ފޯނުން ނަމަވެސް ބައްދަލުވާ ބައެއް މީހުން ބުނަނީ ކުރިމަތީގައާއި ފުރަގަހުގައި އަދި އަރިމަތީގައާއި އަދި ވަށައިގެންވެސް ހުރީ ދަތިތައް ކަމަށާއި ގޭތެރޭގެ މިވެނި އެވެނި ކަންކަން ހުރީ ހަމަނުޖެހި ކަމަށެވެ. ކުދިދަރިންގެ ޝަކުވާތައް އެހައި ގިނަ ކަމަށެވެ. އެކަންކަމަށް ފިކުރުކުރަމުން ގޮސް ދުނިޔެއިން މޮޔަވާން ގާތްވެފައިވާ ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ އަމިއްލަ ބާރު ހިންގިދާނެ ކަންކަން ވެސް މިއުޅެނީ އަހަރެމެން ކުރަން ބޭނުންވާހައި ގޮތްތަކަށް ނުކުރެވިގެންނެވެ. މިލިއަން މިލިއަން ޑޮލަރުގެ އަގުހުރި ކާރުތަކާއި ހެލިކޮޕްޓަރުތަކާއި އަދި އަމިއްލަ ޖެޓް ފަދަ ތަކެތި އަތުގައި ހުރި މީހުންނަށް އެއުޅެނީ ގެއިން ބޭރަށް ނުނުކުމެވިގެންނެވެ.
މިކަންކަން އެންމެންވެސް ގުޅުވާނީ ކޮރޯނާ އާއިއެވެ. ނަމަވެސް ކޮރޯނާ އާއި އެއްވެސް ގުޅުމެއް ނެތް، ވަރަށް ގިނައިން މެދުވެރިވާ ކުޑަކަމެއް ބުނެލަން ހެއްޔެވެ؟ ދެމަފިރިން އެކުގައި އުފާކޮށް ނިދާލަން ބޭނުންވެގެން ފެންވަރާ، ރީތިވެ ސެންޓުވެސް ޖަހައިގެން އެނދަށް އަރާތަނުން އެކެއްގެ ބޮލެއްގެ ރިއްސަން ފެށުމުން، ނުވަތަ ދަރިއަކަށް ނިދީން ހޭލެވި ރޯން ފެށުމުން ކުރިން ރޭވި ޕްރޮގްރާމް ކެންސަލްކުރަން ޖެހެނީ ކިތައް ރޭ ކިތައް ދެމަފިރިންނަށް ހެއްޔެވެ؟
ހަމައެކަނިމިފަދަ ޙާދިސާތަކަށް ބެލި ނަމަވެސް އަހަރެމެން ރާވާ ރޭވުންތަކާއި ކުރާ ޕްލޭންތައް ތަންފީޒުކުރުމުގެ އެއްވެސް ބާރެއް އަހަހަރެމެންނަށް ނެތްކަން އެނގި ޔަޤީންވެގެން ނުދަނީ ހެއްޔެވެ؟
މިފަދައިން އެތައް މިސާލުތަކެއް ދެއްކިދާނެއެވެ. ބުނަން ބޭނުންވާ ވާހަކައަކީ ފިކުރުކޮށް ފާރުގައި ބޯތަޅާ ބައަކަށް ނުވާށެވެ! ފާފަ ފުއްސެވުން އެދި ފާރުތަކުގައި ބޯތެޅުމަކީ ޔަހޫދީން މިހާރުވެސް ކުރަމުން އަންނަ އެމީހުންގެ އެންމެ މުހިންމު އެއް އަޅުކަމެވެ. ވީމާ އަހަރެމެންނަކީ އެފަދަ ޢަމަލުތައް ކުރާ ބައަކަށް ވެގެން ނުވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން އެއްވެސް މީހަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވި ބާރެއް މެނުވީއެވެ. ދެމަފިރިން އުފަލުގތައި ރޭކުރުމުގެ ފުރުޞަތުގެ ވާހަކަ މިބަޔާންކުރީ އެވަރުކަމެއްގައިވެސް އަމިއްލަ ބާރެއް ނުހިނގާކަން ބަޔާންކުރުމަށެވެ. މި ފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ. މިވަރުންވެސް ޢިބްރަތަކަށް ފުދޭނެ ކަމަށް އުންމީދުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން