މިކަންކަމަށް ވިސްނުމުން ދެއްވަވާ ރިޒްޤް މަދުވެގެން ކަންބޮޑުވާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިކަންކަމަށް ވިސްނުމުން ދެއްވަވާ ރިޒްޤް މަދުވެގެން ކަންބޮޑުވާކަށް ނުޖެހޭނެ!

އެއްވެސް މީހެއްގެ ރިޒްޤަކީ ހުރިހާ ދުވަހަކު އެއްވަރަކަށް ދެއްވަވާނެ އެއްޗެއް ނޫނެވެ. މިހެން ބުނުމުން މުއްސަނދިން، މިލިއަނަރުން އަދި ބިލިއަނަރުން ކޮންމެ ދުވަހަކު ވެސް އެމީހުންކާން ބޭނުންވާ އެއްޗެއް ކަމުން ގެންދާކަމަށް ބުނެފާނެއެވެ. 

ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ! ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ތެރެއިންވެސް އެމީހަކު ކާން ބޭނުންވާ އެއްޗެއް ކޮންމެ ދުވަހަކު ކެވޭނީ ހަމަ ވަރަށް މަދު މީހަކަށެވެ. ޞިއްހީ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެން އޮންނާނީ ގިނަ އެއްޗެތި ނުކެވިފައެވެ. 

ޤައުމެއްގެ އެންމެމުއްސަނދި މީހަކާއި ބައްދަލުވިއެވެ. އޭނާގެ ފައިސާގައި ކައްކައިގެން މޭޒުމައްޗަށް ނުގެންނަ އެއްޗެއް ނެތްކަމަށް ބުނެވޭހައި ގިނަ ތަކެތި ކާމޭޒުމަތީގައި ހުރެއެވެ. ނަމަވެސް އޭނާއަށް ކާން ޖެހެނީ 6 އިންޗި ހުންނަވަރުގެ ލީކްސްކޮޅަކާއި ދެ ލޮނުމިދާއި 2 ފޮތި ޢާޓާ ފުށުގެ ޕާނެވެ. 

މިފދަ ކަންކަމުން އެނގިގެން މިދަނީ ތަފާތު ސަބަބުތައް މެދުވެރިވެ އެއްވެސް މީހަކަށް އަބަދު އެމީހަކު ކާން ބޭނުންވާހައި އެއްޗެއް ކެއުމުގެ ފުރުޞަތު ނުއޮންނަ ކަމެވެ. ދެއްވަވާ ފުރުޞަތާއި ޙާލަތު ބަދަލު ކުރައްވަމުން ގެންދަވާ ކަމެވެ! 

ޤަބޫލުކުރަންވީ މިއަދުގެ ޙާލަތަކީވެސް ހަމަ އެފަދަ ޙާލަތެއް ކަމެވެ. ގިނަ ބައަކަށް މިވަނީ ކެއިން ބުއިމަށްވެސް ދަތިވެފައެވެ. ޤަބޫލުކުރަންވީ މިއަދުގެ މިޙާލަތަކީ ހަމަ ﷲ ތައާލާ މިންވަރުކުރެއްވެވި ޙާލަތުކަމެވެ. ޙާލަތު ﷲ ތަޢާލާ ބަދަލުކޮށްދެއްވެވުމުން ނޫނީ ބަދަލު ނުވާނެ ކަމާއި ޙާލަތު ބަދަލުކޮށް ދެއްވަވާނެ ކަމެވެ. 

އެއިރުން މިއަދުގެ ހާލަތާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ! އަނގައަށް ލާނެ އެންމެ ސުވަލެއްގެ މިންވަރު އަތުގައި ހުރި ނަމަވެސް ޝުކުރުވެރިވާށެވެ! އަވަށްޓެރިޔާ ހުރީ ނުކައި ނަމަ އެއިން އެއްބައި އަވަށްޓެރިޔާއަށް ދީގެން ނޫނީ ނުކާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އޮހެން ފަސާގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން