ޢުޘްމާން ބިން ޢައްފާން (ރޢ) ވިދާޅުވިއެވެ.
"ތިއަބައިމީހުންގެ ހިތްތައް ޠާހިރުނަމަ، ﷲ ޢައްޒަ ވަޖައްލަ ގެ ކަލާމްފުޅުން ބަނޑުފުރިގެންނުވީހެވެ."
މާނައަކީ ކީރިތި ޤުރްއާން ކިތަންމެ ވަރަކަށް ކިޔެވި ނަމަވެސް ހިތް ނުފުރޭނެކަމެވެ. އިތުރަށް ކިޔަވަން ބޭނުންވާނެކަމެވެ! އިތުރަށް އުނގެނެން ބޭނުންވާނެ ކަމެވެ. އެކަން އެގޮތަށް މެދުވެރިނުވާނަމަ އެމީހެއްގެ ހިތަކީ ތާހިރު ހިތެއް ނޫންކަމެވެ. ތިމާގެ ހިތަކީ ތާހިރު ހިތެއް ނަމަ ކީރިތި ޤުރްއާން ކިޔެވުމުންނާއި ކީރިތި ޤުރްއާނާއި އެކުގައި ވުމުން ހިތްފުރިގެންނުދާނެ ކަމެވެ.
މިއަހަރުގެ ރަމަޟާން މަސް ނިމިގެންދިއައީއެވެ. ނަމަވެސް ކީރިތި ޤުރްއާން އަޅުގަނޑުމެންނާއިއެކުގައި އެބައޮތެވެ. ދުވަހަކުވެސް ވަކިވުމެއްވެސް ނެތެވެ. ވީމާ ރަމަޟާން މަސް ނިމުނު ނަމަވެސް ކީރިތި ޤުރްއާން ކިޔަވައި ތަދައްބުރުކުރުމުން އަޅުގަނޑުމެންގެ ހިތްތައް ޠާހިރުކުރަމާތޯއެވެ!
ކޮންމެ ދުވަހަކު ވެސް ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކުގެ ލިސްޓުގައި ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުން ހިމަނާށެވެ! އެކަމަށް ވަގުތުކޮޅެއް ހޭދަކުރާށެވެ! ކީރިތި ޤުރްއާނުން ހިތްތައް އުޖާލާކުރަން މަސައްކަތްކުރާށެވެ! އެއިރުން ތިބާގެ ހިތް ތާހިރުވެ ރަނުން ގިރިޓީކުރެވި އުޖާލާވެ ވިދާ ބަބުޅާނެއެވެ! އިން ޝާ ﷲ
މަގު އޮޅި މަގު ގެއްލިފައިވާ މީހަކު ކަމުގައި ނުވުމަށް އެދޭ މީހާ، އެމީހާގެ އެންމެ ގާތް އެކުވެރިއަކީ ކީރިތި ޤުރްއާން ކަމުގައި ހަދާށެވެ! ހަމަކަށަވަރުން އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން