ރޯދަ މަސް ނިމެނީ! ހިފި ރޯދަތައް ޤަބޫލުފުޅުކުރައްވަވައި "އައްރައްޔާން" ދޮރުކޮޅުން ވައްދަވާތޯ ދުޢާކުރުން ގިނަކުރަންޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރޯދަ މަސް ނިމެނީ! ހިފި ރޯދަތައް ޤަބޫލުފުޅުކުރައްވަވައި "އައްރައްޔާން" ދޮރުކޮޅުން ވައްދަވާތޯ ދުޢާކުރުން ގިނަކުރަންޖެހޭ ސަބަބު!

މިއަހަރުގެ ފަރުޟު ރޯދަ ހިފައި ނިމެނީއެވެ. މިއަދަކީ 28 ވަނަ ދުވަހެވެ. މިރެއަކީ 29 ވިލޭރެއެވެ. ޢާންމު އުޞޫލުން ބަލާނަމަ މި ރަމަޟާން މަހު 30 ރޯދަ ހިފަން ނުޖެހުމަކީ ވަރަށް ގާތް ކަމަކަށްވެދާނެއެވެ. އެކަން ނިންމާނީ ޢީދަށް ހަނދުބަލައިގެންނެވެ. 

ވިސްނާލަންވި ކަމަކީ ރަމަޟާން މަހެއް ނިމިދިއުމުން އެމަހުގައި ހިއްޕެވި ރޯދަތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯ ދެން އޮންނަ 6 މަސް ދުވަހު ޞަޙާބީން ދުޢާކުރައްވަމުން ގެންދެވިއެވެ. ނަމަވެސް މިކަމަކީ މިއަދު ގިނަ ޤައުމުތަކުން ފެންނަ ކަންކަމެއް ނޫނެވެ! ގިނަ މީހުން އަމަލުކުރަނީ ފިހާރައަކަށް ވަދެ ތަކެތި ގަނެލާ އުޞޫލުންނެވެ. ކޭޝްކާޑުން ބިލްދައްކައިލުމުން ފުދޭ ފަދައިން 30 ދުވަހު ރޯދައަށް ހުރެލުމުން އެއޮތީ ހުރިހާ ކަމެއް ނިމިފައި ކަމަށް ޤަބޫލުކުރާ އުޞޫލަށެވެ! 

އެހެން ނުހަދާށެވެ! ހިފި ރޯދަތައް ޤަބޫލުފުޅު ކުރައްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ! ވީހައި ގިނަގިނައިން ދުޢާކުރާށެވެ! އެހެނީ ޞަހާބީންގެ ރޯދަ ހިއްޕެވުން އިންތިހާއަށް ފުރިހަމަވެގެންވާއިރުވެސް އެބޭކަލުން ހިއްޕެވި ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދިވަޑައިގެން އެވަރަށް ދުޢާ ކުރެއްވެވިއިރު އަހަރެމެންނަށް ރޯދަ މިހިފޭ ޙާލަތާއިމެދު ވިސްނައިލަން ޖެހޭނެ ނޫންހެއްޔެވެ؟ އެބޭކަލުން ރޯދަ ކާމިޔާބުކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ އެންމެ އިންސައްތައެއް އަހަރެމެންނަށް އެބަކުރެވޭ ހެއްޔެވެ؟ 

ސަހުލް ބިން ސަޢުދު ރަޟިއަﷲ ތައާލާ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ސުވަރުގޭގައި ވެއޭ އައްރައްޔާން ނަމަކަށް ކިޔުނު ދޮރުކޮޅެއް. ޤިޔާމަތްދުވަހުން ހަމައެކަނި ރޯދަވެރިން ފިޔަވައި އެއްވެސް ބައަކު އެދޮރުކޮޅުން ސުވަރުގެއަށް ނުވަންނަ ދޮރުކޮޅެއް!"

އައްރައްޔާން ނަމަކަށްކިޔުނު ދޮރުކޮޅަކި ހަމައެކަނި ރޯދަވެރިން ސުވަރުގެ ވަނުމަށްޓަކައި ޚާއްސަކުރައްވާފައިވާ ދޮރުކޮޅެކެވެ. ވީމާ އެ ދޮރުކޮޅުން ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމަށްޓަކައި ހިފާ ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން