އަހަރެމެންނަށް ނޭނގޭތީ ބިރު ނުގަތް ނަމަވެސް ނަރަކައަށް ވަންނަން ޖެހޭ މީހާ މަރުވަނީވެސް ކުށަށް އިޢްތިރާފްވާ ޙާލުގައިކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
އަހަރެމެންނަށް ނޭނގޭތީ ބިރު ނުގަތް ނަމަވެސް ނަރަކައަށް ވަންނަން ޖެހޭ މީހާ މަރުވަނީވެސް ކުށަށް އިޢްތިރާފްވާ ޙާލުގައިކަން ޤުރްއާނުން!

ނަރަކައަށް ވަންނަ މީހުން ވަންނަނީ އެމީހުންގެ ކުށަށް އިޢްތިރާފްވާ ޙާލުގައެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާއަށް އުރެދުނު މީހުން މަރުވަނީ ވެސް އެމީހުންގެ ކުށަށް އިޢްތިރާފްވާހާލުގައެވެ. އެކަން އެހެން މީހުންނަށް ނުއެނގެނީއެވެ. މަރުވާ މީހާ އާއި އެންމެ ގާތުގައި ތިބޭ މީހުންނަށްވެސް ނުއެނގޭނީއެވެ! ބަލިޙާލު ބޮޑުވެ މެޝިންތައް ގުޅާފައި ހުރިނަމަވެސް މެޝިންތަކަށްވެސް ނުއެނގެނީއެވެ. ނަމަވެސް ކީރިތި ޤުރްއާނުން އެކަން އެނގެން އެބައޮތެވެ! 

"ހަމަކަށަވަރުން އެއުރެންގެ ނަފްސްތަކަށް އަނިޔާވެރިވެގެން ތިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިއަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބައަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިއަބައިމީހުން، އެ ބިމުގައި ހިޖުރަ ކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (ޤިޔާމަތް ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ، ނުބައިވެގެންވާ ނިމިދިއުމެކެވެ." (އައްނިސާ: 97)

ދުނިޔޭގައި އެމީހަކު ބޭނުންހައި ގޮތަކަށް ކަންކަން ކުރުމަށްފަހު އެއީ ﷲ ތަޢާލާ ތިމަންނަ އާއިމެދު އިރާދަކުރެއްވެވި ގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެކަންވެސް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ! 

"ހަމަކަށަވަރުން، ﷲ، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާކުރެތެވެ." (ޔޫނުސް: 44)

މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ މީސްތަކުން ﷲ ތަޢާލާއަށް އުރެދި ފާފަތައްކޮށް، ނަރަކައަިގެ ޢަޛާބު ލިބިގަންނަނަނީ އެމީހުން އަމިއްލައަށް ކަމެވެ. އެމީހުން އަމިއްލަ އިޚްތިޔާރުގައި ކުރާ ފާފަތަކުންކަމެވެ! 

ވީއިރު ތިމާ ﷲ ތަޢާލާއަށް އުރެދި ތިމާ ކުރާ ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަ ޖެހުމުން އެއީ ތިމާއަށް ލިބުނު އަނިޔާއެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ނިންމަވާނީ އެންމެ އަދުލުވެރިކަމާއިއެކުގައެވެ. ޙުކުމް ކުރައްވަވާނީ  އެންމެ އިންޞާފުންނެވެ. ޒައްރެއްގެ މިންވަރުންވެސް ބޭއިންޞާފުން ޙުކުމް ނުކުރައްވަވާނެތެވެ! މީހަކަށް ލިބެންޖެހޭ ޒަރެއްގެ މިންވަރުގެ ހެޔޮ ޢަމަލަކުންވެސް މަޙްރޫމް ނުކުރައްވަވާނެތެވެ! މިއީ ކީރިތި ޤުރްއާނުން އެނގެން ހުރި ކަންކަމެވެ. 

ނަރަކައިގައިވެސް އެކި މީހުންނަށް ޢަޛާބް ދުެއްވަވާނީ އެކިވަރަށެވެ. އެމީހަކު ކުރި ކުށަކާއި ނުވަތަ ފާފައަކާއި އެއްވަރަށެވެ. އެފާފަފައެއް ކުރުމުން ޢަޛާބު ލިބެން ޖެހޭ މިންވަރަށެވެ. ދުވަހަކުވެސް ނަރަކައިން މިންޖު ނުވެވުން އޮތީވެސް އެމީހާ ކުރާ އަމަލުގެ މައްޗަށެވެ! އެހެނީ ދުވަހަކުވެސް ނަރަކައިން ސަލާމަތް ނުވެވޭނީ ކޮން ކުށެއް ކުރުމުންކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙި ކުރައްވަވައިފައެވެ. 

"ހަމަކަށަވަރުން، اﷲ، އެކަލާނގެއަށް ޝަރީކްކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲ އަށް ޝަރީކްކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." (އައް ނިސާ: 48) 

އެއްވެސް މީހަކަށް ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާ ވެއްދެވުން ކަމަކަށް ނުބުނެވޭނެއެވެ! އެހެނީ ﷲ ތަޢާލާ ނަރަކައަށް ވައްދަވާނީ ނަރަކައަށް ވަނުމުގެ މަގު އިޚްތިޔާރުކުރި މީހުންނެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތި ނުވި މީހުންނެވެ. ޤިޔާމަތް ދުވަސް އަންނާނެކަމާއި ޙިސާބު ބެއްލެވޭނެ ކަމާ ތިމާ ކުޅަ އަމަލުތަކަށް ތިމާއަށް ޙައްޤު ޖަޒާ ދެއްވަވާނެކަން ޤަބޫލުކޮށް ޢަމަލު ނުކުރި މީހުންނެވެ. ކުރުކޮށް ބުނާނަމަ ނަރަކައަށް ވަންނަން ބޭނުންވި މީހުންނެވެ. 

އިންސާނުން އުފެއްދެވީ ﷲ ތަޢާލާއެވެ! އެންމެހައި އިންސާނުންނީ ﷲ ތަޢާލާގެ އަޅުންނެވެ! ދުނިޔޭގައިވެސް އަޅުން އެމީހުންގެ ސާޙިބު މީހާއަށް ނުކިޔަމަންތެރިވުމުން ޞާޙިބު މީހާ ދޭ އަދަބު ކުށްވެރިކުރެވޭ ހެއްޔެވެ؟ 

ކޮންމެ ޤައުމެއްގައިވެސް ރައްޔިތުން އުޅެންޖެހޭ ގޮތް ބަޔާންކުރާ ޤާނޫނު އަސާސީއެއް އޮވެއެވެ. އެއާއި ޚިލާފުވުމުން ދޭ އަދަބަކީ ބޭއިންޞާފުން ކުރާ އަނިޔާއެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެ އަދަބު ވާނީ އެމީހަކު އަމިއްލައަށް ލިބިގަތް އަނިޔާއަކަށް ނޫން ހެއްޔެވެ؟ 

ދުނިޔޭގެ މިލްކްވެރި ފަރާތަކީ ﷲ ތަޢާލާއެވެ! މީސްތަކުންގެ މިލްކުވެރިފަރާތަކީ ﷲ ތަޢާލާއެވެ! މީސްތަކުން ދުނިޔޭގައި އަމަލުކުރަންވީ ގޮތް އަންގަވައި ބާވައިލައްވަވާފައިވަނީ ޤުރްއާނެވެ! އެކަން ޤަބޫލުނުކުރުމުން، ޤުރްއާނުގައިވާ ގޮތަށް އަމަލުނުކުރުމުން ދެއްވަވާ ޢަޛާބަކީ އަނިޔާއެއް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތީ މި ފަދަ އެތައް ސަބަބުތަކަށްޓަކައެވެ! 

ވީއިރު އެމީހާ ދިއުމަށް އަމިއްލައަށް ބޭނުންވި ތަނަށް ދެވުމުން އެކަން ކުށްވެރިކުރެވޭނީ ކިހިނަކުންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން