ޢުމުރާ އާއި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދުނިޔޭގެ ގިނަ ބައަކު ވަރަށް ބޮޑެތި ޤުރްބާނީތައްވެއެވެ. އެއިގެ ތެރެއިން އެކަކީ 2018 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުން ހިނގާފައި ފައިމަގުގައި ގޮސް ޢުމުރާވުމުގެ އަޅުކަން އަދާކުރި ސްޕޭންގެ ރައްޔިތެއް ކަމަށްވާ އިޝްޙާޤް އެވެ.
އޭނާ ބުނި ގޮތުގައި ޙަރަމްފުޅަށް ގޮސް ޢުމްރާވުމުގެ އަޅުކަން އަދާކުރުމުގެ މަތިވެރި ކަމާއި އަޅައިބަލާއިރު 9000 ކިލޯމީޓަރަށް ހިނގުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އޭނާ ދަތުރަށް ފެށީ 5000 ޔޫރޯ ހިފައިގެންނެވެ. ދުވާލަކު ޚަރަދުކުރީ 10 ޔޫރޯއެވެ. ދަތުރުމަތީގައި މީސްމީހުން ދިން ފައިސާގެ އެހީ ބޭނުންކޮށްފައެއް ނުވެއެވެ.
އޭނާގެ ދަތުރަކީ އެހައި ފަސޭހަ ދަތުރެއް ނޫނެވެ. ސްނޯގެ ޔުފާންތަކާއިވެސް ބައްދަލުވިއެވެ. ނިވާވެލަން ބޭނުންކުރީ ކުޑަކުޑަ ޓެންޓެކެވެ.
ސްޕޭންގައި މިހާރު މުސްލިމުންގެ ނިސްބަތަކީ އާބާދީގެ އެންމެ 4 އިންސައްތަކަމަށް 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކައެވެ.
އިންޑޮނޭސިއާ މީހަކުވެސް 9000 ކިލޯމީޓަރަށް ހިނގައި ޙައްޖުވިއެވެ. ބޮސްނިއާ މީހަކު 5650 ކިލޯމީޓަރަށް ހިނގައި ޙައްޖުވިއެވެ.