އެކަނި ހުރެގެން ޣީބަބުނުމާ ނެތިމޮށުން ފަދަ ނުބައި އަމަލުތައް ކުރެވި ނަރަކައަށް ވަދެވޭއިރު އެކަން އެނގޭތަ؟: ޝައިޚް ޙަމްޒާ ޔޫސުފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެކަނި ހުރެގެން ޣީބަބުނުމާ ނެތިމޮށުން ފަދަ ނުބައި އަމަލުތައް ކުރެވި ނަރަކައަށް ވަދެވޭއިރު އެކަން އެނގޭތަ؟: ޝައިޚް ޙަމްޒާ ޔޫސުފް

ޝައިޠޯނާ މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. ޓެކްނޮލޮޖީގެ ގޮތުން އިންސާނުން ކުރިއަރައިދިއުމުން އެކަމުގެ ތެރެއަށް ވެސް ވަދެގަނެ އެގެންދަނީ މީސްތަކުންގެ އަތުގައި ހިފައި ނަރަކަ ޢާއި ދިމާއަށް ދަމަމުންނެވެ. 

މިސާލަކަށް ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަން ކުރުމަކީ ކުރިން ނުވަތަ މިހައިތަނަށް އެއްވެސް މީހަކަށް އެކަނި ހުރެ ކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި އެކަނި ހުރެ ކުރިނަމަވެސް އެކަން ކުރިކަން އެނގޭނެ އެހެން ބައަކު ނުތިބޭނެއެވެ. ވީމާ އެކަމުގެ ސަބަބުން ފެތުރިގެންދާނެ ފިތުނައެއްވެސް ނުއޮންނާނެއެވެ. 

ނަމަވެސް މިއަދުގެ ޙާލަތު ނިކަން ބަލައިލަބަލާށެވެ! ގޭގައި ނަމަވެސް އެހެން ތަނެއްގައި ނަމަވެސް އެކަނިވެލެވޭއިރަށް ﷲ ގެ މަތިންހނދުމަކުރުމުގެ ބަދަލުގައި ފުރަތަމަވެސް އަތަށް  ނަގަނީ ފޯނެވެ! ކޮންމެވެސް މީހަކާއި ގުޅައިގެންވެސް ދައްކަނީ ކޮންމެވެސްއެހެން މީހެއްގެ ވާހަކަތަކެކެވެ. ކުރެވޭ ކަމަކީ ޣީބަ ބުނުމާއި ނެތިމޮށުމެވެ. އަނެއްކޮޅުން ފޯނު ނަގާނެމީހަކު ނެތް ނަމަ ސޯޝަލް މީޑިއާގައި ނަމަވެސް ކޮންމެވެސް ބައެއްގެ ކޮންމެވެސް ވާހަކަތަކެއް ލިޔާނެއެވެ. 

ނިކަން ބުނެބަލާށެވެ! ކުރިން އެކަކު އެކަނި ހުރެ ނުކުރެވޭ އެތައް ފާފަތަކެއް މިހިރަދަނީ މިހާރު އެކަނި ހުރެ ކުރެވެމުން ނޫންހެއްޔެވެ؟ އެކަމަށް ޝައިޠޯނާ މިވަނީ މަގުފަހިކޮށްދީފައި ނޫން ހެއްޔެވެ؟ އެކަންކަމުގެ ސަބަބުން ކުރެވޭ ފާފަތައް އިތުރުވެ ދުނިޔޭގައި ހުރިއިރު ކުރެވުނު ހެޔޮއަމަލުކޮޅުން ބަދަލުދޭން ޖެހި ނަރައްކައަށް ވަންނަން ޖެހިދާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަމަކީ ހަމަ އެންމެ ނުބައި ފާފަތަކެވެ. އެކަންކަމުގެ ސަބަބުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވި ޤިޔާމަތް ދުވަހު ބަދަލު ދޭން ޖެހޭނެ ފާފަތަކެވެ. އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. ވީމާ ޝައިޠޯނާގެ މަޅީގައި ޖެހި ތިމާގެ ދުލުގެ ނުބައިކަމުން ނަރަކައަށް ވަންނަން ޖެހޭ މީހަކަށްނުވާށެވެ! 

- ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން