އޭނާއަކީ ދިރިއުޅުމުގައި ވަރަށް ގިނަ ތަފާތު މައްސަލަތައް ކުރިމަތިވެ ވަރަށް ހިތްދަތިކަމާއިއެކު ޙަޔާތް ހޭދަކުރަމުން ގެންދާ އަންހެނެކެވެ. ގިނަ މައްސަލަތަކަކާއިއެކުވެސް ހިތްވަރު އެލުވާ ނުލައި ދިރިއުޅެމުން އަންނަ އަންހެނެކެވެ. އެކަނި 4 ދަރިން ބަލައި ބޮޑުކުރި ކެތްތެރި ހިތްވަރުގަދަ އަންހެނެކެވެ. އޭނާއަކީ ދީންވެރިއެކެވެ. ކޮންމެ ޙާލެއްގައިވެސް ދަމުނަމާދާއި ފަތިސްނަމާދުވެސް ކުރަމުން އަންނަ ތަޤްވާވެރި އަދި އަޅުކަމުގައި މުރާލި އަންހެނެކެވެ.
އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ޙައްލުކުރުމާއިމެދު ޢަމަލުކުރާނެ ގޮތެއް ނިންމަން އޭނާއަށް ވަރަށް އުނދަގޫވިއެވެ. އެތައް ގިނަ މައްސަލަތަކެއް އެކަމުގައި ހުރުމުންނެވެ. ދީނީ ޢިލްމުވެރިންގެ އިރުޝާދާއިއެކު އޭނާ އިސްތިޚާރާ ނަމާދުކޮށް ދުޢާ ކުރީ އެރޭގެ ދަންވަރު 2 އާއި 3 އާއި ދެމެދުގެ ވަގުތެއްގައެވެ.
ހެނދުނު 9 ޖަހާ އެހާކަންހާއިރު އަތަށް އެރި ލިޔުމުމަކުން ސާފުވެގެންދިއައީ ޢަމަލުކުރަންވީ ގޮތެވެ! ލިޔުން ފޮނުވީ ފޮނުވަންޖެހޭ ފަރާތުންނެވެ. ވީމާ އެކަމުގައި އިތުރަށް ވިސްނާކަށްވެސް ނުޖެހުނެވެ. ކުރިއަށްދާންވީ މަގު ދިއައީ ފެނިގެނެނެވެ.
މިއީ މިއަދުނޫހާއި ވަރަށް ބޮޑަށް ގުޅުން އޮތް، މިއަދުނޫހުގެ ކިޔުންތެރިއަކަށް ހަމަ މިއަދު ކުރިމަތިވި ކަމެކެވެ. ކަންކަން ހިނގައިދިއައީ ހިނގަމުންދާ ގޮތްވެސް އެނގޭ ޙާލަތުގައެވެ. ވީމާ މިކަން ހިނގައި މިދިއައީ މިއަދުނޫހަށް ޔަޤީންކުރެވޭ ގޮތަށެވެ.
ކޮންމެ މީހަކަށް ކޮންމެ ކަމެއް އެއްގޮތަކަށް މެދުވެރިނުވެދާނެއެވެ. ބައެއް ކަންކަން ﷲ ހިންމަވައި ދެއްވަވަނީ ލަހުންނެވެ. އަނެއްބައި ކަންކަން ހަމަ ވަގުތުން ކަމަށް ބުނުމުގެ ފުރުޞަތު ލިބިގެންދަނީ މިފަދަ ކަންކަން މިގޮތަށް މެދުވެރިވަމުން އަންނާތީއެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އިޚްލާޞްތެރިއަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ކަމަށެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އާއި ﷲ ގެ ޙަޟްރަތާއިމެދު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.