއި އަދި ޖިބްރީލް އަލައިހިއްސަލާމް އިސްވެ ހުންނަވައިގެން ބިމަށް ފައިބާވަޑައިގަންނަވާނެއޭ. އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ އިޛްނައާއެކުގައި އެބޭކަލުން ބިމަށް ފައިބާ ވަޑައިގަންނަވާނެ. މަލާއިކަތުންނާއި އަދި ޖިބްރީލް އަލައިހިއްސަލާމް. އެމަލާއިކަތް ބޭކަލުން ބިމަށް ފައިބާވަޑައިގަންނަވަނީ ވަރަށްބަރަކާތައިގެން. އެމަލާއިކަތް ބޭކަލުން ފައިބާވަޑައެއް ނުގަންނަވާނެ އާދައިގެ ކަމަކައިގެން. ސަބަބަކީ އެމަލާއިކަތް ބޭކަލުންނަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރެއްވުމުގައި ދެމި ތިއްބަވާ ބޭކަލުން.
އެބޭކަލުންނަށް ސަނާގެ ބަސް ވަހީކުރައްވައި ސޫރަތުލް އަންބިއާގެ ނަވާރަ އަދި ވިހި، މިދެއާޔަތުގައިﷲ ވަހީކުރައްވާފައިވަނީ އެމަލާއިކަތް ބޭކަލުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރެއްވުމުގައި ބޮޑާވެ ކިބުރުވެރިވެ ނުގަންނަވައޭ. އަދިވަރުބަލެވިވަޑައެއްވެސް ނުގަންނަވައޭ. ރެއާއި ދުވާލު ހުއްޓުމެއްނެތި ﷲސުބްޙާނަހޫ ވަތަޢާލާއަށް ތަސްބީޙަ ވިދާޅުވަމުން ގެންދަވައޭ. އާދެ ފަޖުރުލުމަށްދާންދެން އެރޭގެ މަތިވެރިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ އެރޭގެ ބަރަކާތްތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވޭ.
އާދެ މިސޫރަތުގައި ލައިލަތުން ޤަދްރި ވިލޭރޭގެ މާތްކަން ތަފާތު ގޮތްގޮތަށް ﷲސުބްޙާނަހޫ ވަތަޢާލާވަނީ ބަޔާންކޮށްދެއްވާފައި. ފުރަތަމަ ކަމަކީ މީސްތަކުންނަށް ހިދާޔަތް ދެއްވުމަށްޓަކައި މީސްތަކުންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރެއްވުމަށްޓަކައި މަގުދެއްކެވުމުގެ ގޮތުން އެބައިމީހުންގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުޢާން ބާއްވާލަންވަން ފެއްޓިފައިވަނީ ލައިލަތުލްޤަދުރި ވިލޭރޭގައިކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިސޫރަތުގައި ބަޔާންކޮށްދެއްވާފައި. އަދި ލައިލަތުން ޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކުރުމުގެ ގޮތުން އެރެއަކީ ކޮން ރެއެއްކަން އެރޭގެ މަތިވެރިކަމަކީ ކިހާވަރެއްގެ މަތިވެރި ރެއެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް މުޚާތަބް ކުރައްވާ ﷲސުބްޙާނަހޫ ވަތަޢާލާ ވަނީ ސުވާލު ކުރައްވާފައި.
ހަމަ އެފަދައިން ލައިލަތުން ޤަދުރި ވިލޭރޭއަކީ އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްކަން މިސޫރަތުގައި ﷲ ވަނީ ބަޔާންކޮށްދެއްވާފައި. އަދި މަލާއިކަތް ބޭކަލުން ހެވާ ބަރަކާތާއި ރަހުމަތައިގެން ބިމަށް ފައިބާ ވަޑައިގަންނަވާނެކަންވެސް މިސޫރަތުގައިވަނީ ބަޔާންކޮށްދެއްވާފައި.
އަދި އެރޭ އެތައް ބަޔަކު ނަރަކައިން މުއްތިކުރައްވައި ސަލާމަތްކުރައްވާނެކަންވެސް ވަނީ ބަޔާންކުރައްވާފައި. އަދި އެރޭގެ މަތިވެރިކަމާއިބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ މިވަނީ ޤިޔާމަތަށް ދާންދެން ކިޔެވޭނެ ސޫރަތެއް ބާއްވާލައްވާފައި.
އަދި އެރޭގެ މަތިވެރިކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވޭ ލައިލަތުން ޤަދްރި ވިލޭރޭ ހޯދުމަށްޓަކައި މީހަކު ރޭއަޅުކަންކޮށްފިކަމަށްވަނީނަމަ އެމީހަކު ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އީމާންވެގެން އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދަރުމައާއި ޘަވާބަށް އެދިގެން ރޭއަޅުކަންކޮށްފިކަމަށްވަނީނަމަ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ﷲ ފުއްސަވާ ދެއްވާނެ. އެހެން ހަދީޘެއްގައި އަންނަނީ މީހަކު ލައިލަތުން ޤަދްރި ވިލޭރޭ ހޯދުމަށްޓަކައި މަސައްކަތްކުރުމަން ދަނިކޮށް އެރެއާ ބައްދަލުވެއްޖެކަމުގައިވަނީނަމަ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކާއި އަދި މުސްތަޤްބަލްގައި ކުރެގެން ހުރި ހުރިހާ ފާފައެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވާ ދެއްވާނެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން. މިފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕެވުމަށް މަސައްކަތްކުރައްވާ. ކަސައުޓީތަކާ ޑްރާމާތަކާ ކުޅިމަޖާ މިވަގުތަށް އިހަށް ބަހައްޓަވާ. ބެހެއްޓެވުމަށްފަހުގައި އަޅުގަނޑުމެން ދިވެހި ހަރުބަހެއްގައިވެސް ބުނާފަދައިން ވެހޭތަނުގައި ފެންނެގުމަށްޓަކައި މިދުވަސްކޮޅުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އަޒުމް ވަރުގަދަ ކުރައްވާ.
އަދި މީޑިއާ ތަކުގެ ބޭފުޅުންވެސް މިފަދަ ދުވަސްތަކުގައި ބޭކާރު އެއްޗެހި ޓީވީތަކުންނާއި ރޭޑިއޯ ތަކުން ނުފޮނުއްވާ! މިފަދަ ދުވަސްތަކުގައި މީސްތަކުންގެ އީމާންކަން ވަރުގަދަވާނެފަދަ ދަރުސްތަކާ ނަސޭހަތްތަކާއި ހަނދާންކޮށްދިނުންތައް ގިނަ ގިނައިން ފޮނުއްވުމަށް އަޅުގަނޑު ނަސޭހަތްތެރިވަން.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: