މިއީ ފަތިސް ނަމާދަށް އިހްމާލްވި ޒުވާނެއްގެ ގައިގައި އަލިފާން ހިފި ހާދިސާއެއްގެ ވާހަކައެވެ. އޭނާގެ އަމިއްލަ އަތުން ލިޔެ އޭނާގެ ފޭސްބުކުގައި ހާމަކޮށްފައިވާ ވާހަކައެކެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!
"ފަތިސް ނަމާދަށް ބަންގި ގޮވިއިރުވެސް އަހަރެން އޮތީ ޓިވީ ބަލާށެވެ! ބައްޕަ އައިސް ބަންގިގޮވައިފި ކަމަށާއި ނަމާދުކުރަން ބުނުމުން ވެސް އިޖާބައެއް ނުދެމެވެ. ބައްޕަ ކުރިމަތީގައި ޓީވީ ނިއްވައިލީމެވެ. ނަމަވެސް ބައްޕަ ނުކުމެގެން ދިއުމުން ކޮޓަރި ތަޅުލާފައި ޓީވީގެ އަޑު ކަނޑާލައިގެން އަހަރެން އޮތީ ނިދާށެވެ!
ހޭލެވުނީ ހެނދުނު 9 ވެސް ޖެހިފަހުންނެވެ. ހޭލެވުމުން ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ފަތިސް ނަމާދު ޤަޟާކުރަން ބޭނުންވިއެވެ. ނަމަވެސް އެވަގުތު ޝައިޠޯނާ އަހަރެންނަށް ވިސްނައިދިނީ މިވަގުތު އަދި ނަމާދު ނުކުރިނަމަވެސް އެންމެ ރަނގަޅުވާނެ ކަމަށެވެ. ފަހުން މެންދުރު ވަގުތާއި ގާތްވުމުން ދެ ނަމާދު އެކުގައި ކޮށްލި ނަމަވެސް ރަނގަޅުވާނެ ކަމަށެވެ. އެ ވަސްވާސްތަކަށް ޢިޖާބަ ދެވުނެވެ.
މޫނު ދޮވެލައިގެން ބަދިގެއަށް ވަދެ ސައިބޯން ބިސްގަނޑެއް އަޅަން އުނދުން ރޯކޮށްލިތަނާ އުނދުނުގައި ހުޅުހިފިއެވެ. އަހަރެންގެ ޓީޝާޓުގައިވެސް އަލިފާން ހިފިއެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަނީމެވެ. ހޭންޑްޝަވަރުން ޕްރެޝަރުގަ ފެންޖަހަން ފެށީމެވެ.
އެވަގުތު އަހަރެންނަށް ވިސްނުނެވެ. މިލިބުނީ ނަމާދު ނުކުރުމުގެ ޢަޛާބެވެ! ބައްޕަގެ ބަހަށް އިޛާބަ ނުދެވުނު ކަމުގެ ޢަޛާބެވެ! ބައްޕް ބުނުމުން ޢިޖާބަދީ ނަމާދުކުރުމުގެ ބަދަލުގައި ނަމާދާއި ޣާފިލުވެވުނު ކަމުގެ ޢަޛާބެވެ!
އެއިގެ ފަހުން ދުވަހަކުވެސް އެންމެ ނަމާދަކަށްވެސް އިހްމާލެއް ނުވަމެވެ! ވަގުތުވުމުން ނަމާދުނުކޮށް އެހެން އެއްވެސް ކަމެއް ނުކުރަމެވެ. ކޮންމެ ގޮތަކުން ނަމަވެސް ފަތިސްނަމާދުވެސް ކުރަމެވެ. އަދި އެންމެ ރެއަކުވެސް ނުނިދައި ޓީވީ ބަލާކަށް ނުއޮންނަމެވެ. ފަތިސް ނަމާދަށް ނުހޭލެވިދާނެކަމުގެ ބިރަށެވެ!"
މިއީ އެ ޒުވާނާގެ ވާހަކައެވެ! ނަމާދަށް އިހްމާލުވުމުން މިދުނިޔޭގައި ކޮންމެ މީހަކަށް މިފަދަ ޙާދިސާއެއް ކުރިމަތިނުވެދާނެއެވެ! މިދުނިޔޭގައި ކޮންމެ މީހެއްގެ ގައިގައި އަލިފާން ނުހިފައިފާނެއެވެ. ނަމަވެސް ކުރިއަށް އޮތީ ނަރަކައިގެ އަލިފާނުން ސަލާމަތް ނުވެވިދާނެ ދުވަސްކަމަށް ބަލައި ބިރުވެތިވާށެވެ! މީހުންނަށް ކުރިމަތިވާ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން