މިއަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާ ވަކިވެގެން މިދަނީ! އެހެންނަމަވެސް އަޅުގަނޑުމެން ދުނިޔޭގައި ތިބިހާ ހިނދެއްގައި ހެޔޮ ޢަމަލު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނާ ވަކިވެގެނެއް ނުދާނެ. ރަމަޟާންމަހުގެ ތަރުބަވީ މަދަރުސާއިން އަޅުކަމުގެ މަދަރުސާއިން ޤުރުޢާނުގެ މަދަރުސާއިން، ދަމުނަމާދުގެ މަދަރުސާއިން އަޅުގަނޑުމެންގެ ނަފްސަލް ލިބުނު ރޫހާނީ އުފާވެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި އަޅުގަނޑުމެން އެހޭދަކުރިވަގުތުގެ މޭވާ އަޅުގަނޑުމެންގެ ހަޔާތާއެކުގައި ދަމަހައްޓަންޖެހޭނެ!
އެއަސަރު އަޅުގަނޑުމެންގެ ހަޔާތުގައި ދަމަހައްޓަންޖެހޭނެ! ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެން ދިއުމަށްފަހުގައިވެސް. ނަބީބޭކަލުންގެ ސުންނަތުން އަޅުގަނޑުމެންނަށް އެނގިފައި އޮންނަކީ ހެޔޮ ޢަމަލުތައް ކުރުމަށްފަހުގައި އެޢަމަލުތައް ޤަބޫލުކުރެއްވުން އެދި ﷲ އަށް ދުޢާކުރަންޖެހޭނެކަން! ﷲ ސުބްޙާނަހޫ ވަތައާލާއަށް ދުޢާކުރަންޖެހޭނެކަން! ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށް އެދި!
رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ العَلِيمُ وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
ދުޢާގައިއެވަނީ އަޅަމެންގެ ޢަމަލުތައް މާތް ﷲ ޤަބޫލުކުރައްވާންދޭވެ! އަދި އަޅަމެންނަށް ތަޢުބާ ލައްވާ އަޅަމެންގެ ތަޢުބާ ޤަބޫލުކުރައްވާންދޭވެ! މިއީ ސައްޔިދިނާ އިބްރާހީމް އަލަހިއްސަލާމްގެ ދުޢާ.
އެހެންކަމުން ރަމަޟާންމަހުގައި އަޅުގަނޑުމެން މިހޭދަކުރި ހެޔޮ ދުވަސްތައް ހެޔޮ އަމަލުތައް އަޅުގަނޑުމެން ކުރި، މިއަމަލުތަކުގެ ހެޔޮ އަސަރު އަޅުގަނޑުމެންގެ ހަޔާތުގައިވެސް ދެމެހެއްޓޭތޯ އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަންޖެހޭނެ. އެއީ ކިހިނަކުން؟ އެއީ ރަމަޟާންމަހު ފަހުގައިވެސް އަޅުގަނޑުމެން ހެޔޮގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރުން.
ނަމާދު ޤާއިމްކުރުން، ޒަކާތް ދިނުން، އަޅުގަނޑުމެން ސުންނަތް ރޯދަތައް ހިފުން! ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމާއި އަދި ސުންނަތް ރޯދަތައް ހިފުން! އެއީ ހޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުން! މިހުރިހާ އަމަލުތަކަކީވެސް މިއީ ސުންނަތް ކަންތައްތައް. މިކަންކަން ދެމިހެއްޓުމުގައި ތިބެންޖެހޭނެ! މިކަންކަމަކީ ﷲ އަޅުގަނޑުމެންނަށް ބަރަކާތް ލައްވާނެ ކަންކަން!
މީސްތަކުންނަށް އިހްސާންތެރިވުމާއި، އާއިލާއަށް ހެޔޮކޮށް ހިތުމާއި، މައިންބަފައިންނަށް ކަމޭހިތުމާއި ބޮޑެތި މީހުންނަށް އިޚްތިރާމް ކުރުމާއި ކުޑަކުދިންގެ ދެކެ ލޯބިވުމާއި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވެ އެކަލޭގެފާނުގެ ރިވެހި އަޚުލާގު އަޅުގަނޑުމެން ހިފެހެއްޓުމާއި މިހުރިހާކަމަކީވެސް މިއީ ރޯދަމަހު އަޅުގަނޑުމެންނަށް އަޅުކަމުގެ މަދަރުސާއިން ލިބުނު ފިލާވަޅުތައް!
މި ފިލާވަޅުތަކުން އަޅުގަނޑުމެންގެ ހަޔާތަށް ޒީނާތްތެރިކަން އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެ! އެހެންނޫންނަމަ އަޅުގަނޑުމެންނަށް މިހިފި ރޯދައިގެ ހަޤީޤީ މަންފާއެއް ނުކުރާނެ!
ލޮބުވެތި އަޚުންނާއި އުޚްތުން. މާތްﷲ ކީރިތި ޤުރުއާންގައި ވަހީކުރައްވާފައިވަނީ "ތިޔަބައިމީހުންނަށް ރޯދަ ފަރުޟުކުރެއްވުނީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައޭ." އެހެންވީމާ ތަޤުވާވެރިވުމަކީ އެއީ ﷲ އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކުރުމާއި ކުޅަދާނަކަން ލިބިގެންވީ މިންވަރުން އެކަންކަން އަދާކުރުމާއި ނަހީކުރެއްވި ކަންތައްތަކުން އަޅުގަނޑުމެން ދުރުވެގަތުން! އެއީ އިސްތިޤާމަތަކީ ދީނުގައި. އެއީ ހިދާޔަތުގެ މަގުގައި ސާބިތުވެތިބުމަކީ އެއީ. އެހެންވީމާ އަޅުގަނޑުމެން އަޒުމް ކަނޑައަޅަން އެބަޖެހޭ ރަމަޟާންމަހަށް ފަހުގައި އަޅުގަނޑުމެން އިސްލާމްދީނުގެ ތެދު މަގުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް.
މާތްﷲ ވަހީކުރައްވާފައިވަނީ "ހަމަކަށަވަރުން އެބައިމީހުންނަށް އެބައިމީހުންގެ ވެރި ރައްބަކީ ﷲކަމުގައި ބުނެ، އެއަށްފަހުގައި އެކަލާނގެ އެންގެވިގޮތުގެ މަތީގައި ޤާއިމްވެ ސާބިތުވެތިބި މީހުންނަށް މަލާއިކަތުން ވިދާޅުވާނެއޭ، ތިޔަބައިމީހުން ބިރުގަތުމެއް ދެރަވުމެއް ކަންބޮޑުވުމެއް ނެތޭ". އެހެންވީމާ އެއުފާވެރިކަމުގެ ޚަބަރު ލިބިގެންވާ މީހުންގެ ތެރެއިން އަޅުގަނޑުމެން ވޭތޯ އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ!
ލޮބުވެތި އަޚުންނާއި އުޚްތުން! މިފުރުސަތުގައި މިއިޙްލާސްތެރި ހެޔޮ ނަސޭހަތަށްފަހު އަޅުގަނޑު މިވަކިވެލަނީ ވަރަށް ބޮޑަށް ޝުކުރުދަންނަވަން ރަމަޟާންމަހުގައި މިސިލްސިލާ ނަސޭހަތް ތިބޭފުޅުން ބައްލަވާ އަދި ޝެއަރ ކުރައްވަމުން ގެންދެވީތީ މާތްﷲ ތިބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށި! އަދި މިއަދު ނޫހުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑުމެންގެ ލަތީފްބެ ކުރެއްވި ބުރަ މަސައްކަތުގައި މާތްﷲ އޭނާއަށް ހެޔޮ ޖަޒާދެއްޗެވުން އެދި އަޅުގަނޑު ދުޢާކުރަން! މިއީ ވަރަށްބުރަ މަސައްކަތެއް.! ރަމަޟާންމަހު ކޮންމެ ދުވަހަކު ތިބޭފުޅުންނަށް ހެޔޮ ނަސޭހަތް ފޯރުކޮށްދެއްވަމުން ގެންދެވީ ނޫސްމެދުވެރިކޮށް! މާތްﷲ އެމަސައްކަތުގައި ބަރަކާތް ލައްވާ އޭނާއަށް ހެޔޮގޮތް މިންވަރުކުރައްވައި ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި އަޅުގަނޑުމެން އެންމެން ލައްވާށި.! އާމީން
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: