އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ކޮންމެވެސް ބޭނުންތަކެއް ނުފުދިގެން އަބަދުވެސް ﷲ ތަޢާލާއަށް ދުޢާކުރަން ޖެހިފައިވާ މީހެކެވެ. އިނގިލިތަކުގެ ސައިޒު ތަފާތުވާ ފަދައިން މީހުން ދުޢާކުރާ ބޭނުންތައްވެސް ތަފާތުވާނެއެވެ! އެއްބައަކު އުދުހޭނެ ޖެޓެއް ނުލިބިގެން ދުޢާކުރާއިރު އަނެއް ބައަކު ދުޢާކުރާނީ ކަރުހިއްކުމުން ސަލާމަތްވާން ބޮއިލާނެ ފެން ފޮދެއް ނުލިބިގެން ކަމަށްވެސް ވެދާނެއެވެ.
އެއީއަކީ އެއްވެސް ަމއްސލައެއްވެސް ނޫނެވެ. ހަމ ދުޢާކުރަންވީއެވެ. އެމީހަކު ބޭނުންވާ ކަންކަމަސް އެދި ދުޢާކުރަންވީއެވެ. ގިނަގިނައިން ދުޢާކޮށް ﷲ ތަޢާލާޢަށް ދެންނެވުމަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. ހަމައއެކަނި ފުރިހަމަކޮށްލަން ޖެހޭނީ އެންމެ ކަމެކެވެ! އެއީ އީމާންކަމެވެ!
މިބަޔާންކުރާ އާޔަތަށް ބަލާށެވެ! ﷲ ތައާލާ ވަޙީކުރައްވަވާފައި އެވަނީ " ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަވަމެވެ."
މިފަދައިން ވަޙީކުރެއްވެވުމަށްފަހު ވިދިގެން އެވަޙީ ކުރައްވަވަނީ އަހރެމެން ކުރާ ދުޢާ ޢިޖާބަކޮށްދެއްވެވުމަށް އެދޭ ނަމަ އަހަރެމެން ފުރިހަަމކުރަން ޖެހޭ 2 ކަންތަކުގެ ވާހަކައެވެ.
1 ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ!
2 އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ!
މި ކަންތަކަށް ބަލާއިރު ﷲ ތަޢާލާއަށް ޢިޖާބަ ދިނުމަކީ ހަމައެކަނި ދުލުން ޝަހާދަތް ކިޔައިލުމެއް ނޫނެވެ! ޝަހާދަތް ކިޔުމާއިއެކު ޢަމަލުން ކުރަން ޖެހޭ ކަންކަން ކުރުމެވެ! ފަރުޟާއި ސުންނަތް އަދާކުރުމެވެ!
މިގޮތަށް 1،2 ތަރުތީބު ކުރައްވަވާފައި މިވަނީ އެއިރު މީސްތަކުން ﷲ އިޖާބަ ނުދީ ތިބުމުން ކަމަށް ބެލެވެއެވެ. އީމާންވުން 2 ވަނައަށް ގެންނަވާފައި އެވަނީ އެހެންވެގެންކަމަށް ވެދާނެއެވެ! ނަމަވެސް މިއަދު އަހަރެމެން މިބުނަނީ އަހަރެމެން މިތިބީ ﷲ ތަޢާލާގެ ވަހީއަަށް ކިޔަމަންވެ އިޖާބަވެސް ދީ އީމާންވެގެން ކަމަށެވެ! އެހެންކަމަށްވާނަމަ އެ ޙާލަތުގައި އިޖާބަ ދިނުމުގެ މާނައަކަށްވާން ޖެހޭނީ ﷲ ތަޢާލާގެ ދީނަށް ޢަމަލުކުރުމެވެ!
".. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ." ކޮންފަދަ އުފާވެރިކަމުގެ ޚަބަރެއް ހެއްޔެވެ؟ އަހަރެމެންނާއި އެްމެ ގާތުގައި ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޚަބަރެވެ!
ވިދިގެން މިއަންނަނީ ހަމަ އެހައި އުފާވެރި ޚަބަރެވެ! "ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަވަމެވެ." ﷲ ތައާލާއަށް ފުރިހަމަ ގޮތުގައި ޢިޖާބަދީ، އީމާންވެ، ޢަމަލުކުރާ މީހާ ދުޢާކުރުމުން އެކަން ހިންމަވައިދެއްވަވާނެ ކަމުގެ ޔަޤީންކަން ﷲ ތަޢާލާ މިވަނީ ދެއްވަވައިފައެވެ.
ވީމާ ދުޢާ ޢިޖާބަ ނުވެ ލަސްވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަވެސް ޗެކްކޮށްލަންވީ ތިމާގެ އިމާންތެރިކަމާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢިޖާބަ ދެވޭ މިންވަރަށެވެ! ޢަމަލުކުރެވޭ މިންވަރެވެ!
"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލަބަޤަރާ: 186)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން