ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މަތިވެރި އިންސާނަކީ އަދި ﷲ ތައާލާ އުފެއްދެވި އެންމެ މަތިވެރި މަޚްލޫޤަކީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)އެވެ. ރޭތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ލައިލަތުލްޤަދްރްވިލޭރެއެވެ. އަންހެންބޭކަނބަލުންގެތެރެއިން އެންމެ މަތިވެރިކަން ލިބިވަޑައިގެންނެވި އެއް ބޭކަނބަލަކީ ޢައިޝަތުގެފާނެވެ!
ވީމާ ރޭތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ލައިލަތުލްޤަދްރްވިލޭރެ އާއި ބައްދަލުވެޑައިގެންފިނަމަ ނުވަތަ ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތް ޙާޞިލުކުރެއްވެވިއެދި ކުރައްވަން ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މަތިވެރި އިންސާނާ އަދި ﷲ ތައާލާ އުފެއްދެވި އެންމެ މަތިވެރި މަޚްލޫޤް އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އިތުރުއެކަލޭގެފާނު އެންމެ ލޯބިފުޅުވެވަޑައިގެންނެވި އަދި އެންމެހައި އަންހެންބޭކަނބަލުންގެތެރެއިން އެންމެ މަތިވެރިކަން ލިބިވަޑައިގެން އިންނެވި އެއް ބޭކަނބަލަކު ކަމުގައިވާ ޢައިޝަތުގެފާނަށް މިދުއާ ދަސްފުޅުކޮށްދެއްވެވީ ހަމަ މިދުޢާގެ މަތިވެރިކަން ބޮޑުކަމުންނެވެ!

އެހެނީ ފާފަތައް ފުއްސަވައި ދެއްވެވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމުގެ ތަޅުދަނޑިއެވެ. ދުނިޔެ ވެސް އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވައިފިނަމައެވެ. ދުނިޔޭގައި ތަނަވަސްކަން ލިބުމާއި ޙަޤީޤީ އުފާވެރިކަން ލިބުމާއި ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމާއި އަދި ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވުމާއި ސުވަރުގެ ލިބުމާއި މިހުރިހާ ކަންކަން ގުޅިފައިވަނީ ހަމަ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމާއި އެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ މިއީ ކުރު ދުޢާއަކަށް ވެގެން ނުކޮށް ދޫނުކުރާށެވެ! ގިނަގިނައިން މިދުޢާ ކުރާށެވެ! އަހަރެމެންގެ ހުރިހާ ކާމިޔާބީއެއް ގުޅިފައި މިވަނީ ﷲ ތައާލާ، އަހަރެމެންގެ ފާފަތަކަށް ޢަފޫކޮށްދެއްވެވުމާއިއެއެވެ. ފާފަތައް ފުއްސަވައި ދެއްވުމާއިއެވެ. ވީމާ މި ރޭ ވެސް އަދި ރަމަޟާން މަހުން ދެން ބާކީ ހުރި ރޭތަކުގައިވެސް މި ދުޢާކުރުން ގިނަކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިއަ އެންމެ ބޭފުޅުންނަށް ނަޞޭޙަތްތެރިވަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން