މި ދަތި ޙާލަތުގައިވެސް ރަޙްމަތާއި ކާމިޔާބީއަށް އެދޭ މީހާ މި މަގުން ކަންކަން ކުރާށެވެ! ނަތީޖާ ފެންނާނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މި ދަތި ޙާލަތުގައިވެސް ރަޙްމަތާއި ކާމިޔާބީއަށް އެދޭ މީހާ މި މަގުން ކަންކަން ކުރާށެވެ! ނަތީޖާ ފެންނާނެއެވެ! އިން ޝާ ﷲ

ވަކި މީހެއްގެ އެއް ނޫނެވެ! ދުނިޔޭގެ އެންމެންނަށް ބެލި ނަމަވެސް ކަންބޮޑުވުމެއްގައި ނެތް މީހަކު ނެތް ކަމަށްވެސް ބުނެވިދާނެއެވެ. އެންމެންވެސް މިތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބީއާއި ކުރިއެރުމަށް އިންތިހާއަށް ބޭނުންވެފައެވެ. 

ކޮންމެ މީހަކީ ވެސް ކުރިއެރުމާއި ކާމިޔާބީއަށް އެދޭނެ މީހެކެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސްމެއެވެ. ކުރިއެރުމާއި ކާމިޔާބީއަކީ އެކަމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ. 

ކުރިއެރުމާއި ކާމިޔާބީއަށް އެދިގެން މަސައްކަތްކުރާއިރު އެހެން މީހުންނަށް ނުބަލާށެވެ! މިބުނަނީ އެހެން މީހުންނަށް ލިބިފައިވާ ކުރިއެރުމަށާއި ކާމިޔާބީއަށް ނުބެލުމަށެވެ! ކޮންމެ ކަމެއްވެސް، ކޮންމެ މީހަކަށްވެސް މިންވަރުކުރައްވަވަނީ އެމީހަކަށް ލިޔުއްވަވާފައިވާ ވަރަށެވެ! ވީމާ އެހެން މީހުންނަށް މިންވަރުކުރައްވަވާ ނިޢްމަތްތަކަށް ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

އެހެން މީހަކަށް ނުވަތަ ބައަކަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް މިންވަރުކުރައްވަވާފައި ވީނަމަވެސް ތިބާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ ނިޢްމަތްތަކުން އެއްވެސް މިންވަރެއް މަދެއް ނުވާނެއެވެ. ތިބާއަށް ކަނޑައަޅުއްވަވާފައިވާ މިންވަރު ހަމައަށް، ބަރާބަރަށް ތިބާއަށް ދެއްވަވާނެއެވެ! 

ވީމާ އަބަދުވެސް ބަލަންވީ ތިމާކުރާ ކަމެއް ވީހައި ފުރިހަމައަށް އަދި ވީހައި ރަނގަޅަކަށް ކުރެވޭތޯއެވެ! ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯއެވެ! ކުރިއަށްދާން މަސައްކަތްކުރަންވާނީ ޙައްޤު ގޮތުގައެވެ. 

އެއިރުން ތިބާގެ ވާޖިބު އެ އަދާކުރެވުނީއެވެ. ތިބާއަށް ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެއީ ޚުދު ތިބާއަށް ވެސް ނުވަތަ ތިބާއަށްވެސް އަމިއްލައަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ! މާނައަކީ އަމާޒު ކަނޑައަޅައިގެން މަސައްކަތްކުރާށެވެ! ޙާޞިލުކުރެވޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރެކެވެ! 

އެކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން، ދެއްވަވާ މިންވަރަށް ރުހި ޤަބޫލުވެގެން އަދި ޝުކުރުކުރާ ޙާލު މަސައްކަތްކުރަމުން ގެންދާށެވެ! އެއިރުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން