ﷲ ވަނީ ވަރަށް ޚާއްޞަ 2 ދައުވަތެއް ދެއްވަވާފަ! އިޖާބަ ދީފި މީހަކަށް ހުރި އުފާވެރިކަން ބޮޑުކަމުގެ ކުޑަ މިންވަރެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 12ސ
ﷲ ވަނީ ވަރަށް ޚާއްޞަ 2 ދައުވަތެއް ދެއްވަވާފަ! އިޖާބަ ދީފި މީހަކަށް ހުރި އުފާވެރިކަން ބޮޑުކަމުގެ ކުޑަ މިންވަރެއް!: ޑރ. އިޔާޟް

ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ވަރަށް ޚާއްސަ ދަޢުވަތެއް ދެއްވާފައި އެބައޮވޭ. އެކަލާނގެ ކީރިތި ޤުރުޢާންގައި ވަކީކުރައްވާފައިވަނީ "ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޟްރަތުން ފާފަފުއްސެވުމާއި އަދި ސުވަރުގެ ހޯދަން އަވަސްވެގަތުން. ސުވަރުގޭގެ ފުޅާމިނަކީ އުޑާބިމާ ދެމެދުގައިވާ ފުޅާމިން. އެހެންވީމާ އެސުވަރުގެ އުޑާއި ބިމާއި ދެމެދުގައި ވާހާ ފުޅާމިނުގެ ސުވަރުގެއާއި އަދި ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޟްރަތުން ފާފަފުއްސެވުން ހޯދުމަށް ތިޔަބައިމީހުން އަވަސްވެގަންނާށޭ." 

 އާދެ. އެކަންތައްތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ތައްޔާރުކޮށްދެއްވާފައިވަނީ ކޮން ބައަކަށްޓަކައި ކަން ބަޔާންކުރައްވަމުން ވަހީކުރައްވަނީ އެކަންތައްތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ތައްޔާރުކޮށްދެއްވާފައިވަނީ ތަޤްވާވެރިވި މީހުންނަށް ޓަކައެވެ.  

ދެން އެއަށްފަހު ތަޤްވާވެރިވި މީހުންގެ ސިފަތައް ބަޔާންކުރައްވަމުން ވަހީކުރައްވާފައިވަނީ  "އެބައިމީހުންނަކީ ތަނަވަސްކަމުގެ ހާލުގައި އަދި ދަތިކަމުގެ ހާލުގައިވެސް ﷲގެ މަގުގައި އެބައިމީހުންގެ މުދާ ހޭދަކުރި މީހުންނޭ. އަދި ރުޅި އަންނަ ހިނދުގައި ރުޅި ކޮންޓްރޯލްކޮށް ރުޅި ހިންދާލާ މީހުންނޭ. އަދި މީސްތަކުންނަށް މަޢާފްކުރާ މީހުންނޭ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިހްސާންތެރިން ދެކެ ލޯބިވެ ވޮޑިގެންވޭ." 

 ދެން އެއަށްފަހުގައި އިހްސާންތެރިންގެ ސިފަތައް ބަޔާންކުރައްވަމުން ވަހީކުރައްވަނީ "އެބައިމީހުންނަކީ އެބައިމީހުންނަށް ފާހިޝް އަމަލެއް ކުރެވުނުކަމުގައިވީނަމަވެސް ނުވަތަ އެބައިމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވުން ކަމުގައިވީނަމަވެސް އެއީ ފާފައެއް ކުރެވުމުގެ ސަބަބުން އެބައިމީހުން  ނަފްސަށް އަނިޔާވެރިވެއްޖެ ހާލަތެއްގައި ނުވަތަ ފާހިޝް އަމަލަކަށް އަރައިގަނެވުނު ހާލަތެއްގައި ﷲ  ސުބްހާނަހޫ ވަތަޢާލާގެ މަތިން ހަނދުމަކުރާ މީހުންނޭ. އަދި އެބައިމީހުންނަށް ކުރެވުނު ފާފައަށް ފާފަފުއްސެވުން އެދި ﷲ ގެ ހަޟްރަތުގައި އެބައިމީހުން ދުޢާކުރެއޭ. ﷲ ފިޔަވައި ފާފަފުއްސަވާނީ ކޮން ފަރާތަކުންހޭ. އެބައިމީހުންނަށް އެކުރެވުނު ފާފައެއްގެ މަތީގައި އެބައިމީހުން ދެމިނުތިބެއޭ. އޭގެ ބަދަލުގައި އެބައިމީހުން ތަޢުބާވުން އަވަސްވެ ގަނެއޭ. އެބައިމީހުން ރަނގަޅަށް އެނގޭ އެބައިމީހުން ފާފަފުއްސެވުން އެދިﷲގެ ހަޟްރަތުގައި ދަންނަވައިފިކަމުގައިވަނީނަމަ ﷲ އެމީހުންނަށް ފުއްސަވައިދެއްވާނެކަން.  

އާދެ. އެބައިމީހުންނަށް ހުރި ޖަޒާގެ ވާހަކަ ބަޔާންކުރައްވަމުން ވަހީކުރައްވަނީ "އެބައިމީހުންނަކީ،  އެބައިމީހުންގެ ޖަޒާއަކީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ހަޟްރަތުން ފުއްސެވުން ލިބިގެންދާނެ އަދި އެތަނެއްގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެބައިމީހުންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވާނެ. އެބައިމީހުން އެތަނުގައި ދާއިމަށް ދެމި ތިބޭނެ. މަސައްކަތްތެރިންނަށް އެބަހީ ހެޔޮ އަމަލުކުރާ މީހުންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހާދަހާވާ ހެޔޮ ދަރުމަ ދެއްވައޭ.  

އާދެ! ސުވަރުގޭގެ ސިފަތައް ބަޔާންކުރައްވަމުން އިތުރަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވޭ! ތަޤްވާވެރިންނަށްޓަކައި ވައުދުވެވިގެންވާ ސުވަރުގޭގެ މިސާލަކީ ސުވަރުގެގޭގެ ދަށުން އާރުތައް ހިނގަހިނގާ ހުންނާނެ، އެތާނގެ މޭވާތަކާއި އަދި އެތަނުގެ ހިޔަނި އެތަނުގެ ހިޔާ އަބަދަށްވެސް ދެމިހުންނާނެ، އެއީ ތަޤްވާވެރި މީހުންގެ ނިމުން، އެހެންވީމާ އެބައިމީހުންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ތައްޔާރުކޮށްދެއްވާފައިވާ ތަނެކޭ.  

އެހެން އާޔަތެއްގައި ސުވަރުގޭގެ ސިފަކުރައްވަމުން ﷲ ވަހީކުރައްވަނީ "ތަޤްވާވެރިންނަށްޓަކައި ވަޢުދުވެވިގެންވާ ސުވަރުގޭގެ މިސާލަކީ އެސުވަރުގޭގަވެއޭ ފެންއާރުތަކެއް. ކިތަންމެ ވަރަކަށް އާރުތަކުން ފެން ނެގިކަމުގައިވީނަމަވެސް އޭގެ ރަހައަކަށް ވަހަކަށް ކުލައަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި ކިރުގެ އާރުތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވޭ. ކިތަންމެ ވަރަކަށް އެއިން ބޭނުންކުރިކަމުގައިވީނަމަވެސް އޭގެ ރަހައަކަށް ބަދަލެއް ނާންނާނެ. އަދި އެބޯމީހާއަށް ލައްޒަތެއް އަރާމެއްލިބޭފަދަ ރަލުގެ އާރުތަކެއް ﷲ ސުބްހާނަހޫ ވަތަޢާލާ ލައްވާފައިވޭ. އަދި މާމުއި އާރުތައް، ސާފު މާމުއި އާރުތައް ﷲ ސުބްހާނަހޫ ވަތަޢާލާ އެސުވަރުގޭގައި ލައްވާފައިވޭ. އަދި ހުރިހާ ވައްތަރެއްގެ މޭވާ ލިބޭނެގޮތް ﷲ ސުބްހާނަހޫ ވަތަޢާލާ އެބައިމީހުންނަށްޓަކައި އެސުވަރުގޭގައި މިންވަރުކޮށްދެއްވާފައިވޭ. އަދި އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހްގެ ހަޟްރަތުން ފުއްސެވުން ލިބިގެންދާނެ. 

މިމަތިވެރި ނިޢުމަތުގައިއުޅޭ މީހާއާ ނަރަކައިގެ ދެމިއޮވެ އަދި އެނަރަކައިގާ އެބައިމީހުންނަށް ކެކިކެކި ހުންނަ ހޫނުފެންބޯންދެވި އަދި އެފެން ބުއިމުގެ ސަބަބުން އެބައިމީހުންގެ ގޮހޮރުތައް ވިރިގެންދާ މީހުންނާ މިބައިމީހުންނާ އެއްވަރުވާނެތޯ ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވާލުކުރައްވާފައިވަނީ މިއާޔަތުގައި.  

އަދިވެސް ސުވަރުގެ ވަންތަ ވެރިންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ދެއްވަމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވަނީ "އީމާންވެ ހެޔޮ އަމަލުކުރި މީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށޭ! އެބައިމީހުންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ދަރުމާ ޘަވާބެއްގެ ގޮތުގައި ތައްޔާރުކުރައްވާފައިވޭ ސުވަރުގެތަކެއް. އެސުވަރުގޭގެ ދަށުން ފެންއާރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެ ތައް . އެސުވަރުގެ ތަކުން ރޯއްޖެއްގެ ގޮތުގައި މޭވާއާއި މޭވާގެ ކޮންމެ ބާވަތެއްވެސް އެބައިމީހުންނަށް ލިބޭ. މޭވާގެ ކޮންމެ ބާވަތެއްވެސް އެބައިމީހުންނަށް ލިބޭ. އެމޭވާގެ ބާވަތްތައް ލިބޭ ހިނދުގައި އެއިންކޮންމެ ވައްތަރެއްގެ މޭވާއެއް ލިބޭ ހިނދުގައި އެމީހުން ބުނާނެ މިއީ ކުރިންވެސް އަހަރުމެންނަށް ދުނިޔެމަތީގައިވެސް ލިބުނު އެއްޗެއްސޭ.  ދެން އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ ބޭރުފުށަށް އެއްވައްތަރުވާ ހާލުގައި އެހެންނަމަވެސް ސުވަރުގޭގައިވާ މޭވާ އެއީ ވަކިންޚާއްސަކޮށް ރަހައިގެ ގޮތުންވެސް ސިފައިގެ ގޮތުންވެސް ހުރިހާގޮތަކުންވެސް މީރު ޠާހިރު އެއްޗެއް. އެހެންވީމާ ވަރަށް މަތިވެރި ނިއުމަތްތައް ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގެ ވަންތަ ވެރިންނަށްޓަކައި ތައްޔާރުކޮށްދެއްވާފައި އެވަނީ.  

އާދެ. ސޫރަތުލް އިންސާންގެ ސާދަވަނަ އާޔަތުން ފެށިގެންގޮސް އެކާވީސް ވަނަ އާޔަތުގެ ނިޔަލަށް ސުވަރުގެ ވަންތަ ވެރިންނަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާންކުރައްވަވާފައިވޭ! އެއާޔަތްތަކުގެ މާނައިގާ ވަނީ އެތާނގެ ގަސްގަހުގެ ހިޔާތައް އެއުރެންނަށް ގާތްވަގެންވޭ. ސުވަރުގެ ވަންތަ ވެރިންނަށް ސުވަރުގޭގެ ގަސްގަހުގެ ހިޔާތައް އެމީހުންނަށްޓަކައި ގާތްވެގެންވެއޭ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާނެ. އަދި ރިހިންވާ ކަންވާރުތަކާއި ފެންބޯ ތަށިތަކާއި އެއުރެންގެ މެދުގައި ބުރުޖަހާލަ ޖަހާލާ ހުންނާނެއޭ ސުވަރުގެވަންތަ ވެރިންގެ ކައިރީގައި ބުރުޖަހާލަ ޖަހާލާ ހުންނާނެއޭ. އެތަކެތި ބިއްލޫރިފަދައިންވާނެ. އަދި ރިހިންވާ ކަންވާރުތަކާއި ފެންބޯތަށިތައް އެއުރެންގެ ކައިރީގައި ބުރުޖަހާލަ ޖަހާލަ ހުންނާނެއޭ. ރިހީގެ ބިއްލޫރިތަށި އެއުރެންނަށް އަދަދުނުކޮށް އެއުރެންނަށް މިންވަރު ކުރާނެތޭ. އެބަހީ އެތަށިތަކުގެ ބޮޑުކަމުންނާއި އަދި އެތަށިތައް އަޅާފައިވާ ތަކެތި އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާ ހަދާނެއޭ. އަދި އެތާނގައި އެއުރެންނަށްޓަކައި ރާތައްޓެއް ބުއިމަށްވާނޭ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ ޒަންޖަބީލް އާދެ. އިނގުރު. އެއީ އެތާނގައި ސަލްސަބީލައޭ ނަމަކަށް ކިޔޭ އާރެކޭ. އަދި ޒުވާންކަންމަތީގައި ތިބޭ ޒުވާން ފިރިހެންކުދިން އެއުރެންގެ ޚިދުމަތުގައި ބުރުޖަހާލަޖަހާލާ ތިބޭނެ. ތިބާއަށް އެކުދިން ފެނިއްޖެކަމަށްވަނީނަމަ އެކުދިންނީ އެތަން މިތަނަށް ވިހުރުވާލެވިފައިވާ މާނައަކީ ސިފަ ނުކުރެވޭފަދަ ނިޢުމަތާ ބޮޑުވެގެންވާ ވެރިކަމެއް ތިބާއަށް އެތަނުން ފެނިގެންދާނެ. ފެހިކުލައިގެ ސުންދުސްފޭރާމާއި އިސްތަބްރަޤް ފޭރާމުން އެއުރެން ފޭރާންލައްވާނެ. އަދި ރިހި އުޅާތައް އެއުރެންގެ ގަހަނާ އަޅުއްވާނެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ސާފުޠާހިރު ބުއިމެއް ދެއްވާނެ. އަދި އެއުރެންނަށް ﷲ އަންގަވާނެ! ހަމަކަށަވަރުން މިކަންތައްތަވަނީ ތިޔަބައިމީހުންކުޅަ ހެޔޮ އަމަލުތަކުގެ ސަބަބުން ޖަޒާއެއްގެ ގޮތުގައޭ ތިޔަބައިމީހުން ކުޅަ މަސައްކަތަކީ ޝުކުރު ލިބިގެންވާ ކަމެއްކަން ކަށަވަރެވެ. 

ކުރުސިއްޔަ ހަދީޘްއެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހަދީޘްކުރައްވާފައިވަނީ ތިމަން ﷲ ގެ ސާލިހް އަޅުތަކުންނަށްޓަކައި ތިމަންﷲ ތައްޔާރުކޮށްދެއްވާފައިވޭ އިންސާނެއްގެ ލޮލަށް ކުރިން ފެނިފައިނުވާފަދަ އަދިކަންފަތަށް އަޑުއަހާފައި ނުވާފަދަ އިންސާނެއްގެ ހިތައް ތަސައްވަރުވެސް ނުކުރެވޭ ފަދަ މަތިވެރި ނިއުމަތްތައް ﷲ ސުބްހާނަހޫ ވަތަޢާލާ ސުވަރުގޭގައި ތައްޔާރުކޮށްދެއްވާފައިވޭ. 

 ލޮބުވެރި މުސްލިމް އަޚުންނާއި އުޚްތުން. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ގިނަ ގިނައިން ދުޢާ ދަންނަވަންވީ. އަޅުގަނޑުމެންނަކީ އެސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބިގެންވާ ބަޔަކުކަމުގައި ލެއްވުން އެދި އަދި އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ އަމަލުތައް ސީދާ ކުރަންވީ ﷲ ރުހިވޮޑިގެންވާ ގޮތުގައި އަޅުގަނޑުމެން އަމަލުތައް ބަހައްޓަންވީ. އޭރުން ﷲގެ ރަހުމަތާއެކު އަޅުގަނޑުމެންނަކީ ﷲގެ ރަހުމަތުގެ ގޯތި ސުވަރުގޭގެ އަހުލުވެރިންކަމުގައި ވެގެންދާނެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީ ސުވަރުގެ ވަންތަވެރިންކަމުގައިލައްވާށި. އަދިނަރަކައިން މިންޖުކުރައްވާފައިވާ ބަޔަކުކަމުގައި ލައްވާށި  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާޢްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ: 

މިއަދު އޮންލައިން