7 އުޑުމަތިން ﷲ ތަޢާލާ ސަލާމް ވަޙީ ކުރެއްވެވި ހަމައެކަނި ބޭކަނބަލަކީ ޚަދީޖަތުގެފާނުއެވެ. ޖިބްރީލްގެފާނު ވަނީ 7 އުޑު މަތިން ﷲ ތަޢާލާ އެކަމަނާ ސަލާމް ވަޙީ ކުރައްވަވާ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ޞޢވ) އަށް ދެއްވަވައިފައެވެ! އަދި ޖިބްރީލްގެފާނު ވެސް ވަނީ އެކަމަނާއަށް ސަލާމް ވިދާޅުވެފައެވެ.
ޤިޔާމަތް ދުވަހު ޚަދީޖަތުގެފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ޚާއްޞަ އެއް ނިޢްމަތަކީ ސުވަރުގެއިން މުތީގެ ގަނޑުވަރެއް ލިބިވަޑައިގަންނަވާނެ ކަމެވެ! މިފަދަ މަތިވެރި ދަރަޖަތަކެއް އެކަމަނާއަށް ލިބިވަޑައިގަތީ ކޮން ގޮތަކުންހެއްޔެވެ؟ ކީއްކުރައްވައިގެން ހެއްޔެވެ؟
ފުރަތަމަ ކަމަކީ ފިރިކަލުން (ރޞޢވ) ދެކެ ވެވަޑައިގެންނެވި އިޚްލާޞްތެރި ލޯބިފުޅެވެ. އެއިރު މީހުންގެ ބުއްދިއަށް ޤަބޫލު ނުކުރެވުނު އިލާހީ ވަޙީވެސް، ފިރިކަލުން ބަޔާންކުރެއްވެވުމުން ޤަބޫލުފުޅުކުރެއްވެވުމުގައި އަވަސްވެވަޑައިގެންނެވި ކަމެވެ!
ޚަދީޖަތުގެފާނު އަމިއްލަފުޅަށް އެދިވަޑައިގެން ކައިވެނިފުޅު ކުރެއްވެވީ މިއުންމަތުގެ ރަސޫލް (ޞޢވ) އަކާއި އެއް ނޫނެވެ. މުޙައްމަދު ބިން ޢަބްދުﷲ އާއިއެވެ. ކައިވެނިކުރެއްވެވީ އުމުރުފުޅުން 25 އަހަރުފުޅުގައެވެ. އިތުރު ޞާހިބާއަށް ރަސޫލްކަން ލިބިވަޑައިގަތީ އުމުރުފުޅުން 40 އަހަރުފުޅުގައެވެ. ވީމާ 15 އަހަރު ފަހުން ވާން އޮތް ކަމެއް ޚަދީޖަތުގެފާނަށް ވެސް އަދި އެއްވެސް އިންސާނަކަށް ނުއެނގޭނެއެވެ.
މި ނުޤުތާ ހާމަކުރުމުގެ ބޭނުމަކީ ރަސޫލް (ޞޢވ) ރަސޫލްކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދެކަނބަލުން އެކުގައި ޒަވާޖީ ޙަޔާތްޕުޅު ހޭދަކުރެއްވެވި 15 އަހަރުގައިވެސް ޚަދީޖަތުގެފާނު އެކަމަނާގެ ފިރިކަލުންނަށް ބެހެއްޓެވި ލޯބިފުޅުގެ މަތިވެރިކަން ބަޔާންކުރުމެވެ. އެކަމުގެ ނަތީޖާގައި އެކަމަނާއަށް ލިބިވަޑައިގެންނެވި ނިޢްމތްތައް ބަޔާންކުރުމެވެ.
މީގެ އިތުރުން ޚަދީޖަތުގެފާނަކީ މައްކާގެ އަހަލުވެރިންގެ ތެރެއިން ތަނަވަސްކަމުގައި އަރައި އިންނެވި ބޭކަނބަލެކެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރައްވަވައި ހުސްކޮށްލެއްވެވީއެވެ! ފިރިކަލުން ވިދާޅުވި ކޮންމެ ކަމެއް ޤަބޫލުފުޅުކުރައްވަވައި އަޅުކަން ކުރެއްވެވުމުގައި ވެސް ހުންނެވީ ހަމަ އެންމެ ކުރީގައެވެ.
ރަސޫލް (ޞޢވ) އާއި ޚަދީޖަތުގެފާނުގެ ޒަވާޖީ ޙަޔާތްޕުޅުގެ ތާރީޚް ޔުނިވަރސިޓީތަކުގައި ކިޔަވައިދޭނަމަ މިހާރު ކުރިމަތިވެފައި މިވާ އޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން މުޅި ދުނިޔެ ވެސް ސަލާމަތްވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން