ސުވަރުގެ އެދޭ މީހާ މައިންބަފައިންނާ ދަރިންގެ ގުޅުމަށް ޝައިޠޯނާ ހުރަސް އަޅާ ގޮތާ ސަބަބު ދަސްކޮށް ބިރުވެތިވާން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ސުވަރުގެ އެދޭ މީހާ މައިންބަފައިންނާ ދަރިންގެ ގުޅުމަށް ޝައިޠޯނާ ހުރަސް އަޅާ ގޮތާ ސަބަބު ދަސްކޮށް ބިރުވެތިވާން ޖެހޭނެ!

ޝައިޠޯނާ އެންމެ ބޮޑަށް ކުރަން ބޭނުންވާނެ އެއް ކަމަކީ މައިންބަފައިންނާއި ދުރުހެލިކުރުވުމެވެ. މައިންބަފައިންނާއިމެދު ނަފްރަތު އުފެއްދުވުމެވެ. އެކަން ކުރަން ޝައިޠޯނާ އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ ޝައިޠޯނާގެ ބަސް ޤަބޫލުކޮށް ނުބައި އަމަލުތައް ތިބާ ކުރާނަމަ އެކަން ހުއްޓުވަން މައިން ބަފައިން މަސައްކަތްކުރާނެތީއެވެ. ޝައިޠޯނާގެ މަގަށް މައިން ބަފައިން ހުރަސް އަޅާނެތީއެވެ. ނުބައި ޢަމަލުތައް ކުރާނަމަ އެކަމަށް ނުރުހުންވާނެތީއެވެ. 

މިގޮތުން ޝައިޠޯނާ އިންސާނުންގެ ހިތުގެ ތެރޭގައި ގަދަވެގަންނަ މަގުތަކެއް ހުރެއެވެ. އެއިގެ ތެރެއިން އެންމެ ޢާންމު އަދި އެންމެ ގިނައިން ބޭނުންކުރާ މަގަކީ މައިންބަފައިން ތިބާ ދެކެ ލޯބި ނުވާކަމަށް ތިބާއަށް ވިސްނައި ދިނުމެވެ. 

ޙަޤީޤަތުގައި އެމީހާއަކީ މުސްލިމަކު ކަމުގައިވާނަމަ ދަރިން ދެކެ ލޯބިނުވާ މައިންބަފައިންނެއް ނުތިބޭނެއެވެ. ވީމާ ޝައިޠޯނާ ފުރަތަމަވެސް އެހަދަނީ ބޮޑު ދޮގެކެވެ. އަހަހަރެންވެސް ޤަބޫލުކުރަމެވެ. ބައެއް މައިން ބަފައިން ދަރިންނާއިމެދު މުޢާމަލާތުކުރަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ބައެއް މީހުންނަކީ ހަރުކަށި މިޒާޖުގެ މީހުންނެވެ! ފަރުވާކުޑަ މީހުން ތިބޭނެއެވެ. 

ނަމަވެސް އެއީ ދަރިން ދެކެ ލޯބިނުވާތީއެއް ނޫނެވެ. ހުރިހާ ކަމެއްގައި އެންމެން އެއްގޮތެއް ނުވާނެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ ކަންކަން ކުރާ ގޮތްވެސް ތަފާތުވާނެއެވެ! މުޢާމަލާތުކުރާ ގޮތްވެސް ތަފާތުވާނެއެވެ. ހަމަ އެއާއިއެކު ކޮންމެ ދަރިއަކުވެސް އެމީހެއްގެ ކިބައިގައިވެސް އުނި ކަންތައްތަކެއް ހުންނަ ކަމަށް ޤަބޫލުކުރަންވާނެއެވެ. އެކަން ޤަބޫލު ނުކޮށް މައިންބަފައިންނާއި ކުރިމަތިލައި ޒުވާބުކޮށް ޖަދަލުކޮށްގެން ނުވާނެއެވެ! 

ފުރަތަމަ ކަމަކަށް ދަރިން ޤަބޫލުކުރަންޖެހޭނެ ކަމަކީ ތިމާމެން މައިންބަފައިންނަށްވެ ދަރިން ބެލުމުގެ ތަކްލީފް އުފުލަންޖެހި އެކަމުގެ ތަޖުރިބާ ތިމާމެންނަށް ލިބެންދެން ތިމާމެންނަށް މައިންބަފައިންގެ އިޙްޞާޞްތައް ނުކުރެވޭނެ ކަމެވެ. 

ޝައިޠޯނާ ދެން ތިބާގެ ހިތަށް ވައްދުވާނީ ތިމަންނަ ކިތަންމެ ވަރަކަށް ކިޔަވަން މަސައްކަތްކުރި ނަމަވެސް، ރަނގަޅަށް ކަންކަން ކުރި ނަމަވެސް މައިންބަފައިން އެކަންކަން ޤަބޫލުނުކުރާ ކަމެވެ. މިވެނިކުއްޖަކާއި މިވެނި މީހަކާއި ތިމަންނަ އާއި އަޅުވާކިރާ ކަމަށެވެ. 

މައިންބަފައިން އެކަން ކުރަނީ އެއްވެސް ޙާލެއްގައި ތިބާ ދެކެ ރުޅިއައިސްގެނެއް ނޫނެވެ. ހަމަ ލޯބިވާވަރުންނެވެ! ތިމާގެ ދަރިފުޅަކީ ހުރިހާ ގޮތަކުންވެސް އެންމެ މޮޅު އަދި ފުރިހަމަ ކުއްޖަކުކަމުގައިވުމަށް އެދޭވަރުންނެވެ. ތިބާއަށް ފައިދާއަށެވެ. 

ތިބާ މައިންބަފައިންނަށް ފޯނުކޮށްލަން އުޅުނު ނަމަވެސް ފޮޓޯއެއް ފޮނުވައިލަން އުޅުނު ނަމަވެސް ޝައިޠޯނާ ބުނާނީ އެއީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށާއި އެކަމުން އެމީހުން އުފާނުވާނެ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ލޯބިން ދަރިއަކު ކިތަންމެ ކުޑަކަމެއް ކޮށްދިން ނަމަވެސް އެންމެ ކުޑަމިނުން ފޯުކޯލެއް ކޮށްލި ނަމަވެސް ނުވަތަ ފޮޓޯއެއް ފޮނުވި ނަމަވެސް އެމީހުން އިންތިހާއަށް އުފާވާނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން މިބުނާބަހަށް ޒިންމާވާ ޙާލުގައި ބުނަމެވެ. މައިންބަފައިންނަށް ކޮށްލާ އެންމެ މެސެޖަކުން އެމީހުންނަށް ލިބޭ އުފާވެރިކަމަކީ ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބުކަމުގައިވެސް ވެދާނެއެވެ. ވީމާ މިއީ ކުޑަކަމެއް ކަމެއް ކަމަށް ހީކޮށް އެއްވެސް ކަމެއް ނުކޮށް ދޫކޮށްނުލާށެވެ! އެއީ ކުޑަކަމެއްކަމަސް ބުނަނީ ޝައިޠޯނާއެވެ. މައިންބަފައިންނަށް އެކަންވާނީ ވަރަށް ބޮޑު ކަމަކަށެވެ.  

އެހެން ދީންތަކުގެ މީހުންނަށް މަންމައިންގެ ދުވަހާއި ބައްޕައިންގެ ދުވަސް އަންނާނެއެވެ. ނަމަވެސް މުސްލިމުންނަށް ކޮންމެ ދުވަހަކީވެސް މައިންބަފައިންގެ ދުވަހެކެވެ. އެމީހުން ދުނިޔޭގައި ތިބި ނަމަ ހެޔޮކޮށް ހިތަންޖެހޭ ދުވަހެކެވެ. މަރުވެފައިވާނަމަ އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރަން ޖެހޭނެ ދުވަހެކެވެ.

ޝައިޠޯނާ ބުނާނެއެވެ! "ތިބާގެ މައިން ބަފައިންނަކީ ދީންވެރި ބައެއް ނޫނެވެ. އެމީހުންނަށް ހެޔޮކޮށްހިތަންވީ ކީއްކުރަން ހެއްޔެވެ؟" މި ވިސްނުމަކީވެސް ހަމަ ޝައިޠޯނާ ދޭ ވަސްވާހެވެ. އެހެނީ އެމީހުންގެ ދީންވެރިކަން ވަނީ އެމީހުންނާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. ދަރިންނަށް އޮތީ ވިސްނައި ދިނުމެވެ. އެމީހުން ޤަބޫލުނުކުރިނަމަވެސް، ޢަމަލު ނުކުރި ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. ނުބައިކަމެއް ކުރުމަށް ބުނާނަމަ އެކަމަކަށް އިޖާބަ ނުދިނުމުން ނިމުނީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން