ކައިވެނި އުފަލުގައި ދެމެހެއްޓުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ! ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދިގެން ދިރިއުޅެން މަސައްކަތްކުރާނަމަ އެކަން ﷲ ތަޢާލާ ފަސޭހަކޮށްދެއްވަވައެވެ. މުޅި ޢުމުރުގައި އުފަލުގައި ދިރިއުޅުމަށް މަގުފަހި ވެސް ކޮށްދެއްވަވައެވެ. އެފަދަ ދެމަފިރިއަކު ކަމުގައި ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.
ކައިވެނިކުރާއިރު ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. ކައިވެންޏަށްފަހު އެންމެ ގިނައިން ކުރާ ދުޢާއަކީ ކައިވެނީގައި ބަރަކާތް ލެއްވެވުން އެދި ކުރާ ދުޢާ ކަމުގައި ހަދަން ޖެހޭނެއެވެ! ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންދާނި އެއިރުންނެވެ.
ދިރިއުޅެން މަސައްކަތެއް ކުރަން ފަށާނަމަ އެކަމުގައި ބަރަކާތް ލެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. ވަޒީފާއެއް ހޯދަން މަސައްކަތްކުރާއިރު އެކަން ފަހިކޮށްދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ. ޖުމުލަކޮށް ބުނާނަމަ ޙަޔާތުގެ ކޮންމެ ކަމެއް ފަހިކޮށްދެއްވެވުން އެދިވެސް ދުޢާ ކުރަމުއެވެ.
ނަމަވެސް ރަނގަޅަށް ބަލައިފިނަމަ ތިމާމެންގެ ކައިވެނީގެ ޙަޔާތުގައި ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ޤަބޫލުކުރެވިފައި އޮންނަނީ ކައިވެނިކުރެވުމުން އެހިސާބުން އެއޮތީ ހުރިހާ ކަމެއް ފުރިހަމަވެ ނިމިފައި ކަމަށެވެ.
އެގޮތަށް ޤަބޫލުނުކުރާށެވެ! ކައިވެނި ކުރެވުމަށްފަހު ކައިވެނި ކުރަން ބޭނުންވެގެން ބައިވެރިޔާ ދެއްވެވުން އެދި ދުޢާކުރިވަރަށްވުރެ މާގިނައިން ކައިވެނީގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ދެމަފިރިން އަދި ދަރިންނާއިވެސް އެކުގައި ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ!
އިޚްލާޞްތެރިކަމާއިއެކު ދެމަފިރިން އެކުގައި ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން