މިއާޔަތުގަ މިވަނީ އަނބިމިހާގެ މޫނަށާ ހިނގާ ގޮތަށް ބަލާވާހަކައެއް ނޫން! އަނބިމީހާގެ ޚަރަދުތައްވެސް ބަލަހައްޓަންޖެހޭ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މިއާޔަތުގަ މިވަނީ އަނބިމިހާގެ މޫނަށާ ހިނގާ ގޮތަށް ބަލާވާހަކައެއް ނޫން! އަނބިމީހާގެ ޚަރަދުތައްވެސް ބަލަހައްޓަންޖެހޭ ވާހަކަ!

ﷲ ތައާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ." 

މިއާޔަތުން އެނގިގެން މިދަނީ އަންހެނުންގެ މައްޗަށް ފިރިހެނުންނަށް މާތްކަން ދެއްވަވާފައިވަނީ ޝަރުޠުތަކަކާއިއެކުގައި ކަމެވެ. އެގޮތުން "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެއް" ކަމަށެވެ. 

މިއާޔަތުގައި ރައްކައުތެރިވުމާއި ބެލެހެއްޓުމުގެ މާނަ އައިސްފައި މިވަނީ ވަރަށް ފުޅައު މާނައެއްގައެވެ. އެއިގެ ތެރޭގައި ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް ދެއްކުމާއި ކާން ބޯން ދިނުމާއި އުނުއަންނައުނު ދިނުމާއި ބަލިވެއްޖެ ނަމަ ބޭސްކޮށްދިނުމާއި އޯގާތެރިކޮށް ހިތައި ލޯބި ދިނުމާއި ހެޔޮކޮށް ހިތުންވެސް ހިމެނެއެވެ.

ނަމަވެސް މިކަންކަން ގިނަ ބައަކު ވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. އެމީހަކަށް ލިބޭ މިންވަރުންވެސް އަނބިންނަށް ޚަރަދުނުކޮށް އެތައް މަސްދުވަހެއް ފާއިތުކޮށްލާ އެތައް ބައަކު އެބަ އުޅެއެވެ. އެފަދަ މީޙުންނަށް ކައިވެނީގެ ޚުޠުބާއިން އަޑުއިވޭކަމަށްވެފައި އޮންނަނީ އަނބިމީހާ އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ އެކަންޏެވެ. ފިރިމީހާ އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަތައް އަޑުއިވުނު ކަމަކަށް ނުހަދައެވެ. 

ކައިވެންޏަކީ ދެމީހެއްގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. ދެ މީހުން އަމަލުކުރަން ޖެހޭ ކަންކަމަށް ދެމީހުންކުރެ އެކަކު އަމަލުނުކުރާ ނަމަ އެއްބަސްވުމުގެ ޞައްހަކަމާއިމެދު ސުވާލު އުފެއްދުމުގެ ޙައްޤު އަނެކާއަށް ލިބިގެންވެއެވެ! 

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން