ލޯބިވެރިޔާގެ އަވާގަ ޖެހި މަންމައަށް ފަހުން ހެޔޮކޮށް ހިތަން މަޑުކުރި އަންހެނަކަށް އުމުރު ދުވަހު ކަރުނަ އަޅަންޖެހުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ލޯބިވެރިޔާގެ އަވާގަ ޖެހި މަންމައަށް ފަހުން ހެޔޮކޮށް ހިތަން މަޑުކުރި އަންހެނަކަށް އުމުރު ދުވަހު ކަރުނަ އަޅަންޖެހުނު ގޮތުގެ ވާހަކަ!

20، 22 އަހަރުގެ ޒުވާން އަހެން ކުއްޖެކެވެ. ލޯބިވެރިއަކު ލިބިގެން އަބަދު ކޮޓަރީގައެވެ. އޭނާއާއި ފޯނުން މުޢާމަލާތުކުރުމުގައެވެ. ވާހަކަ ދެއްކުމާ ޗެޓްކުރުމާ ފޮޓޯ ފޮނުވުމާއި ވީޑިއޯ ކޯލް ކުރުމުގައެވެ. 

މުސްކުޅި މަންމަ ކަމަކު ބޭނުންވެގެން ގޮވާލި ނަމަވެސް "ވަރަށް ބިޒީ! މަޑުކޮށްލާ!" ނޫން ދެވަނަ ޖަވާބެއް ނުދީ 3 މަސްދުވަސް ފާއިތުވެގެން ދިއައެވެ. 

އެއް ދުވަހަކު މަންމަގެ މެއަށް ތަދެއް އަރައިގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. "ބިޒީ" ކަމުން މަންމަ ގޮވައިގެން އެމްބިޔުލާންސްގައި ވެސް ނުދެވުނެވެ. ގޭގައި މަޑުކޮށްލީއެވެ. 

ކުއްލިއަކަށް ލިބުނީ ފޯންކޯލެކެވެ! މަންމަ ދުނިޔެއަށް އަލްވިދާޢުކީއެވެ! 

އެހިސާބުން ބިޒީކަން ފިލިއެވެ. ނަމަވެސް މަންމަ މަރުވީ ދިރިއޮއްވައި ބައްދަލުކޮށްލުމުގެ ފުރުޞަތު ވެސް ނުލިބިއެވެ. މަންމަ ދުނިޔެ އެ ދޫކުރީ މަންމައަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭތާ 3 މަސްދުވަސްވީ ފަހުންނެވެ! 

އެއިގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ދިއައީއެވެ! އެހަދާންތަކެއް ހިތަކުން ނުފިލައެވެ. މަންމަގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހޮރެއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެ އަންހެން ކުއްޖާއަށް މަންމަ އާއިމެދު އެގޮތަށް ކަންތައް ކުރެވުނީ އެއްވެސް ޙާލެއްގައި މަންމަ ދެކެ ލޯބިނުވާތީއެއް ނޫނެވެ. ފަހުންވެސް މަންމައަށް ޚިދުމަތްކުރެވިދާނެކަމުގެ ވިސްނުން ޝައިޠޯނާ އޭނާގެ ސިކުނޑިއަށް ވެއްދުމުން ޝައިޠޯނާގެ ދަންތުރައިގައި ޖެހެވުނީއެވެ. 

އެއްވެސް މީހެއްގެ އުމުރެއް ނުއެނގޭނެއެވެ. ނަމަވެސް ކުރިން ދުނިޔެއަށް އައި މީހުން ކުރިން މަރުވެދާނެ ކަމަށް އަބަދުވެސް ވިސްނަން ޖެހޭނެއެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުޞަތު ނުލިބިދާނެކަމަށް ވިސްނައި އެކަމަށް ސަމާލުކންދޭންޖެހޭނެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި ލޯބި ދިނުމަކީ ފަހުން ކުރާނެ ކަމެއް ކަމުގައި ބާއްވައިގެން ނުވާނެއެވެ!   

"މައިންބަފައިންނަށް ފަހުންވެސް އެހީތެރިވެވިދާނެ! މާދަންވެސް ގުޅައިލެވިދާނެ! ހަފްތާ ބަންދުގަ ޒިޔާރަތްކޮށްލެވިދާނެ!" ފަދަ ވިސްނުންތައް ވިސްނައި ދެނީ ޝައިޠޯނާއެވެ! ޝައިޠޯނާގެ ބޭނުމަކީ މައިންބަފައިންނާއިމެދު އިހްމާލްވެވި އެކަމުގެ ފާފަ އުފުލަން ތިބާއަށް ޖެހުމެވެ! ތިބާއަށް ސުވަރުގެ ލިބެން އޮތް ފުރުޞަތު ވީހައި ހަނިކުރުމެވެ.  

ދުނިޔޭގައި ހިނގަމުންދާ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން