ބިރެއް ނުގަނޭ ހެއްޔެވެ؟ ރަސޫލް, ޞޢވ ނުބައި އެކުވެރިންގެ މިސާލު ދައްކަވާފައިވަނީ އަލިފާނުގެ ގޮތުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ބިރެއް ނުގަނޭ ހެއްޔެވެ؟ ރަސޫލް, ޞޢވ ނުބައި އެކުވެރިންގެ މިސާލު ދައްކަވާފައިވަނީ އަލިފާނުގެ ގޮތުގައެވެ!

ނަރަކައަށް ވަންނަން ޖެހޭ މީހުންގެ ތެރޭގައި ހިމެނިގެންދާނެ އެތައްބައަކަށް އެކަން ކުރިމަތިވާނީ އެކު އުޅެވުނު ބައެއްގެ ސަބަބުންނެވެ. އެމީހުން ކުރާ ނުބައި އަމަލުތައި ބައިވެރިވެވި ފާފަތައް ކުރެވުމުގެ ސަބަބުންނެވެ. އެކުގައި އުޅެވެ މީހުންގެ ހުންނަ ސިފަތައް އަށަގަތުމަކީ ވަރަށް ގިނަ ބައަކަށް މެދުވެރިވާ ކަމެކެވެ.

އަދި ކީއްހެއްޔެވެ؟ ނުބައި އެކުވެރިންގެ ސަބަބުން ރޫޅޭ ކއަިވެނިތައްވެސް މަދެއް ނޫނެވެ. ކުށްވެރިވެ ޖަލަށް ވަންނަން ޖެހޭ މީހުންވެސް މަދެއް ނޫނެވެ. ވީމާ މިއީ މިދުނިޔޭގެ ޙަޔާތާއިވސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ! ވަރަސް ބޮޑު އިޖުތިމާޢީ މައްސަލައެއްވެސްމެއެވެ.  

"ރަނގަޅު ރަހްމަތްތެރިންނާއި ނުބައި ރަޙްމަތްތެރިންގެ މިސާލަކީ ކަނބުރުވެރިއަކާއި އަތަރު ވިއްކާ މީހެއްގެ މިސާލެވެ. އަތަރު ވިއްކާ މީހާ ތިބާއަށް އަތަރުކޮޅެއް ދިން ނަމަވެސް، ތިބާ އޭނާގެ އަތުން އަތަރު ގަތް ނަމަވެސް އަދި އޭނާ އާއި ގައިގޯޅިވެ އުޅުމުންވެސް ތިބާގެ ގައިން ދުވާނީ އަތަރުގެ މީރުވަހެވެ. ކަނބުރުގެއަކަށްވަދެ ކަނބުރުވެރިއަކާއި ކައިރިވެ އުޅޭނަމަ ތިބާގެ ހެނދުމަށް އަލިފާން ކަނި ބުރައި ބައެއް އަނދައިދާނެއެވެ. އަދި ތިބާގެ ގައިން ދުވާނީވެސް ނުބައި ވަހެވެ." 

މިއީ މީގެ 1400 އަހަރު ކުރިން ރަސޫލް (ޞޢވ) ނުބައި ރަޙްމަތްތެރިންނާއި ރަނގަޅު ރަހްމަތްތެރިންގެ ސިފަ ބަޔާންކޮށްދެއްވަވާފައިވާ ގޮތެވެ. ޞަހީޙް ބުޚާރީ އާއި މުސްލިމް ބައްލަވާށެވެ! 

މިމިސާލަށް ބަލައިފިނަމަ މިއީ ވަރަށް ޢިބްރަތްތެރި މިސާލެކެވެ. ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައި އެވަނީ ނުބައި ރަޙްމަތްތެރިޔާގެ ކިބައިން ބުރާނީ އަލިފާން ކަނި ކަމަށެވެ. އަދި އެފަދަ މީހަކާއި ކައިރިވެއުޅޭނަމަ އެކަމުގެ ސަބަބުން ތިބާވެސް ދާނީ އަނދަމުން ކަމެވެ. ކަނި ބުރައި ތިބާގެ ފޭރާމުގައިވެސް ލޯވަޅު އެޅޭނެ ކަމަށެވެ. ގިނައިން ބައްދަލުކުރާނަމަ އެލޭ ލޯވަލުތައް ގިނަވާނެ ކަމެވެ! ނަކޮންފަދަ ބޮޑު ބިރުވެރިކަމެއް ހެއްޔެވެ؟ 

މިއަދު އަހަރެމެންނަށް ކުރިމަތިވެގެން މިއުޅެނީ މި މައްސަލައެވެ. ހުރިހާ ނުބައި ކަންކަން ކުރާ މީހުންނާއިއެކުވެސް އެބަ އުޅެވެއެވެ. އެފަދަ މީހުންނާއި ގުޅުން ބާއްވާއިރު ހިތުގައި އޮންނަނީ އެފަދަ މީހެއްގެ ސަބަބުން ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި އޭނާގެ ކިބައިގައި ހުންނަ ނުބައި ސިފަތައް ވާރުތަ ނުކުރާނެ ކަމުގައި ވެދާނެއެވެ. ނަމަވެސް އެއީ އެކަން ވާނެ ގޮތެއް ނޫނެވެ. ނުބައި އަމަލުތައް ކުރާ މީހަކާއި ގުޅިގެން އުޅޭނަމަ އޭނާގެ ކިބައިން ނުބައި ކަންކަން ކުރަން ހިތްވަރު ލިބި ނުބައި ކަންކަން ތިމާއަށްވެސް ކުރެވުން އޮންނާނީ ދާދި ގާތުގައެވެ. 99 އިންސައްތަ ފަހަރު އޮންނާނީ އެމީހަކާއި އެއްގޮތަށް އުޅެވިފައެވެ. 

ހަމަ އެފަދައިން ރަނގަޅު ގޮތުގައި އުޅޭ، ތަޢްވާވެރިއަކާއި ގުޅިގެން އުޅޭނަމަ އެކަމުގެ ފައިދާ ދާނީ ތިމާއަށްވެސް ކުރަމުންނެވެ. ތިމާގެ ތަޤްވާވެރިކަންވެސް ދާނީ އިތުރުވަމުންނެވެ. ބަންގި ގޮވީމާ ނަމާދަށް ދިއުމަށް އެމީހާ ތިބާއަށް ދައުވަތުދޭނެއެވެ. ތިބާއަށް ނުބައި ކަމެއް ކުރެވެން އުޅޭނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރާނެއެވެ. ޢިލްމުވެރިއަކާއި އުޅޭނަމަ އޭނާގެ ޢިލްމުން ތިބާއަށް ދާނީ ވާރުތަކުރަމުންނެވެ. 

އަމިއްލަ ދިރިއުޅުމަށް ބަލައިލާށެވެ! އަނބިދަރިންނަށް ސަމާލުކަން ނުދޭ މީޙުންނާއިއެކު އުޅޭނަމަ ތިމާގެ ކިބައިގައިވެސް ހަމަ އެ ސިފަ އަށަގަންނާނެއެވެ. އަނބިދަރިންނަށް ސަމާލުކަން ދޭ މީހުނާއިއެކުގައި އުޅޭ ނަމަ އަނބިދަރިންނަށް ދެވޭ ސަމާލުކަން ދާނީ އިތުރުވަމުންނެވެ. އަނބިންނަށް ނުވަތަ ފިރިންނަށް ޚިޔާނާތްތެރިވާ މީޙުނާއިއެކުގައި އުޅޭނަމަ ހަމަ އެ ސިފަތައް ތިމާގެ ކިބައިގައި ވެސް އަށަގަންނާނެއެވެ. މިހެން ގޮސް މިފަދަ ކިތަންމެ ގިނަ މިސާލުތަކެއް ވެސް ދެއްކިދާނެއެވެ. 

ނުބައި މީހުންގެ ތެރެއިންވެސް އެންމެ ނުރައްކާތެރި މީހުންގެ ތެރޭގައި މަކަރުވެރިންނާއި ދޮގުހަދާ މީހުންނާއި ފިތުނަ ފަސާދަ އުފައްދާ މީހުންނާއި ދެބައުޑުވާ މީހުންނަކީ ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. އެފަދަ މީހަކާއިއެކު ގުޅުން ބޭއްވޭނަމަ ޢާއިލީ ދިރިއުޅުމާއި ދިރިއުޅުމުގެ އެންމެހައި ކަންކަން ޚަރާބުވެގެން ހިނގައިދާނެއެވެ. 

ކޮންމެއަކަސް ވިސްނައި ބިރުވެތިވާންވީ އާޚިރަތް ދުވަހަށެވެ. އެކުވެރިންގެ ގޮތުގައި ނ ުބައި މީހުން ގެންގުޅުމަކީ ނަރަކަ ޢާއި ގާތްވަމުންދާނެ ސަބަބެކެވެ. ރަނގަޅު މީހުންނާއި އެކުވެރިވެގެން އުޅުމަކީ ސުވަރުގެ ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ވީމާ އާޚިރަތް އެދޭނަމަ އެކުވެރިންގެ ގޮތުގައި ނުބައި މީހުން ނުގެންގުޅޭށެވެ! އެފަދަ މީހުންނާއި ދުރުހެލިވާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން