ޢުމުރުން ދުވަސްވުމަކީ ޤުރްއާން އުނގެނުމަށް ހުރަހެއް ނޫންކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޢުމުރުން ދުވަސްވުމަކީ ޤުރްއާން އުނގެނުމަށް ހުރަހެއް ނޫންކަން ޤުރްއާނުން!

ބައެއް މީހުން ވަރަށް ފަސޭހައިން ބުނެ އުޅުއެވެ. "އަހަރެމެން މިހާރު މިތިބީ މިހާރު ޢުމުރުން މާ ދޮށިވެފައެވެ. ޤުރްއާން އިތުރަށް އުނގެނުމަކީ، ހިތުން ދަސްކުރުމަކީފަސޭހަކަމެއް ނޫނެވެ!" 

ނަމަވެސް މިއީ އެކަން އޮތް ގޮތް ނޫންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! ﷲ ތަޢާލާ ވަނީ ކީރިތިނ ޤުރްއާން އުނގެނުމަކީ ފަސޭހަކަމުގައި ލައްވަވައިފައެވެ.  

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟" (އަލްޤަމަރް: 17)

ޢުމުރުން ގިނަ ދުވަސްވުމުން ޒުވާން އުމުރަށްވުރެ ކޮންމެ ކަމެއް ދަސްކުރަން އުނދަގޫވެދާނެއެވެ! އެއީ ސިކުނޑީގައި ހުންނަ ކަންކަން ގިނަވުމުންނެވެ. އެހެންކަމާއިއެކު ވެސް ހިންމަތާއިއެކު މަސައްކަތްކޮށްފި މީހަކަށް އެންމެ ކުރަން ފަސޭހަކަމަކަށްވާނީ ކީރިތި ޢުނގެނުމެވެ. ދަސްކުރުމެވެ. އެއީ ﷲ ތަޢާލާ އެއީ ފަސޭހަކަމެއް ކަމުގައި ލައްވަވާފައިވާތީއެވެ.  

"ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާން ކަން ކަށަވަރެވެ." (77)

"ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ." (78)

"ޠޯހިރުވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ." (79)

"(އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ." (80)

(އަލްވާޤިޢާ: 77،78،79،80)

ކީރިތި ޤުރްއާން އުފުލައި ގެންގުޅުމުގައި މިއަދު ބައެއް މީހުން އެބަ ފަރުވާކުޑަކުރެއެވެ. ވުޟޫ ނުކޮށް ތިބެ އެބަ އެފޮތް އުފުލައި ހަދައެވެ. އެހެން ނުހަދާށެވެ! ކީރިތި ޤުރްއާނުގެ މަތިވެރިކަން ބަޔާން ކުރައްވަވައި ވަޙީކުރައްވަވާފައިވާ މި އާޔަތްތަކުން ޤުރްއާނުގައި ބީހި އުފުލައި ހަދަންވާނީ ޠޯހިރުކަންމަތީގައި ތިބެކަން މި އާޔަތްތަކުން ވަރަށް ރަނގަޅަށް އެބަ އެނގިގެންދެއެވެ. 

"ތިއަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި ޤުރްއާނާ މެދުގައި) ހެއްޔެވެ؟" (81)

"އަދި ތިއަބައިމީހުންނަށް ރިޒްޤް ދެއްވިކަމުގެ މައްޗަށްކުރާ ޝުކުރަކީ (އެ ރިޒްޤް ދެއްވެވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިއަބައިމީހުން ހަދަމުއެވެ." (82) 

(އަލްވާޤިޢާ: 81،82) 

ރަނގަޅަށް ވިސްނައިލާށެވެ! އަހަރެމެންނަށް ރިޒްޤާއި އެހެން ހުރިހާ ނިޢްމަތްތަކެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެ ހުރިހާ ނިޢްމަތްތަކަށް ޝުކުރުވެރިވެވޭ ހެއްޔެވެ؟ އެއްބައަކު ކީރިތި ޤުރްއާން ދޮގުކުރަނީއެވެ. އަނެއް ބައަކު ތެދުކޮށްގެން ތިބެ ފަރުވާކުޑަކުރަނީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތައާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާށެވެ! ކީރިތި ޤުރްއާނަށް ލޯބިކޮށް ކީރިތި ޤުރްއާނުގައިވާ ފަދައިން ޢަމަލުކުރާ ބައަކު ކަމުގައިވާށެވެ! ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން