މުސްލިމް ބައެއް މުޖުތަމައުތަކަށް މިހާރަކަށް އައިސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ ޒުވާނުންގެ ތެރެއިން ގިނަ ބައަކަށް އިސްލާމް ދީނުގެ ޙަޤީޤަތް ރަނގަޅަށް ނުއެނގުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކެވެ.
މިސާލަކަށް ނަރަކަ އާއި ނަރަކައިގެ ގަދަފަދަ ޢަޛާބުގެ ވާހަކަތަކެވެ. ސުވަރުގެ އާއި ސުވަރުގެ ޙާޞިލުކުރެވުމުން ލިބޭނެ ނިޢްމަތްތަކުގެ ވާހަކައެވެ. މިފަދަ ވާހަކަތައް ދަރިންނަށް ކިޔައިދޭންޖެހޭނީ ބޮޑުވުމުން ކަމަށް ޤަބޫލުކޮށްގެން ކިޔައި ނުދީ ތިބެފައި ކިޔައިދޭން ބަލާއިރު ގިނަ ފަހަރަށް އޮންނަނީ ކުއްޖާގެ ސިކުނޑިއަށް ޝައިޠޯނާ ވައްދަން ޖެހޭ ވަސްވާސްތައް ވައްދައި ފުރައިފައެވެ. ނަތީޖާއަކަށްވެގެންދަނީ ފަހުން ކިޔައިދޭން ބެހެއްޓި ވާހަކަތަކަށް ކިޔައިދޭން ބަލާއިރު ދަރިންގެ ހިތާއި ސިކުނޑިން ޖާގަ ނުލިބުމެވެ. ސަމާލުކަންވެސް ނުލިބުމެވެ!
މިކަމުގެ އެންމެ ސާފު ހެކި އެންމެ ފަސޭހައިން ފެންނާނީ ޖޫނިއަރ ސްކޫލްގެ ދަރިވަރުން ގެންގުޅޭ ފޯނާއި ލެޕްޓޮޕުންނެވެ. އެތަކެތި ރަނގަޅަށް ބަލައިފިނަމަ ގިނަ ދަރިވަރުންނާއި ޝައިޠޯނާ ގުޅުން އުފައްދައި އެގުޅުން ބަދަހިކޮށްފައިވާ މިންވަރު އެނގެންދާނެއެވެ.
އެންމެ ރަނގަޅެވެ! ދަރިން ކައިރީގަ އެންމެ ފަހަރަކުވެސް "ފޯނު ނަގައިގެން ނިކަން ކުޅެލަބަލާށޭ!" ބުނަން ޖެހޭ ހެއްޔެވެ؟ އެއިގެ ބަދަލުގައި ނަމާދެއް ކުރުވެނީ ކިތައް ފަހަރު ބުނެ އާދޭސްކޮށްގެން ހެއްޔެވެ؟ ކީރިތި ޤުރްއާން ކިޔަވަން ބެއިންދެނީ ކިހައިވަރަކުން ހެއްޔެވެ؟
މިބުނި ކަންކަމަށް ބެލުމުން ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން ފޭލްވެފައި ތިބިވަރާއި އިބިލީސް ކުރިއަރާފައިވާ މިންވަރު އެނގިގެންދާނެއެވެ!
ކަންކަން މިހެންވަމުން މިދަނީ ﷲ ތަޢާލާ ތިއަބައިމީހުންނަށް ކުރެއްވެވި އަމުރުފުޅަށް ޢަމަލުނުކުރެވޭތީއެވެ! ﷲ ތަޢާލާގެ މަގުގައި ކުދިން ތަރުބިއްޔަތު ނުކުރީތީއެވެ. އެކުދިންނަށް އިސްލާމް ދީނާއިމެދު އުނގަންނައިދޭން ޖެހޭ މައުލޫމާތު އުނގަންނައި ނުދޭތީއެވެ.
ހަމައެއާއިއެކު ކުދިންނަށް ވާހަކަތައް ކިޔައިދޭން ޖެހޭނީ އެކުދިންގެ ޢުމުރާއި ގުޅޭވަރަށެވެ! ކުއްޖާގެ މިޒާޖާއި އަދި މޫޑް ހުންނަވެސް ގޮތަށް ބަލައިގެންނެވެ. އެކުދިންނަށް އެކަންކަން ފަހުމްވާނެ ޢިބަރާތްތަކުންނެވެ.
"---- ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިއަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރުދެއްވާ، އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ރަސޫލަކީމެވެ."
މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ! ކޮންމެ މީހަކީވެސް އެމީހާގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މީހެކެވެ. ދަރިންގެ މަސްއޫލިއްޔަތަކީ އެންމެ މުހިންމު އެއް މަސްއޫލިއްޔަތެވެ. ބައިނަބަފައިން ޒިންމާ ނުއުފުލުމުގެ ސަބަބުން ދަރިއަކު ނުބައި މަގުން ހިނގައްޖެ ނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަން ނުޖެހިއެއް ނުދާނެއެވެ!
ދަރިން ދީނުގައި ސާބިތުކުރުވަން އެދޭ ނަމަ ދަރިންގެ ޢުމުރާއި އަދި ވިސްނުމާއި ގުޅޭ ގޮތުން ނަރަކަ އާއި ސުވަރުގޭގެ ވާހަކަތައް އަބަދުވެސް ދަރިންނާއި ދައްކާށެވެ! ގިނަގިނައިން ދައްކާށެވެ! އަދި ދަރިންނަށް އަޑު އިއްވައި ﷲ ތަޢާލާއަށް ޙަމްދުކުރުމާ ﷲ ތަޢާލާ މަތިވެރިކުރުން ގިނަކުރާށެވެ! ލިބޭ ކޮންމެ ނިޢްމަތަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ދަރިންނަށް ގިނަގިނައިން ހަނދާންކޮށްދޭށެވެ! މައިން ބަފައިން ދައްކާ ވާހަކަތަކުގައި ﷲ ތައާލާއަށް ޝުކުރުކުރުން ގިނަކޮށް އެއަޑު ދަރިންނަށް އިއްވަމުން ގެންދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން