ކިތަންމެ ގިނަ، ކިތަންމެ މަޝްހޫރު މީހަކު ބުނެގެން ނަމަވެސް ދީނުގައި ނެތް ގޮތަކަށް ކަމެއް ކުރެވިއްޖެ ނަމަ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކިތަންމެ ގިނަ، ކިތަންމެ މަޝްހޫރު މީހަކު ބުނެގެން ނަމަވެސް ދީނުގައި ނެތް ގޮތަކަށް ކަމެއް ކުރެވިއްޖެ ނަމަ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ!

"ކޮންމެ މީހަކު ކުރި ނަމަވެސް ކުށް ވާނީ ކުށަކަށެވެ. ބާޠިލު ވާނީ ޞާޠިލަށެވެ! ނަޞްރުދޭން ވާނީ ޙައްޤަށެވެ!" 

މިއީ ޝައިޚް މުޙައްމަދު ޝަމްޢޫން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅު އިތުރަށް ފުރިހަމަކޮށްލުމަށްޓަކައި ޝައިޚްގެ އަރިއަހުން އިޒުނަ އެދެމުން ޝައިޚްގެ މިބަސްފުޅަށް ކުޑަތަންކޮޅެއް އިތުރުކޮށްލަން ބޭނުމެވެ.  "ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް، ކޮންމެ މީހަކު ކުރި ނަމަވެސް ކުށް ވާނީ ކުށަކަށެވެ. ބާޠިލު ވާނީ ޞާޠިލަށެވެ! ނަޞްރުދޭން ވާނީ ޙައްޤަށެވެ!"

އެހެނީ ކިތަންމެ ގިނަ ބައަކު ބުނެގެން ނަމަވެސް އަދި ކިތަންމެ މަޝްހޫރު މީހަކު ބުނެގެން ނަމަވެސް ދީނުގައި ނެތް ގޮތަކަށް ކަމެއް ކުރެވިއްޖެ ނަމަ އެމީހަކު އެކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ! އަޅުކަމުގެ ގޮތުގައި ކުރެވޭނެ ކަންކަމާއި އަޅުކަން ކުރަންވީ ގޮތް ރަސޫލް (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެކަންކަމަށް އުނި އިތުރު ގެނައުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ޢިލްމުވެރިންނަށް ވެސް ގޮތް ނިންމަވަން ހުއްދަ އޮތީ އަލަށް ކުރިމަތިވާ ކަންކަމުގަ އާއި ކީރިތި ޤުރްއާނާއި ސުންނަތުން ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކަންކަމުގައެވެ. 

އިސްލާމް ދީނުގެ ކަމެއްގައި ކީރިތި ޤުރްއާނާއި ޙަދީޘްފުޅުން ސާބިތުވާން އޮތްގޮތް ދާދިފަހުން ހާމަކުރުމުން މީހަކު ބުނެފައިވެއެވެ. "ކަން ތިއަފަދައިން އޮތް ނަމަވެސް ކުރާނީ ކީއްތޯއެވެ؟ ތިއަ ބާވަތުގެ އެއްވެސް ވާހަކައެއް މިރަށުގެ މީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ޤަބޫލުކުރަނީ ހަމައެކަނި މިވެނި ބޭފުޅަކު ވިދާޅުވާ ގޮތެވެ! އަދި އެބޭފުޅަކު ވިދާލުވާ ގޮތް ނޫން ގޮތަކަށް ކީރިތި ޤުރްއާނާއި ސުންނަތުން ބުނެދިން ނަމަވެސް މީސްތަކުން އެބޭފުޅާ ވިދާޅުވާ ގޮތަށް ޢަމަލުކުރުން ގިނަކުރެއެވެ." 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކިރިތި ޤުރްއާނާއި ސުންނަތަށްވުރެ މަތިން ފަތުވާ ދެވޭނެ އަދި ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންވެފައި އޮތްކަމެއް އެހެން ގޮތަކަށް ބަދަލުކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ދެއްވަވާފައެއް ނުވެއެވެ. އަދި އެގޮތަށް ދެވޭ ފަތުވާ ޤަބޫލުކުރުމުގެ ޙައްޤުވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. 

އިސްލާމް ދީނުގެ ޙުކުމްތައް ބަދަލުކުރުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ! އަދި ﷲ ތަޢާލާއަށް އީމާންވެގެން ހުރި އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. މީސްތަކުންނަށް އޮތީ ޙައްޤަށް ނަޞްރު ދިނުމެވެ. ޙައްޤަށް ނަޞްރު ދިނުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެކަން ކުރެވޭނީ ކީރިތި ޤުރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ޢަމަލުކުރުމުންނެވެ. 

ޢިލްމްވެރިންގެ އަރިހުން އުނގެނެންވީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތުގައި އޮތް ގޮތެވެ! ޢިލްމުވެރިޔާ ނެރުއްވާ އަމިއްލަފުޅު ޙުކުމްތަކެއް ނޫނެވެ!  والله أعلمُ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން