ދިރިއުޅެން ކުރާ މަސައްކަތުގަ މާލީ ގޮތުން ގެއްލުންވާނަމަ ތިމާގެ ތެދުވެރިކަމާއިމެދު ވިސްނާށެވެ! ތެދުވެރި ނޫން މީހާއަށް ލިބޭ ފައިސާ ކިތަންމެ ގިނަ ނަމަވެސް، ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް އެއިގައި ބަރަކާތެއް ނުހުންނާނެއެވެ. ލަހުން ނަމަވެސް އަވަހަށް ނަމަވެސް މުޞީބާތްތައް ކުރިމަތިވާނެއެވެ!
ﷲ ތަޢާލާ ބަރަކާތް ނުލައްވަވާ ނަމަ ގެއްލުންތައް ދާނީ ލިބެމުންނެވެ! އެއް ކަމަކުން އަރައިގަނެވޭއިރަށް އަނެއް ކަމެއް ކުރިމަތިވާނެއެވެ! ގެއްލުމެއް ނުލިބި ދުވަސްކޮޅެއްވެލާފައި ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ!
ވީމާ މާލީ ގޮތުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަންނަން އެދޭ މީހާ، ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދޭ މީހާ، އެމީހާ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވާށެވެ! ކުރާ މުޢާމަލާތުތަކުގައި ތެދިވެރިވާށެވެ! އެއިގެ ތެރޭގައި އަނބިދަރިންނާއި ޢާއިލާ އާއިމެދު ކުރާ މުޢާމަލާތުތައްވެސް ހިމެނެއެވެ.
މިބުނަނީ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ ޙައްޤުތަކަށް ތެދުވެރިވުމުގެ ވާހަކައެވެ. އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދިނުމުގެ ވާހަކައެވެ! އަބަދުވެސް ބުނާ ފަދައިން ފިރިމީހާގެ އަތްމައްޗަށް އަރާ ފައިސާއަކީ ހަމައެކަނި އެމީހާގެ އެއްޗެއް ނޫނެވެ. އެފައިސާގައި އެމީހަކު ބަލަހައްޓަން ޖެހޭ އެންމެންގެ ރިޒްޤާއި ޙައްޤުތައްވެސް ހިމެނެއެވެ! ވީމާ އެ ޙައްޤުތައް ފުރިހަމައަށް އަދާކުރަންޖެހޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން