ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިކަންލިބިގެންވާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދިމީސްތަކުންގެ ކުރިމަތީގައިވެސް ޤަދަރު އުފުލިގެންވާ މީހަކު ކަމުގައިވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ!
އެކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުދިނުމެވެ. މީހަކު ދެރަވާނެ ބަހެއްވެސް ދުލުން ނުބުނުމެވެ. މީސްތަކުންނަށް އޯގާތެރިވުމެވެ. ޚުލްޤް ރަނގަޅު މީހަކު ކަމުގައި ވުމެވެ. ބަސްމަދުކުރުމާއި ޢަމަލު ގިނަކުރުމެވެ.
މިފަދަ ސިފަތައް ލިބިފައިވުމަކީ އެމީހެއްގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އުފުލިގެންދާނެއެވެ! އިން ޝާ ﷲ އެހެނީ މިސިފަތައް ހުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
ތިމާކުރާ ހެޔޮއަމަލުތަކުގެ ޖަޒާ ފުރިހަމަ ގޮތުގައި ލިބިގަންނަން އެދޭ މީހާގެ ކިބައިގައިމިބުނި ސިފަތައް ބަހައްޓަން ޖެހޭނެއެވެ. އެހެންމީހެއްގެ ޙައްޤަކަށް އަރައި ނުގަނެ އުޅެވޭނީ އެއިރުންނެވެ. ހަމަ އެއާއިއެކު އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިފައިވާނަމަވެސްމާފަށް އެދޭށެވެ! އެދޭށެވެ! އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! ތިމާ ކުރާ ހެޔޮ ޢަމަލުތަކުން ޤިޔާމަތް ދުވަހު ބަދަލުދޭން ނުޖެހޭނީ އެއިރުންނެވެ!
ގިނަ ހެޔޮޢަމަލުތަކެއް ހިފައިގެން މަޙްޝަރަށް ގޮސް މުފްލިސަކަށްވެ، ދަރަނިވެރިވެ ނަރަކައަށް ވަންނަން ޖެހިދާނެ މީހަކަށް ނުވެ ސަލާމަތްވެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން