މިއީ ސައިންސްގެ ޒަމާން ކަމަށާއި ކީރިތި ޤުރްއާނަކީ މީގެ 1450ވަރަކަށް އަހަރުގެ ކުރީގައި ބާވައިލެއްވެވުނު ފޮތެއް ކަމަށްވުމުން ކީރިތި ޤުރްއާން "އަޕްޑޭޓް" ނުވާނެކަމަސް ބުނާ މީހުން އެ ބުނަނީ ތެދެއް ކަމުގައިވާނަމަ ކީރިތި ޤުރްއާނުގައި ބަޔާންވެގެން ނުވާ އައު އެއްވެސް ކަމެއް ހާމަ ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟
ސައިންސްވެރިން އަޕްޑޭޓްވާން ކުރާ ކޮންމެ ކަމަކުން ހާމަވަނީ ކީރިތި ޤުރްއާނުގެ ތެދުކަމެވެ. އެފޮތުގައިވާ ކޮންމެ ކަމަކީ ތެދު ޙަޤީޤަތް ކަމެވެ. އަޕްޑޭޓްވާން ކުރެވޭ ކަމަކީ އެތައް އަހަރެއްގެ މަސައްކަތުން ކީރިތ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން އެއީ ތެދުކަމުގެ ދަލީލުތައް ހާމަކުރުމެވެ.
ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އެންމެކަމެއްވެސް ދޮގެއް ނުކުރެވެއެވެ. ނުވެސް ކުރެވޭނެއެވެ. އަދި ކިއްހެއްޔެވެ؟ މިހައިތަނަށް އެއްވެސް އައުކަމެއްވެސް ހޯދިފައެއް ނުވެއެވެ. ނުވެސް ހޯދޭނެއެވެ! އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ!
ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެނގެނީ ﷲ ތަޢާލާ އަންގަވައި ދެއްވެވި އެއްޗެއް އަންގަވައި ދެއްވެވި މިންވަރަކަށެވެ! "...އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ."
އަދިވެސް ވަޙީކުރައްވަވާފައިވެއެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އެ ޤުރްއާން ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ." (އަލް ފުރްޤާން: 6)
" އެ ޤުރްއާން ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ވީމާ ހުރިހާ ސިއްރުތައް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ބަސްފުޅު ދޮގުކުރެވޭނީ ކާކަށް ހެއްޔެވެ؟
މިއަދު މިއުޅޭ ފަދަ ވިސްނުމުގެ މީހުން އުޅޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުންނަށް އޮތީ އަވަހަށް ތައުބާވުމެވެ! "... ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ." ވަޙީ ކުކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން