"ދިރިއުޅުމުގައި އެއްވެސް މީހަކަށް އެއްވެސް މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެ ކަމަށް ﷲ ތައާލާ ވަޢުދުވެވޮޑިގެންފައެއް ނުވެއެވެ. އިންސާނުން އުފެއްދެވީވެސް މުޞިބާތްތަކާއި ކުރިމަތިލުމަށެވެ! މީސްތަކުން އިމްތިޙާނުކުރެއްވެވުމަށްޓަކައެވެ.
ވީމާ ކެތްތެރިވެ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ! ކޮންމެ ކަމެއްވެސް ވީހައި ރަނގަޅަކަށް ކުރަމުން ގެންދާށެވެ! އެއިރުން ﷲ ތަޢާލާ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. ނާއުންމީދުތަކާއި ނުރަނގަޅު ވިސްނުންތަކުން ދުރުވެގަންނާށެވެ! ކުރިމަތި ކުރައްވަވާފައިވާ މުޞީބާތްތަކުން އަރައިގަނެވޭނެއެވެ! އިން ޝާ ﷲ"
- މުފްތީ މެންކް
އަދިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ!
"ދޫ ރައްކައުތެރިކުރާށެވެ! ބޭކާރު ވާހަކަތައް ނުދައްކާށެވެ! ބޭކާރު ވާހަކަ ދެއްކުމުން ކުރިމތިވާނީ އިތުރު މުޞީބާތްތަކެވެ. ހެޔޮ ބަހެއް ބުނެވެން ނެތް ނަމަ ހަނުހުންނާށެވެ! ހަނު ހުރުމަކުން (އެކަމަށްޓަކައި ދެރަވެ) ހިތާމަކުރާކަށް ނުޖެހޭނެއެވެ.
(ހެޔޮ، ޙައްޤު ބަހެއް ބުނެވެން ނެތް ނަމަ ހަނުހުރުމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.)
މުފްތީ މެންކްގެ މި ބަސްފުޅުތަކުގެ މުރާދަކީ މި ހިތްތަތި ޙާލަތުގައި ޝަކުވާ ކުރުމުގެ ވާހަކަތައް ނުދައްކައި ކެތްތެރިވެ ދުޢާކުރުން ގިނަކުރުންކަން ފާހަގަކުރެވެއެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން މެނުވީ އެއްވެސް ތަކްލީފެއް ނުޖެހޭނެއެވެ. އަދި އެއްވެސް އުފާވެރިކަމެއް ވެސް ނުލިބޭނެއެވެ. ވީއިރު ޙާލަތާއިމެދު ޝަކުވާކުރަންވީ ކާކާއި ހެއްޔެވެ؟
މީސްތަކުން މިފަދަ ނިކަމެތި ޙާލަތުގައިވަނިކޮށް އެމީހުންނަށް އަނިޔާވެރިވުމަކީ އަނިޔާ ލިބުނު މީހާ ކެތްތެރިވެއްޖެ ނަމަ އެމީހަކަށް އޮތް ރަޙްމަތެކެވެ! އަނިޔާކުރި މިހާއަށް، އަމިއްލައަށް ލިބިގަނެވޭ ބޮޑު އަނިޔާއެކެވެ! ވީމާ ﷲ ތަޢާލާއަށް ވަކީލްކޮށް ހެޔޮ ދުޢާކުރުމުގައި ސާބިތުވާށެވެ!
ޞަދަޤާތުގެ ތެރެއިން އެންމެ މަތިވެރި ޞަދަޤާތަކީ ތިމާ އެއެއްޗަކަށް ބޭނުންވެ ހުރެމެ އެހެން މީހެއްގެ މުހުތާދު ފުއްދައިދޭން ކުރާ ޞަދަޤާތެވެ! ވީމާ ވިޔަފާރިވެރިންނަށް ހުރި ދަތިތަކާއިއެކުވެސް މުވައްޒިފުންނަށް އެހީތެރިވެ، ފަޤީރުންގެ ބޭނުންތައް ފުއްދައިދިނުމުން ﷲ ތަޢާލާ ދެއްވަވާނެ މަތި ނިޢްމަތްތަކަށް ވިސްނައިލާނެ ނަމައެވެ. އެމީޙެއްގެ މުދަލުގައި ލައްވަވާނެ ބަރަކާތް ހިތަށް ގެންނާނެ ނަމައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން