ޝައިޚް ސުދައިސް ބާރަ އަހަރުގަ ޙާފިޡެއް! 22 އަހަރުގަ ޙަރަމްފުޅުގަ އިމާމްވެ ހުކުރު ކުރެއްވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޝައިޚް ސުދައިސް ބާރަ އަހަރުގަ ޙާފިޡެއް! 22 އަހަރުގަ ޙަރަމްފުޅުގަ އިމާމްވެ ހުކުރު ކުރެއްވި!

ދެ ޙަރަމްފުޅު ބަލަހައްޓަވާ ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ފެބްރުވަރީ 1960 ގައި ސަޢުދިޢަރަބިޔާގެ ވެރިރަށް ރިޔާޟް ގައެވެ. 

ޢުމުރުފުޅުން 12 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ހުންނެވި ޙާފިޡެކެވެ. 1984 ވަނަ އަހަރު ޢުމުރުފުޅުން އެންމެ 22 އަހަރުގައި ޙަރަމްފުޅުގައި އިމާމްވެ ހުކުރު ކުރެއްވެވުމުގެ ޝަރަފް ހޯއްދެވިއެވެ. 2005 ވަނަ އަހަރު "އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތު"ގެ އެވޯޑް ލިބިވަޑައިގެންނެވިއެވެ. 

އިސްލާމީ ޝަރީޢާ އިން މަތީ ތަޢްލީމް ޙާޞިލުކުރައްވައިގެން ހުންނެވި އިމާމް ސުދައިސްގެ މިހާރުގެ ރަސްމީ މަޤާމަކީ "ޖެނެރަލް ޕްރެޒިޑެންޓް ފޮރ ދަ އެފެއާޒް އޮފް ދަ 2 ހޯލީ މޮސްކްސް" އެވެ. މިއީ ސައުދިޢަރަބިޔާގައި ވަޒީރުންގެ ފެންވަރުގެ މަޤާމެކެވެ. 

ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސް ވަނީ އެތައް މިލިއަން މުސްލިމުންގެ ލޯބި ހޯއްދަވައިފައެވެ. ކީރިތި ޤުރްއާން ކިޔަވައިވިދާޅުވާ ރާގަށް އެތައް މިލިއަން ބައަކު ލޯބިކުރެއެވެ. އެ ރާގަށް ކިޔަވަން އެތައް މިލިއަން ދަރިވަރުންނާއި މީހުން މަސައްކަތްކުރެއެވެ! 

ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްއަކީ ޓެރަރިޒަމާއި ދެކޮޅަށް ބަސްފުޅު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ފަލްސްޠީނުގެ މައްސަލައިގައި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެމަނިކުފާނަށް އިސްލާމް ދީނުގެ ޢަދުއްވުން އިންތިހާއަށް ނަފްރަތުކުރެއެވެ. އެމެރިކާއަށާއި ކެނެޑާއަށް ވަޑައިގަތުންވެސް މަނާކޮށް ހުއްޓުވިއެވެ. 

ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްގެ ކާމިޔާބީން ލިބިގެންދާ އެންމެ ބޮޑު ފިލާވަޅަކީ ސާބިތުކަމާއިއެކު އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ދެމިހުރެއްޖެ ނަމަ ކާމިޔާބީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންދާނެއެވެ. މީސްތަކުންގެ ލޯބިވެސް ލިބިގެންދާނެ ކަމެވެ.

މިއަދު އޮންލައިން